ހަ މަހުގެ ދަރިފުޅު އަބަދު ހޭލަނީ: މައްސަލައެއް؟

ތުއްތު ދަރިފުޅުގެ އުމުރުން ހަ މަސް ވާއިރު ވެސް ރޭގަނޑު އިރުއިރުކޮޅާ ހޭލާ ހެއްޔެވެ؟ އެހާ ޅަ އުމުރުގައި ހަމަ ނިދި ނުލިބޭ ނަމަ ހެދިބޮޑުވުމަށް ހުރަސް އެޅޭނެތީ ކަންބޮޑުވޭ ހެއްޔެވެ؟


އާ ދިރާސާއެއްގައި ބުނަނީ މިކަމާ ކަންބޮޑު ނުވުމަށެވެ.

ކެނެޑާގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާސާއަކަށް ފަހު ބުނީ އުމުރުން ހަ މަސް ވާއިރު ވެސް ރޭގަނޑު ގިނަ ވަގުތު ހޭލައި އުޅުނަސް ނުވަތަ ރޭގަނޑު 6-8 ގަޑިއިރުގެ ނިދި ނުލިބުނަސް އެއީ މައްސަލައެއް ނޫން ކަމަށެވެ.

މި އުމުރުގައި ނިދި މަދުވިޔަސް އެއީ ވިސްނުމާއި ވާހަކަ ދެއްކުމާއި ހެދިބޮޑުވުމަށް އެޅޭ ހުރަހެއް ނޫން ކަމަށް ދިރާސާއަށް ފަހު ވަނީ ބުނެފަ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި މެކްގިލް ޔުނިވަސޓީގެ އެސިސްޓެންޓް ޕްރޮފެސަރު މޭރީ-ހެލެން ޕެނެސްޓްރީ ވިދާޅުވީ ކުޑަ ދަރިފުޅު މާގިނައިރު ނުނިދާ އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ސިއްހީ އެހީތެރިންނާއި އެކުވެރިން ވިސްނާދީފައި އޮތް ނަމަ އެއީ ގޯހެއް ކަމަށެވެ.

"މުޅި ރޭ އެއްކޮށް ނިދަން އާދަވުމަކީ ވެސް ހެދި ބޮޑުވުމުގެ މަރުހަލާގެ ތެރެއިން ފުރިހަމަވާ ކަމެއް. އެއީ ވެސް ހިނގުމާއި ވާހަކަ ދެއްކުން ފަދަ ކަމެއް. ހަމަ ކުއްލިއަކަށް ވާނެ ކަމެއް ނޫން އެއީ، ނިދުމުގެ އާދަ ބަދަލުވަމުން ދިއުމުގައި އެކި ކުދިންގެ މެދުގައި ބޮޑެތި ތަފާތުތައް ހުންނާނެކަން ފާހަގަކުރައްވަމުން މޭރީ ވިދާޅުވި އެވެ.

ޕީޑިއޭޓްރިކްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނީ ކުދިން ނިންދެވުމުގައި ވަކި އާދައަކަށް ކުދިން ހާނުވާން ޖެހޭނެ ކަމަށެވެ. ވަކި ވަގުތެއްގައި ނިދަން އޮށޯތުމާއި ނިދުމުގެ ކުރިން ފެންވެރުވުމާއި މަސާޖުކުރުމާއި ވާހަކަ ކިޔައިދިނުން ފަދަ ކަންކަމަކީ މިގޮތުން އާދަކުރެވިދާނެ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.