ބުއްފުޅި ދޭ ނަމަ ވާތްތެރިއަކަށް ވުމުގެ ފުރުސަތު ބޮޑު

ވާތްތެރިއަކަށްވުމަކީ ޖެނެޓިކްސްއާ ގުޅުން ހުރި ކަމަކަށް ވިޔަސް، އުމުރުން ނުވަ މަސް ވުމުގެ ކުރިން ބުއްފުޅި ދޭ ކުދިން ވާތްތެރިއަކަށް ވުމުގެ ފުރުސަތު، ގާތުންދޭ ކުދިންނާ އަޅާބަލާއިރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


ލޭޓަރިލިޓީ: އެސިމެޓްރީސް އޮފް ބޮޑީ، ބްރެއިން އެންޑް ކޮގްނިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ މިއީ 62،219 މައިންނާއި ކުދިން ބައިވެރިކުރި ދިރާސާއެއް ކަމަށެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ ގާތުން ދިން ކުދިންނާއި ބުއްފުޅި ދިން ކުދިންނެވެ.

ދިރާސާ ޓީމުން ބުނީ މި ކުދިންގެ ތެރެއިން ވާތްތެރިން މަދީ ގާތުން ދިން ކުދިންގެ ތެރޭގައި ކަމަށެވެ.

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ޕްރޮފެސަރެއް ކަމަށްވާ ފިލިޕޭ ހުޖޯލް ވިދާޅުވީ ގާތުން ދޭ ކުދިންގެ ސިކުނޑި ފުރިހަމަވުމުގެ މަރުހަލާ ރަނގަޅަށް ކުރިއަށްދަނީ ކަމަށް ވެދާނެ ކަމަށެވެ.

"ރަހިމުގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އަންނައިރު ވެސް ވާތްތެރިއަކަށް ވުމަށް މެދުވެރިވާ ކަންކަން ހިނގާނެ. އެކަމަކު އުފަން ވުމަށް ފަހު ކުއްޖާ އަށް ކާންދޭ ގޮތަކީ ވެސް ވާތްތެރިއަކަށް ނުވަތަ ކަނާތްތެރިއަކަށް ވުމަށް ވެސް މެދުވެރިވާ ކަމެއް،" ސައިންސް ޑެއިލީ އަށް ފިލިޕޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ދުވަހު ގާތުން ދޭ ނަމަ، ވާތްތެރިއަކަށް ވުމުގެ ފުރުސަތު ކުޑަކަން ވެސް ދިރާސާއިން ފާހަގަވި ކަމަށެވެ.

ނަމަވެސް މި ދިރާސާއާ ބެހޭ މަޝްވަރާތަކުގައި، ތަޖުރިބާކާރުން ވިދާޅުވީ ވާތްތެރިންނަށް ވީ ކުދިންގެ ނިސްބަތަކީ ބުއްފުޅި ދިން ކުދިންގެ ތެރެއިން އެންމެ 22 ޕަސެންޓް ކަމަށެވެ. ނަމަވެސް މިއީ ވެސް ޝައުގުވެރި މިންވަރެއް ކަމަށް ބުނެފައިވެ އެވެ.