ރޭގަނޑުގެ ކަސްރަތުން ނިންޖަށް ނޭދެވޭ އަސަރެއް ނުކުރޭ
27 ފެބުރުއަރީ 2019 - 07:24
މަސައްކަތާ ހެދި ހެނދުނު ނުވަތަ ހަވީރު ވެސް ކަސްރަތަށް ވަގުތު ހުސްކުރުމަކީ ވަރަށް ގިނަ މީހުންނަށް ދަތި ކަމެކެވެ. އެކަމަކު އާންމު ވިސްނުމަކީ ރޭގަނޑު ޖިމަށް ގޮސް ކަސްރަތުކުރާ ނަމަ ނިދަން އުނދަގޫވެ، ހަމަ ނިދި ނުލިބުމެވެ.
އެކަމަކު އާ ދިރާސާއެއްގައި ބުނަނީ މި ގަބޫލުކުރުމުގައި ހަގީގަތެއް ނެތް ކަމަށެވެ. އެކަމަކު އޮސްޓްރޭލިއާގައި ކުރި މި ދިރާސާ އިން ދެއްކީ ރޭގަނޑު ބައި ގަޑިއެއްހާއިރު، ވަރުބަލިވާ ކަހަލަ ކަސްރަތެއް ކުރިޔަސް އެކަމުން ނިންޖަށް ނޭދެވޭ އަސަރެއް ނުކުރާ ކަމަށެވެ.
މި ދިރާސާއިން އެހެން ކަމެއް ވެސް ހާމަވި އެވެ. އެއީ ރޭގަނޑު ކަސްރަތުކުރުމުން، ރޭގަނޑު ބަނޑުހައިވުން ކުޑަކޮށްދޭ ކަމެވެ.
މި ދިރާސާކުރުމަށް، މެދުއުމުރުގެ 11 މީހަކު ރޭގަނޑު 30 މިނެޓް ވަންދެން ކަސްރަތުކުރުމަށް ފަހު އެ މީހުންނަށް ނިދުނީ ކިހާ ވަރަކަށްތޯ ބެލި އެވެ. އެގޮތުން މި މީހުން ހެނދުނު 6-7 ގެ ފަހުން އަދި މެންދުރުފަހު 2-4 ގެ ފަހުން އަދި ރޭގަނޑު 7-9 ފަހުން ކަސްރަތުކުރުމަށް ފަހު އެ މީހުންގެ ނިދި ހުރި ގޮތް ބެލި އެވެ.
"ހެނދުނު ކަސްރަތުކުރުމުން މުޅި ރޭގެ ނިދިން އެއްވެސް މިންވަރެއް މަދުވި ކަމަށް ބުނާ ވަރަށް ކަމެއް ފާހަގައެއް ނުވޭ. އަދި ރޭގަނޑުގެ ކަސްރަތުން ވެސް ހަމަ ފެނުނީ މިވަރުގެ ފަރަގެއް. އެކަމަކު މެންދުރު ފަހު ކަސްރަތުކުރި މީހުންނަކީ އެންމެ ގިނައިރު ނިދި މީހުންކަން ފާހަގަވި،" ޗާލްސް ސްޓޫޓް ޔުނިވަސިޓީން މި ދިރާސާގައި އިސްކޮށް ހުންނެވި ޕެނެލޯޕް ލާސަން ވިދާޅުވި އެވެ.
ހަމަ މި ދިރާސާގައި، ކަސްރަތަށް ފަހު ކެއުން ހުރި ގޮތާއި ބަނޑުގައިކަން އިހްސާސްވި ވަރު ވެސް ބެލި އެވެ. އެގޮތުން އެނގުނީ ކަސްރަތު ކުރުމުން ބަނޑުހައިކަން ކުޑަކޮށްދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނީ
27 February 2019
ތީ މާކުރިންވެސް ކަސްރަތު ކުރާ ކުދިންނަށް އިގޭ ބޮޑު ސިއްރެއް ތި ފަޅާ އަރުވާލީ