ލައިފްސްޓައިލް / ތިމާވެށި

"ޓްރޭޝްޓެގް ޗެލެންޖް" ރާއްޖެއަށް ވަރަށް ކަމުދާނެ

މާޝަލް އައިލެންޑްސްގައި #ޓްރޭޝްޓެޑް ޗެލެންޖްގެ ތެރެއިން މީހަކު މޫދު ކުނި ނެގުމުގެ މަސައްކަތުގައި.

ވެށި ހިމާޔަތްކުރަން މިހާރު އެކި ކަންކަން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަފާތު ނަންނަމުގައި ވަރަށް ޝައުގުވެރި އެތައް ބައިވަރު ހަރަކާތްތައް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަ އެވެ.

އެގޮތުން، ތަންތަނަށް އުކާލާފައި ހުންނަ ޕްލާސްޓިކް ފުޅި އާއި ކޮތަޅާއި އަދި އެ ނޫން ވެސް ކުނިބުނި ނަގައި، ވެށި ސާފު ކުރުމަކީ މިހާރު ތިމާވެށީގެ ހިމާޔަތުގައި ކެމްޕޭންކުރާ މީހުން ޗެލެންޖެއްގެ ގޮތުގައި ވެސް ނަގާ ކަމެކެވެ.

މިހާރު އެންމެ ބޮޑަށް ވައިގައި ހިފައިގެން އުޅޭ މިފަދަ އެއް ކެމްޕޭނަކީ #ޓްރޭޝްޓެޑް ޗެލެންޖެވެ. މިއީ ތަންތަނަށް އުކާލާފައި ހުންނަ ކުނިތަކުގެ ފޮޓޯ ނަގައި، އެތަނެއް ސާފުކުރުމަށް ފަހު ފޮޓޯ ނަގައި، އިންސްޓަގްރާމްގައި TrashTag# ގެ ދަށުން ޕޯސްޓްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެހެންވެ ތިމާވެއްޓަށް ކަމެއް ކޮށްދޭން #ޓްރޭޝްޓެގްގެ ހިއްސާއަކަށް ވުމަކީ ހަމަ ވަރަށް ރަނގަޅު ކަމަކަށް ވާނެ އެވެ.

މި ޗެލެންޖްގައި ބައިވެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ފަރުދީ ގޮތުންނާއި ގްރޫޕްތައް ހަދައިގެން ވެސް މިހާރު އަންނަނީ ތަންތަން ސާފު ކުރަމުންނެވެ. އޭގެ ތެރޭގައި އެއްގަމާއި މޫދު ވެސް ހިމެނެ އެވެ.

#ޓްރޭޝްޓެގްގައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެ މީހުންގެ މަސައްކަތް ވަނީ އިންސްޓްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އަދި ޓްވިޓާގައި ވެސް މި ޗެލެންޖްގެ ފޯރި ގަދަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2015 ގައި ފުރަތަމަ ފެށި #ޓްރޭޝްޓެގަށް ކުރިން ނުލިބޭގެ ވަރުގެ ސަމާލު ކަމެއް މި ފަހުން ލިބެން ފެށި ރެޑިޓުން ވެސް މި ޗެލެންޖް ޕްރޮމޯޓްކޮށް ދިނުމުގައި ބައިވެރިވާން ފެށުމުންނެވެ. އެތަނުން ވަނީ "މޭކް ދަ ވޯލްޑް ބެޓާ ޕްލޭސް" ގެ ޝިއާރާއެކު ޗެލެންޖަށް އެތައް ބައެއްގެ ހިތްޖައްސުވައިފަ އެވެ.

އުފާވެރި ހަބަރަކީ ރާއްޖޭން ވެސް ޗެލެންޖްގެ ތެރެއަށް ވަދެފައިވުމެވެ.

#ޓްރޭޝްޓެގް ޗެލެންޖް ވުޖޫދަށް ގެނައީ ޔޫސީއޯ ގިއާ ކިޔާ އައުޓްޑޯ އުފެއްދުންތައް ތައްޔާރުކުރާ ކުންފުންޏަކުންނެވެ. މިއީ އެ ކުންފުނީގެ އެމްބެސެޑަރެއްގެ ސަބަބުން ފެށުނު ކަމެކެވެ. އެއީ ސްޓީވެން ރެއިންހޮލްޑެވެ.

އޭނާ ބުނި ގޮތުގައި ކުނި ނަގައި ސާފު ކުރާ ޗެލެންޖެއް ކުރިއަށް ގެންދަން ނިންމީ ކެލިފޯނިއާ އަށް އެކުވެރިންތަކަކާ އެކު ކުރި ރޯޑް ޓްރިޕެއްގެ ތެރެއިން ކުރަން ޖެހުނު ތަޖުރިބާއަކާ ހެދި އެވެ.

"އަހަރެމެން ދިޔަ ތަންތަނުގެ ތެރޭގައި ވަރަށް ވެސް ހިތްގައިމު ތަންތަން ހުރި. އެކަމަކު ކުނިބުނީގެ ސަބަބުން އެތަންތަނުގެ ރީތިކަން އޮތީ ފޮރުވައި،" ސްޓީވެން ބުންޏެވެ. "އެހެންވެ އެ ހިސާބުން ފެށުނު މަސައްކަތެއް މިއީ ހަގީގަތުގައި."

އޭގެ ފަހުން #ޓްރޭޝްޓެގްގެ ދަށުުން އަންނަނީ ކުންޏަށް ހޭލުންތެރިކަން އުފައްދަން ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭނާ ބުނި ގޮތުގައި ގިނަ ބަޔަކު މިހާރު މި ޗެލެންޖްގައި ބައިވެރިވުމަކީ އެ މީހުން ފެށި މަސައްކަތް ކާމިޔާބުވާކަމުގެ ހެއްކެކެވެ.

"އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކުންފުންޏާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ." ސްޓީވެން ބުންޏެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454