ލައިފްސްޓައިލް / ތައުލީމް

މުސާރައިގެ 80 ޕަސެންޓް ހަދިޔާކުރާ ޓީޗަރަކަށް މިލިއަން ޑޮލަރުގެ އެވޯޑެއް

މި އަހަރުގެ ގްލޯބަލް ޓީޗާ ޕްރައިޒް ހޯދި ޕީޓާ ތަބީޗީ.

ފަގީރު އާއިލާތަކުގެ ކުދިންގެ ކިޔެވުމަށް، މަހު މުސާރައިގެ 80 ޕަސެންޓް ކޮންމެ މަހަކު ވެސް ހަދިޔާކުރާ ކެންޔާގެ ޓީޗަރަކަށް އިނާމެއްގެ ގޮތުގައި އެއް މިލިއަަން ޑޮލަރު ލިބިއްޖެ އެވެ.

ހިސާބާއި ފިޒިކްސް ކިޔައިވައިދޭ ފިރިހެން ޓީޗަރު ޕީޓާ ތަބީޗީ އަށް އެއް މިލިއަން ޑޮލަރު ލިބުނީ ކުދިންނަށް ތައުލީމު ފޯރުކޮށްދޭން ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ވާކީ ފައުންޑޭޝަނުން ދޭ ގްލޯބަލް ޓީޗާ ޕްރައިޒާ އެކީގަ އެވެ. އެ އިނާމު އޭނާއާ ހަވާލުކޮށްފައި ވަނީ ދުބާއީގައި އާދީއްތަ ދުވަހު ބޭއްވި އެވޯޑް ހަފުލާގަ އެވެ.

އެ ހަފުލާގައި ދުބާއީގެ ވަލީއަހުދު ޝައިހް ހަމަދު ބިން މުހައްމަދު އަލް މަހްތޫމާއި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހިއު ޖެކްމަން ވެސް ބައިވެރިވި އެވެ.

ޕީޓާއަކީ ކެންޔާގެ ފަގީރު ސަރަހައްދެއް ކަމަށްވާ ޕުވާނީ އަވަށުގައި ހިންގާ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެކެވެ. ފަގީރު އާއިލާތަކާއި ޔަތީމުވެފައިވާ ކުދިންނަށް ތައުލީމު ދޭން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ބައިނަލްއަގްވާމީ އެވޯޑެއް އޭނާ އަށް ލިބުނު އިރު، ޕިޓީއަކީ އިންޓަނެޓްގެ އެހީގައި ވެސް ކިޔަވައިދޭ މީހެކެވެ.

އެގޮތުން އޭނާ ކިޔަވައިދޭ ދަރިވަރުން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ކާމިޔާބީތައް ވެސް ހޯދަމުންނެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ މި އަހަރު އެމެރިކާގެ އެރިޒޯނާގައި ބާއްވާ އިންޓެލް އިންޓަނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިން ފެއާ އަށް ޕީޓާގެ މެތަމެޓިކަލް ސައިންސް ޓީމް ކޮލިފައިވުމެވެ. އަދި އޭނާ ކިޔަވައިދިން ދަރިވަރުންތަކެއް ވަނީ ގަސްގަހާގެހީގެ ހަކަތައިން ކަރަންޓް އުފައްދައިގެން ރޯޔަލް ސޮސައިޓީ އޮފް ކެމިސްޓްރީ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.

ޓީޗާޒް ޕްރައިޒް ލިބުމުން އުފާވެފައި ހުރި ޓީޗަރު ބުނީ މިއީ ހަމައެކަނި އޭނާ އަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށެވެ.

"މިއީ ކެންޔާގެ ވާހަކަ އަށް އިތުރުވި އާ ސޮފުހާއެއް. މިއީ ކެންޔާ އާއި ގައުމުގެ ޒުވާނުންނަށް، ކުރިމަގަށް ލިބުނު ކާމިޔާބީއެއް،" އޭނާ ބުންޏެވެ. "މިއީ އަހަރެމެން ކުރާ މަސައްކަތަށް އިތުރުވި އާ ބާބެއް."

ޕީޓާ ބުނި ގޮތުގައި އޭނާ އަބަދުވެސް ގެންގުޅޭ ފިލޯސަފަކީ "ވާހަކަ މަދުކޮށްފައި އަމަލު ގިނަ ކުރުމެ" ވެ.

"ކާމިޔާބީއަކާ ހަމައަށް ނުވަތަ ނަތީޖާއަކާ ހަމައަކަށް ފޯރާނީ ހިތްވަރާ އެކު މަސައްކަތްކޮށްގެން،" އޭނާ ބުންޏެވެ.

ޕީޓާ ބުނި ގޮތުގައި ދަރިވަރުންނަށް ކިޔަވައިދެނީ އެތައް ގޮންޖެހުންތަކެއްގެ ތެރެއިންނެވެ. އަދި އޭނާގެ ގިނަ ދަރިވަރުންނަކީ ރަނގަޅަށް ކާން ނުލިބޭ ކުދިންނާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނާއި ޅައުމުރުގައި ބަލިވެ އިނުމާއި ކައިވެނި ކުރުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ވެއްޓިފައިވާ ކުދިންނެވެ.

"ހަގީގަތުގައި ވަރަށް ހާލުގައި މަސައްކަތް މި ކުރަނީ. އެކަމަކު އަބަދު ވެސް ބަލަން ވީހާ ވެސް ގިނަ ކުދިންތަކަކަށް ކިޔަވައިދީގެން ރަނގަޅު މިސްރާބަކަށް ގެންދެވޭތޯ،" ޕީޓާ ބުންޏެވެ.

އޭނާ ގައުމަށް ހޯދައި ދިން ކާމިޔާބީ އަށް ކެނިއާގެ ރައީސް އުހޫރު ކެނިއައްޓާ ވެސް ވަނީ މަރުހަބާ ވިދާޅުވެ، ހިތްވަރު ދެއްވައިފ އެވެެ.

0 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454