ފޯޓްނައިޓް" އަކީ 2017 ގައި ލޯންޗް ކުރި ގޭމެއް.
07 އެޕްރީލް 2019 - 06:57
ވީޑިއޯ ގޭމް ކުޅެން ދެވި ހިފާފައިވާ 11 އަހަރުގެ ކުއްޖަކަށް މިދިޔަ ހަފުތާގައި ޑޮކްޓަރު ލިޔެދިން ބޭސްސިޓީ ގައި ވަނީ މަޝްހޫރު ވީޑިއޯ ގޭމްތައް ކަމަށްވާ ފޯޓްނައިޓާއި މައިންކްރާފްޓާ ދެ ހަފުތާ ވަންދެން ދުރުގައި ހުރުމަށެވެ.
އިނގިރޭސިވިލާތުގެ ލީޑްސްގައި މަސައްކަތްކުރާ ޑރ. އާމިރު ހާން ވަނީ އެ ވާހަކަ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. މި ވާހަކަ އަށް ސަމާލުކަން ލިބިފައި ވަނިކޮށް، އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ ވެސް ވަނީ ފޯޓްނައިޓާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ވީޑިއޯ ގޭމަށް ދެހިފުމަކީ ވަރަށް ގިނަ އަދި ބޮޑެތި ސިއްހީ މައްސަލަތަކުގެ ތެރެއަށް ގަންބާލާ ކަމެކެވެ. އެހެންވެ 2017 ގައި ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ވީޑިއޯ ގޭމަށް ދެވިހިފުމަކީ ނަފުސާނީ ބައްޔެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
The best prescription I gave today was to an 11yr old lad
— Dr Amir Khan GP (@DrAmirKhanGP) March 28, 2019
“No Minecraft or Fortnight for two weeks, doctors orders!”
Addictive computer games impacting his life
I even wrote it on a prescription pad and signed it! Good luck to the pharmacist who gets that!😂#ThursdayThoughts
ވީޑިއޯ ގޭމަށް ދެވިހިފައި، އެކި އުމުރުގެ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ވާހަކަ އަކީ މިހާރު ވަރަށް ބޮޑަށް އެކި ފޯރަމްތަކުގައި ބަހުސްކޮށް، މަޝްވަރާކުރާ މައްސަލައެކެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރާ ދި ވައިއެމްސީއޭ އިން ލަންޑަނުގައި ބުރާސްފަތި ދުވަހު ބޭއްވި އިވެންޓެއްގައި ހެރީ ވިދާޅުވީ "ފޯޓްނައިޓް" އަކީ ކުޅެން ހަޔޮވާވަރުގެ ގޭމެއް ނޫން ކަމަށެވެ.
"އެއީ އެއްވެސް ފައިދާއެއް ނެތް އެއްޗެއް. އެހެންވީމާ ކޮބައި އެ ކުޅެން ޖެހޭ ސަބަބަކީ؟" ހެރީ ވިދާޅުވި އެވެ. "އެ ގޭމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ތައްޔާރުކޮށްފައިވާ ގޭމެއް."
އޭނާ ވިދާޅުވި ގޮތުގައި "ފޯޓްނައިޓް" އަކީ މީހާ އަޅުދާސްކޮށްލާ ގޭމެކެވެ. މީގެ ސަބަބުން އެއަށް ދެވިހިފައި ގޭމް ކުޅެން ސްކްރީނެއްގެ ކުރިމަތީގައި ދުވާލެއްގެ އެތައް ވަގުތެއް ހޭދަކުރުމަކީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޕްރިންސް ހެރީ: އޭނާ ވިދާޅުވީ "ފޯޓްނައިޓް" މަނާ ކުރަން ޖެހޭ ކަމަށް.
"ފޯޓްނައިޓަކީ އޭގެ އަވާގައި ޖެހިއްހެ ނަމަ އެތައް ވަގުތެއް ސްކްރީން ކުރިމަތީގައި މީހާ އަޅުވެތިކޮށްލާ ގޭމެއް. އެއީ ދެވިހިމުގެ އިންތިހާ،" އޮންލައިންކޮށް ހިލޭ ކުޅެވޭ ގޭމާ ބެހޭ ގޮތުން ހެރީ ވިދާޅުވި އެވެ. "މިކަހަލަ ކަންކަމަށް ދެވިހިފުމަކީ މީހާ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ހަލާކުކޮށްލާނެ ކަމެއް. އަނެއްކާ މިފަދަ ގޭމްތައް ތައްޔާރުކޮށްފައި ހުންނަނީ ވެސް އެއަށް ދެވި ހިފާ ގޮތަށް. އެހެންވެ އެއީ ސަމާލުވާން ޖެހޭ ކަމެއް."
ހެރީ ފާހަގަ ކުރެއްވި ގޮތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އަންނަ މިފަދަ އަޅުވެތި ކަމަކީ "ރަލާއި މަސްތުވާތަކެއްޗަށް ވުރެ ބޮޑަށް މީހާ އަޅުދާސްކޮށްލާނެ" އެއްޗިއްސެވެ.
ހަނގުރާމައިގެ މައިދާނަކަށް މީހާ ގެންގޮސްދޭ އެޕިކް ގޭމްގެ އުފެއްދުމެއް ކަމަށްވާ "ފޯޓްނައިޓް" އަކީ 2017 ގައި ވުޖޫދަށް އައި ގޭމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ރަޖިސްޓްރީވެގެން އެ ގޭމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ މީހުންގެ އަދަދު މިހާރު ވަނީ 250 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލިމީހާ
08 April 2019
ސްކޫލުނަ އައިސް ބޯ ހަމަޖައްސާލަން ދެން ކުޅެލަނީ
މަންމު
07 April 2019
އޭނަޔައްތަ އެނގެނީ ؟؟
ތުއްތުނާ
07 April 2019
ދިވެހިރާއްޖޭގައި ޑޮކްޓަރުންގެ ބޭސް ސިޓީ ތަކުގައި މިހާރު ހިމަނަން ޖެހިފައިވަނީ ވީޑިއޯ ގޭމް އަކީ PUBG ...... އެއީ ވެސް ދާއިމީކޮށް އުމުރު ދުވަހު ބޭނުންކުރާ ބޭހެއްގެ ގޮތުގައި........