09 އެޕްރީލް 2019 - 07:14
ބައެއް މީހުންނަކީ އަމިއްލަ އުފަލަކަށް އެކި އެއްޗެހި ރައްކާކުރާ މީހުންނެވެ. އެގޮތުން މިއީ ވީޑިއޯ ގޭމްތައް އެއްކުރަން ލޯބިކުރާ މީހެއްގެ ވާހަކަ އެވެ.
އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ އެންޓޯނިއޯ މޮންޓެއިރޯ އުމުރުން އެންމެ 12 އަހަރުގައި ވީޑިއޯ ގޭމްތައް އެއްކުރަން ފެށީ ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް އޭނާ ކުޅެން ބޭނުންވާ ގޭމެއް އަތުގައި ބެހެއްޓުމުގެ ގޮތުންނެވެ. މިއީ އެންމެ ގިނަ ވީޑިއޯ ގޭމް ރައްކާކޮށްގެން އުޅޭ މީހާގެ މަގާމު ހޯދަން އޭނާ ފެށި ކަމެއް ނޫނެވެ.
އެކަމަކު މިހާރު އެންޓޯނިއޯ ވެފައި ވަނީ މި ވަގުތު ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ވީޑިއޯ ގޭމް ހުރި މީހާއަށެވެ. އެ ފަހުރާ އެކު ދުނިޔޭގެ ރިކޯޑް ފޮތަށް ވެސް އޭނާގެ ނަން އަރައި ގިނިސް ވޯލްޑް ރިކޯޑުން ވަނީ އެންޓޯނިއޯ އަށް ރިކޯޑްގެ ރަސްމީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.
ގިނިސް އިން ބުނި ގޮތުގައި އެންޓޯނިއޯގެ އަތުގައި ހުރި ވީޑިއޯ ގޭމްތަކުގެ އަދަދު 20،139 އަށް އަރަ އެވެ. އަދި އެ ގޭމްތައް ގުނަން ގިނިސްގެ ޓީމަށް އަށް ދުވަސް ހޭދަވި އެވެ. އޭނާގެ އަތުގައި ޖެނެރޭޝަން 2-8 އަށް ނެރެފައިވާ އެތައް ވައްތަރެއްގެ ވީޑިއޯ ގޭމްތައް ހިމެނެ އެވެ.
އުންމީދު ވެސް ނުކުރާ ކަހަލަ ބޮޑު ޝަރަފެއް ލިބުމުން އުފާވެފައި ހުރި އެންޓޯނިއޯ ބުނީ މިއީ ގޭމްތައް އެއްކުރަން ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. މި ވަގުތު ހޯދަން އެންމެ އުނދަގޫ ވީޑިއޯ ގޭމްތައް ވެސް އެންމެ ފަސޭހަ އިން ލިބޭނީ އެންޓޯނިއޯގެ އަތުންނެވެ.
"މިހާރު މާ ބޮޑަށް ވެސް މިކަން ކުރާ ހިތްވެއްޖެ،" އޭނާ ބުންޏެވެ.
އަތުގައި ހުރި އެތައް ހާސް ގޭމެއްގެ ތެރެއިން އެންޓޯނިއޯ އަށް އެންމެ ކަމުދާ ގޭމަކީ 1991 ގައި ނެރުނު "ކާސަލްވޭނިއާ 4" އެވެ. އެ ގޭމް އޭނާ ސިފަކޮށްފައި ވަނީ "މާސްޓަޕީސްއެއް" ގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy