އިންޑިިއާގައި އަލުން ޓިކްޓޮކަށް ހުއްދަ ދީފި

މި މަހުގެ ކުރީކޮޅު އިންޑިއާގައި މަނާކުރި ޗައިނާގެ ޓިކްޓިކް އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ އަލުން ދީފި އެވެ.


އިންޑިއާގައި 120 މިލިއަނެއްހާ މީހުން ބޭނުން ކުރަމުން ދިޔަ އެޕަށް އަލުން ހުއްދަ ދޭން ކޯޓުން ނިންމީ، އެ އެޕް މަނާކުރި މައްސަލާގައި އޭގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސުން އެ މައްސަލަ މިދިޔަ ހަފުތާގައި އިސްތިއުނާފު ކުރަން ސްޕްރީމް ކޯޓަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ޓިކްޓޮކް މަނާކުރަން ކޯޓުން ނިންމި ނިންމުން ބާތިލު ކުރުމާ އެކު ކުރިއެކޭ އެއްގޮތަށް މިހާރު އިންޑިއާގައި އެޕަލް އާއި ގޫގުލް ސްޓޯރުން ޓިކްޓޮކް ޑައުންލޯޑް ކުރެވޭނެ އެވެ.

އެކަމަކު މި ފަހަރު ބައިޓްޑާންސަށް ހުއްދަ ދިނީ ޝަރުތުތަކަކާ އެކީގަ އެވެ. އެއީ އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ އަދި ޖިންސީ ކަންކަމަށް ހިތްވަރު ލިބޭ ގޮތްގޮތަށް ނަގާފައި ހުންނަ ވީޑިިއޯތައް ފިލްޓާކޮށްފައި ނޫނީ ޓިކްޓޮކަށް ނުލެވޭކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަޅަން ޝަރުތުކޮށްފަ އެވެ.

މެޑްރާސް ހައި ކޯޓަށް ޓިކްޓޮކް މަނާކޮށް ދޭން އެދި ގާނޫނީ ވަކީލުންތަކެއް ހުށަހަޅައި އަދި ފަހުން އެކަމަށް ސަރުކާރުގެ އެއްބާރުލުން ވެސް ލިބުނީ ޓިކްޓޮކްގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި ޒުވާނުންނާއި ކުޑަކުދިންގެ އަހުލާގީ މައްސަލަތައް ވެސް ފެންމަތިވަމުންދާ ކަމަށް ބުނެ އެވެ.

ބައިޓްޑާންސްގެ ބާނީ ޒާންގް ޔިމިން.

އެ އެޕް މަނާކުރި މައްސަލަ އިސްތިއުނާފު ކުރަން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބައިޓްޑާންސުން ބުނެފައިވާ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ފޭސްބުކާއި އިންސްޓަގްރާމާއި ޓްވިޓާ ފަދަ އެޕްތަކާ ހިލާފަށް ޓިކްޓޮކަކީ ކުރިން ވެސް ރައްކާތެރިކަމުގެ ގޮތުން އެހެން އެޕްތަކުގައި ބޭނުން ނުކުރާ 13 ސިކިއުރިޓީ ފީޗާ ބޭނުން ކުރަމުން އަންނަ އެޕެކެވެ.

ބައިޓްޑާންސުން ބުނީ ޓިކްޓޮކް އިންޑިއާގައި ކުއްލި ގޮތަކަށް މަނާ ކުރުމުން އެ ކުންފުންޏަށް ދުވާލެއްގެ މައްޗަށް 500،000 ޑޮލަރު ގެއްލުމަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން 250 އެއްހާ މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު ވެސް ކުރިމަތިވި ކަމަށް ބުންޏެވެ.