ނޫރު: "މޮމީ ހެލްޕާ" އަކީ އޭނާގެ މަސައްކަތެއް.
29 އެޕްރީލް 2019 - 07:09
އިޒްރޭލްގައި ދިރިއުޅޭ ޔަހޫދީންގެ ތުރާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ބޮޑެވެ. ހާއްސަކޮށް އެ ގައުމުގެ އަންހެނުންނާއި މައިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަ އެވެ.
ދިރިއުޅުން ބޮޑު ވޭނަކަށްވެފައިވާ ފަލަސްތީނުގެ ގާޒާގެ މައިންނަށް އެހީވުމުގެ ގޮތުން މިއޮތީ ހާއްސަ މޮބައިލް އެޕެއް ވުޖޫދަށް ގެނެސްފަ އެވެ. މިއީ "މޮމީ ހެލްޕާ" އެވެ.
ގާޒާގެ މައިންނަށް ދިމާވެފައިވާ އިޖުތިމާއީ އެކި މައްސަލަތަކަށް ހައްލު ހޯދައިދޭން މި އެޕްގެ އެހީގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރާނެ އިރުޝާދުތައް ލިބޭނެ އެކި ކަހަލަ ވަސީލަތްތައް އެޕް މެދުވެރިކޮށް ފޯރުކޮށް ދިނުމާއި ދަރިންނާއި މައިންގެ ސިއްހަތާއި ފިރިންގެ އެހީ ނުލިބޭ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުން އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެ އެވެ.
ހަމަމިއާ އެކު އަންހެނުން އެހީތެރިކަން ބޭނުންވާ ކޮންމެ ދާއިރާއެއް އެޕްގެ އެހީގައި ފާހަގަކޮށް ދިނުމުން ސަތޭކައެއްހާ ޕްރޮފެޝަނުންގެ އެހީ "މޮމީ ހެލްޕް" އިން ފޯރުކޮށް ދޭނެ އެވެ.
މީހަކު "މޮމީ އެޕް" ބޭނުން ކުރަނީ.
މިއީ ފަދަ ގޮތަކަށް އަންހެނުންނަށް ހާއްސަކޮށްގެން އަރަބި ބަހުން އެންމެ ފުޅާކޮށް ހިންގާ އެޕް ވެސް މެ އެވެ. "މޮމީ ހެލްޕާ" ގޫގުލް ސްޓްރޯން ޑައުންލޯޑް ކުރެވޭނެ އެވެ.
މި މަސައްކަތުގެ ފަހަތުގައި ހުރީ ގާޒާގެ ހިތްވަރު އަންހެއް ކަމަށްވާ ނޫރު އަލް ހަދްރީ އެވެ.
އޭނާ ކިޔައި ދިން ގޮތުގައި "މޮމީ ހެލްޕާ" އަކީ ގާޒާގެ އަންހެނުންނަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކުން އަރައި ގަތުމަށް މުހިއްމު އެހީއަކަށް ވާނެ އެވެ. އެކަމަކު އޭނާގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކޫ ބައެއް އަންހެނުންކީ މޮބައިލް ފޯނު ވެސް ނޯންނަ މީހުންނަށްވުމެވެ.
ނޫރު.
"އެެއީ ހަގީގަތުގައި ވަރަށް ބޮޑު ޗެލެންޖެއް. ކޮންމެ މީހަކަށް ވެސް އެ މީހަކު ހުރި ދިމާލަކުން މި އެޕްގެ އެހީގައި އެހީ ފޯރުކޮށް ދެވޭނީ އެންމެ ކުޑަމިނުން މޮބައިލް ފޯނާއި އިންޓަނެޓް ވެސް އަންހެނުންނަށް ލިބޭނެ ގޮތްވެގެން،" ކުރިން ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ނޫރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރި ގޮތުގައި ހަނގުރާމައިގެ ތުންފަތްމަތީގައި އަބަދު ތިބެން ޖެހިފައިވާ ގާޒާގެ ރައްޔިތުންގެ ވަށާލައި އޮތީ ހުސް މައްސަލަތަކެވެ. ކަންބޮޑުވުންތަކެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަމުން މަހުރޫމުވެފަ އެވެ.
"އެފަދަ ހާލެއްގައި ތިބި ބަޔަކަށް އެޕެއްގެ އެހީ ފޯރުކޮށް ދެވުނަސް ހަގީގަތުގައި އެއީ ބޮޑު ވަރެއް. ވަކިން ހާއްސަކޮށް އަންހެނުންނަށް ދިމާވެފައި ހުރި މައްސަލަތަލަށް ލުއެއް ލިބޭނެ ކޮންމެވެސް ގޮތެއް އޮތުމަކީ މުހިއްމު ކަމެއް،" ނޫރު ވިދާޅުވި އެވެ. "އަންހެނަކަށްވީތީވެ ހުރި ގޮންޖެހުންތައް އެހާ ގިނަ. މި އެޕްގެ އެހީގައި އަރަބު ދުނިޔޭގެ ހުރިހާ އަންހެނުންނަށް ވެސް އެހީތެރިކަން ފޯރުކޮށް ދިނުން ބޭނުމަކީ."
"މޮމީ ހެލްޕާ" އަށް އިނގިރޭސިވިލާތުގެ އޮކްސްފެމް ކަހަލަ ޖަމާއަތްތަކުގެ އެހީތެރިކަން ވެސް އަންނަނީ ލިބެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy