27 ޖޫން 2019 - 07:41
ޕާކިސްތާނުގެ ޓީވީ ޗެނެލަކުން ގެނެސް ދިން ލައިވް ޝޯއެއްގައި ބައިވެރިވި ސިޔާސީ މީހަކު ޝޯގެ ބައިވެރިއަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
މި މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.
ޕާކް ޓީވީން ހޯމަ ދުވަހު ގެނެސްދިން "ނިއުސް ލައިން ވިތު އަފްތާބް މުހޭރީ" ޝޯގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވި ކަރާޗީ ޕްރެސް ކުލަބްގެ ރައީސް އަދި ނޫސްވެރިޔާ އިމްތިއާޒް ހާން ފަރަން އަށް ހަމަލާ ދިނީ މެހުމާނެއްގެ ގޮތުގައި ޝޯގައި ބައިވެރިވިި، ޕާކިސްތާނުގެ ވެރިކަންކުރާ ޕާޓީ ތެހުރީކޭ އިންސާފު ޕާޓީ (ޕީޓީއައި) ލީޑަރެއް ކަމަށްވާ މަސްރޫރް އަލީ ސިޔާލް އެވެ.
އެ ދެ މީހުންގެ އިތުރުން އެހެން މެހުމާނަކު ވެސް އެ ޝޯގައި ބައިވެރިވި އެވެ.
Ashamed on this PTI leader. Very shameful. Hope Pakistani counterpart Imran khan will take action against the PTI leader Masroor Ali siyal.
— sourav maharana (@maharana_sourav) June 25, 2019
މައްސަލަ ހޫނުވީ މަސްރޫރް ހިތްހަމަނުޖެހޭ ކަހަލަ ގޮތަކަށް، ޕީޓީއައިއާ ބެހޭ ގޮތުން އިމްތިއާޒް ވާހަކަ ދެއްކެމުންނެވެ. އަދި އެކަމާ ރުޅިގަދެވެގެން، އިށީނދެގެން އިން ގޮނޑިން ތެދުވެ، އިމްތިއާޒް ބިން މައްޗަށް ވައްޓާލައި، އޭނާގެ ގައިގައި ތަޅައި މަސްރޫރް މާރާމާރީ ހިންގާފައިވެ އެވެ. އަދި އިމްތިއާޒްގެ ކަންކަށިމަމީގައި ވެސް މަސްރޫރް ޖަހާ ތަން ފެނެ އެވެ.
މި ހާޖާނުގަނޑު ހިނގި އިރު، ޝޯގައި ތިބި އަނެއް ދެ މީހުން ފުރަތަމަ ތިބީ ކުޅިބަލާށެވެ. އެކަން ހުއްޓުވާކަށް އެ މީހުން މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.
އެކަމަކު ފަހުން އެ މީހުންނާއި ކްރޫން ވަނީ މަސްރޫރާއި އިމްތިއާޒު ދުރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޓްވިޓާގައި މަސްރޫރަށާއި ޕީޓީއައި އަށް ވަރަށް ބޮޑަށް ޓްވިޓާގައި ފާޑު ކިޔައިފަ އެވެ. އެގޮތުން ބައެއް މީހުން ބުނީ މިއީ ވެރިކަންކުރާ ޕާޓީ އަށް ނިސްބަތްވާ މީހުންގެ ފެންވަރު ކަމަށާއި އެ މީހުންނަކީ ބޭސްކުރަން ވެސް ޖެހިފައިވާ ބައެއް ކަމަށެވެ. އަދި މަސްރޫރާ ދޭތެރޭ ބޮޑުވަޒީރު އިމްރާން ހާން ވަގުތުން ފިޔަވަޅު އެޅުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.
ހަމަ މިއާ އެކު ބައެއް މީހުން ވަނީ ޝޯގެ ކެމެރާމަނަށް ވެސް ފާޑު ކިޔައިފަ އެވެ. އެގޮތުން މާރާމާރީ ހިންގުމުން ވެސް ކެމެރާ ކަނޑާ ނުލައި، ބެލުންތެރިންނަށް އޭނާ ކުޅިގަނޑު ދައްކަން ކުރިި މަސައްކަތަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިހާނޫ
27 June 2019
ތި ވާނީ ޕީކޭ މީހުން އަހަރެން ގެ ސްޓައިލް ކޮޕީ ކޮށްލީ ކަމަށް