ވައި ނުސާފުވުމާ ލޭމައްޗަށް ދިއުމާ ގުޅުން އެބަހުރި ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި
02 ޖުލައި 2019 - 06:59
ވައި ނުސާފުވުމުން ނުރައްކާވަނީ ފުއްޕާމެ އަށް އެކަނި ނޫން ކަމަށާއި އެއީ ލޭމައްޗަށް ދިއުމާއި މެޓަބޮލިކް ސިންޑްރޯމްގެ ނުރައްކާ ވެސް ބޮޑުވާ ސަބަބަކަށް ވެސް ވެދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މެޓަބޮލިކް ސިންޑްރޯމް އަކީ ހިތުގެ ބައްޔާއި ސްޓްރޯކް ހަކުރު ބަލި ފަދަ ސިއްހީ އެތައް މައްސަލައެއް ކުރިމަތިކުރުވާ ކަމެކެވެ.
މި ދިރާސާގައި ވަނީ ލިތުއޭނިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކައުނަސްގައި، އަމިއްލަ ގެތަކުގަ އާއި އެޕާޓްމަންޓް ބިލްޑިންގްތަކުގައި އުޅޭ މީހުންގެ ސިއްހީ ހާލަތު ވަޒަންކޮށްފަ އެވެ. މިއީ 280،000 ގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.
މި މީހުން އުޅެނީ ގަސް ގިނަ ހިސާބުތަކާއި ކާރޫބާރު ބޮޑު މަގުތަކާ ކިހާ ދުރުމިނެއްގައިތޯ ބަލައި ނުސާފު ވައިގެ ތެރޭގައި ގިނަ ދުވަހު އުޅުމުން ކުރިމަތިވާ މައްސަލަތައް މި ދިރާސާގައި ބެލި އެވެ. އެގޮތުން، އެކި ހިސާބުތަކުގައި އުޅުނު މީހުންނަށް ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ފަލަ ބަލި ފަދަ ސިއްހީ އެކި މައްސަލަތައް ކުރިމަތިވި މިންވަރު ވަޒަންކުރި އެވެ.
މިގޮތަށް ބަލައި އަޅާކިޔުމުން އެނގުނީ، ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ބޮޑީ އެޕާޓްމަންޓް ބިލްޑިންތަކުގައި އުޅޭ މީހުންގެ ކަމަށެވެ. އެއީ ވައި ނުސާފުކަން ބޮޑު ސަރަހައްދުތަކެވެ. ދިރާސާ ޓީމުން ބުނީ މި ދިރާސާ އިން ދެއްކީ، ވައި ނުސާފުވުމާ ލޭމައްޗަށް ދިއުމާ ގުޅުމެއް ހުރުން ކަމަށާއި މިހެން ދިމާވާ ސަބަބެއް ހޯދަން މި ދިރާސާގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.
މި ދިރާސާ ޖާނަލް އޮފް ޕަބްލިކް ހެލްތުގެ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބ
02 July 2019
ލެޔާ ލޭމައްޗަށް ދިޔުމާވެސް ގުޅުން އެބަހުރި