އިންޑިއާގެ ސްޓޭޓެއްގައި ޓީޗަރުންގެ ހާޒިރީ އަށް ސެލްފީ ނަގާ ގޮތަށް ހަމަޖައްސައިފި

ޓީޗަރުން ހާޒިރީ އަށް މަކަރު ހަދާތީ އިންޑިއާގެ ސްޓޭޓެއްގައި ހިންގާ ސަރުކާރުގެ ހުރިހާ ޕްރައިމަރީ ސްކޫލްތަކެއްގައި ޓީޗަރުންގެ ހާޒިރީ އަށް ސެލްފީ ނަގަން ޖެހޭ ގޮތަށް ނިންމައި، އެ އުސޫލަށް އަމަލު ކުރަން ފަށައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތައި ޓީޗަރުން ސްކޫލްތަކަށް ހާޒިރުވާކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ސެލްފީ ނަގާ ގޮތަށް ހަމަޖެއްސީ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ބަރަބަންކީ ޑިސްޓްރިކްޓްގަ އެވެ.

މި އުސޫލުގެ ދަށުން ޓީޗަރުން ހަވާލުވެފައިވާ ކުލާސްތަކަށް ހެނދުނު 8:00 ގެ ކުރިން ހާޒިރުވެ، ސެލްފީ ނަގައި، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ބޭސިކް ސިކްޝާ އަދިކާރީ (ބީއެސްއޭ) ގެ ވެބްސައިޓަށް ސެލްފީ އަޕްލޯޑް ކުރަން ޖެހޭނެ އެވެ. އަދި އެ ސެލްފީ އެތަނުން ވެރިފައި ކުރާނެ އެވެ. މިގޮތަށް އަމަލުނުކުރާ ނަމަ ސްކޫލަށް ހާޒިރު ނުވާ ކަމަށް ނިންމައި، މުސާރަ އިން ދުވަހަކަށް ޖެހޭ މިންވަރު އުނި ކުރާނެ އެވެ.

އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) އިން ބުނި ގޮތުގައި ހާޒިރީ އަށް ސެލްފީ ނަގަން ޖެހޭ އުސޫލު މިދިޔަ މެއި މަހުގެ ތެރޭގައި ރަސްމީކޮށް އަމަލުކުރަން ފެށުމާ އެކު ބަރަބަންކީގެ ސަރުކާރުގެ ސްކޫލްތަކުގެ 700 އެއްހާ ޓީޒަރުން ފުރަތަމަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސްކޫލަށް ހާޒިރު ނުވާ ކަމަށް ނިންމައި ދުވަހުގެ މުސާރަ އުނި ކުރަން ވެސް ޖެހުނެވެ. އަދި މިއާ އެކު ސްކޫލްގެ ރަސްމީ ގަޑިތަކުގައި ޓީޗަރުން ސޯޝަލް މީޑިއާ އަށް ވަގުތު ހުސްކުރާ ނަމަ އެކަން ވެސް މޮނިޓަކޮށް، މުސާރަ އިން އުނިކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.

މި އުސޫލާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އުއްތަރު ޕްރަދޭޝްގައި އަމަލު ކުރަން ފެށި އުސޫލުގެ ތަޖުރިބާ އަށް ބަލައިފައި އިންޑިއާގެ އެހެން ޑިސްޓްރިކްޓަށް މިކަން ތައާރަފު ކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓީޗަރުން ސްކޫލަށް ހާޒިރު ނުވާ މައްސަލަ ހައްލުވުމުގެ އިތުރަށް ކުރިމަތިވެފައިވާ "ގޯސްޓް ޓީޗަރުން" ގެ މައްސަލަ ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ބީއެސްއޭ އިން ވާހަކަ ދެއްކެޕީ ވީޕީ ސިންގް ވިދާޅުވި ގޮތުގައި އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތު ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ތަންފީޒު ކުރަން ފެށި އުސޫލުގެ ސަބަބުން ހާޒިރީ އަށް މަކަރު ހަދާ ޓީޗަރުންގެ މައްސަލަ ހައްލު ކުރެވި، ސްކޫލްތަކުން ކުރާ ހަރަދުތައް ވެސް ހަރުދަނާވެގެން ދާނެ އެވެ.

ނަމަވެސް ހާޒިރީ އަށް ސެލްފީ ނަގަން ޖެހޭ އުސޫލަށް ގިނަ ޓީޗަރުން ވަނީ ފާޑު ކިޔައިފަ އެވެ. އެގޮތުން މިއީ "އަންފެއާ" ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.

ސަބަބަކީ ގަޑިއަށް ސްކޫލަށް ހާޒިރުވުމުގައި ގިނަ ހުރަސްތަކެއް ދިމާވެފައިވާ ހުރުމެވެ. އޭގެ ތެރޭގައި މަގުތަކުގެ ޓްރެފިކް ތާށިކަން ބޮޑުވުމާއި އެކަށީގެންވާ އަދި ހަރުދަނާ ޕަބްލިކްޓް ޓްރާންސްޕޯޓްގެ ހިދުމަތެއް ނެތުމާއި އިންޓަނެޓްގެ ފެންވަރު ވެސް ދަށްވުން ހިމެނެ އެވެ.