ސައިބީރިއާގެ "މޯލްޑިވްސް" ތަޣައްޔަރުވެއްޖެ

ސައިބީރިއާ އިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ތަނަކީ "މޯލްޑިވްސް" ލޭކް އެވެ. މިއީ ދިވެހިރާއްޖޭގެ ސާފު މޫދުގައި ހުންނަ ކަހަލަ ހިތްގައި ސާފު ރީތި ވިލު ނޫކުލައިގެ ފެންގަނޑެއް އޮތް ތަނެކެވެ. އެހެންވެ މިއީ އެތައް ބަޔަކު ދާން ބޭނުންވާ ތަނަކަށް ވެފައިވެ އެވެ. ހާއްސަކޮށް އިންސްޓަގްރާމަށް ފޮޓޯ ނަގަން ރީތި ތަނެކެވެ.


ނަމަވެސް ސައިބީރިއާ އަށް ދަތުރު ކުރާ މީހުންނަށް މިހާރު އެތަނަށް ސަމާލުވާން ވަނީ އަންގައިފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި ލޭކަށް އެރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ.

ސަބަބަކީ އެ ސަރަހައްދުގެ ކޯލް ޕްލާންޓަކުން ކެމިކަލްތަކުގެ ވިހަ އެތައް މާއްދާއެއް ލޭކަށް ދޫކޮށް، އެކި ބާވަތުގެ ނުރައްކާތެރި މާއްދާތަކުން ފެންގަނޑު ތަޣައްޔަރުވެފައިވުމެވެ.

ސައިބީރިއަން ޖެނެރޭޓިން ކޮމްޕެނީން ބުނި ގޮތުގައި "މޯލްޑިވްސް" ލޭކަށް އެރުމަކީ މި ވަގުތަށް ސިއްހީ ގޮތުން އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ. އެހެންވެ ފޮޓޯއެއް ނެގުމުގެ ބޭނުގައި ކަމަށް ވިޔަސް އެއްގޮތަކަށް ވެސް ފެންގަނޑަށް ނޭރެން އިލްތިމާސްކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ލޭކްގެ އަޑިއަކީ ވެސް ވަރަށް ކިސަޑު އޮންނަ ތަނަކަށްވާތީ އެތަނަށް އެރިއްޖެ ނަމަ، ގެނބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެހެންވެ އެއީ ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކެމިކަލް މާއްދާތަކުން ލޭކް ތަޣައްޔަރުވެފައިވާތީ، އެތަނަށް އެރިއްޖެ ނަމަ ހަމަށް ކަހަލަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.