15 ޖުލައި 2019 - 06:44
ނުދޮވެ ހަޑިވެފައި ހުންނަ ކާރުތައް ދުބާއީގެ އާންމު ޕާކިން ސަރަހައްދުތަކުގައި ބާއްވާ މީހުން ޖޫރިމަނާކުރާ ގޮތަށް ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ދުބާއީ މުނިސިޕަލްޓީން ނެރުނު ބަޔާނެއްގައި ބުނީ ހަޑިވެފައި ހުންނަ ކާރުތައް އާންމު ޕާކިން އޭރިއާތަކުގައި ޕާކްކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިޓީގެ ރީތިކަމާއި ސާފުތާހިރު ކަމަށް ވެސް ބުރޫއަރާ ކަމަށް ބުންޏެވެ.
އެހެންވެ އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން ހިރަފުސް ބުރައި، ކިލާވެ، ހަޑިވެފައި ހުންނަ ކާރުތައް ޕާކްކުރާ މީހުން 500 ދިރުހަމް (2,103.13ރ.) އިން ޖޫރިމަނާ ކުރާނެ ކަމަށް މުނިސިޕަލްޓީ ބުންޏެވެ.
އެތަނުން ބުނީ ހަޑިވެފައި ހުންނަ ކާރުތައް އާންމު ޕާކިން އޭރިއާތަކުގައި ޕާކް ކުރާތޯ މުނިސިޕަލް އިންސްޕެކްޓަރުން މީގެ ފަހުން ގަވައިދުން ދުބާއީގެ ހުރިހާ ސަރަހައްދެއް މޮނިޓާ ކުރާނެ ކަމަށެވެ.
އެހެންވެ ކާރު ގިނަ ދުވަސްތަކަކަށް ޕާކް ކުރަން ޖެހޭ ހާލްތަތަކުގައި ކާރު އާންމު ޕާކިން އޭރިއާތަކުގައި ޕާކްކޮށްފައި ބޭއްވުމުގެ ބަދަލުގައި އެ ނޫން ގޮތެއް ހޯދަން ޖެހޭނެ ކަމަށް ވެސް މުނިސިޕަލްޓީ ބުންނެވެ.
"ހަޑިވެފައި ހުންނަ ކާރުތައް ފާހަގަކޮށް އެ އެއްޗެހި ދޮވެ ސާފު ކުރަން ޖޫރިމަނާއާ އެކު ފަނަރަ ދުވަހުގެ މުއްދަތެއް ދެވޭނެ. އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފި ވެހިކަލާ ގުޅޭ ގޮތުން ދެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" މުނިސިޕަލްޓީން ބުންޏެވެ. "އޭގެ ތެރޭގައި ޖޫރިމަނާ ދައްކަން ދޭ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ ކާރު ނީލަމުގައި ވިއްކައިލުމުގެ ބާރު ވެސް މުނިސިޕަލްޓީ އަށް ލިބިގެންވޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނދުވާ
15 July 2019
އާޓިކަލްއާ ކޮންގުޅުމެއް ހުރި ކޮމެންޓެއް ބާ މީ!
މާޓިން ބަޝީރު
15 July 2019
ރާއްޖޭގަވެސް ބައެއްޓެކްސީގެ ހާލު. ދުއްވާފަ ދާއިރު ހީވަނީ އެކިސައިޒުގެ ފުރޮޅު ހަރުކޮށްފައި ހުންނަހެން. ޔަގީން ރޯޑްވޯދިނަސް އަކުން ފާސްނުވާނެކަން. ކާރުތެރޭ ނޯށްދަމާލާކަށް ނުކެރޭނެ ސިގިރެޓް ވަހާހެދި. ޑްރައިވަރު ފިލައިގެން އުޅޭމީހެއްހެން ހީވާނީ. ބޯ ހޭވިފަ ތުބުޅި ހިތުހުރި ގޮތަކަށް، ހުއްޓާނުލާ ދެން ބޭކާރު އަނގަތަޅާނީ. އޭނާ ނޫނީ އެހެން ހުރިހާ ޑްރައިވަރުން ގޯސް، އެމީހުން ގޯޅި އަޅާގޮތް ކަމުނުދޭ. އެކަމުމީ ދަބަރު ކާރެކޭ ނޭވާ ހިއްލައިގެން އުޅޭހެން ހީވަނީ.