16 ޖުލައި 2019 - 07:27
ފިލިޕީންސްގެ ވެރިރަށް މެނީލާ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ކުނީގެ ބަދަލަށް ކާނާ ލިބޭ ކޫޕަނެއް ދޫކުރާ ގޮތަށް ނިންމައިފި އެވެ.
އަލަށް އަމަލުކުރަން ފެށި އުސޫލާ ބެހޭ ގޮތުން މެނީލާ ސިޓީގެ މޭޔަރު އިޒްކޯ މޮރޭނޯ ވިދާޅުވީ ކަނޑައެޅިފައިވާ އަދަދަކަށް، ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކަށް ރައްޔިތުން ކުނި ގެންދިއުމުން "ކަޑިވާ" ޗެއިންގެ ފިހާރަތަކުން ކާ އެއްޗެހި ލިބޭ ކޫޕަނެއް ދޫކުރާނެ ކަމަށެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މި އުސޫލުގެ ސަބަބުން މެނީލާގެ އެކި ތަންތަނަށް ކުނި އަޅައި، އެ ސިޓީގެ ގޮނޑުކުރާ މައްސަލަ އަށް އެކަށީގެންވާ ހައްލެއް އަންނާނެ ކަމުގެ އުންމީދު ބޮޑެވެ.
"މެނީލާ އަކީ ފިލިޕީންސްގެ ވެރިރަށް. ގައުމުގެ މޫނުމަތި. އެހެންވީމަ ވަކިން ހާއްސަކޮށް މި ސިޓީގެ ސާފުތާހިރުކަމަށް އެބަޖެހޭ ހާއްސަ މަސައްކަތަކެއް ކުރަން،" އޭނާ ވިދާޅުވި އެވެ. "މިހާރު ހަގީގަތުގައި ކުނީގެ މައްސަލަ އިންތިހާ އަށް ބޮޑުވެ މެނީލާ ރީތިކަން ވަނީ ގެއްލިފައި. މެނީލާ އިން ފެންނާނެ މަންޒަރުތަކަކީ މުޅި ގައުމު ރަމްޒުކޮށް ދޭނެ ކަންކަން."
މޭޔަރު ވިދާޅުވި ގޮތުގައި މެނީލާ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯއްދަވާފައި ނޫނީ މަސައްކަތް ހުއްޓަވާ ނުލައްވާނެ އެވެ.
"މިކަން ކުރެވޭނެ. އަދި އަހަރެމެން ދެކެން ބޭނުންވާ ސާފު ރީތި ތަނަކަށް މެނީލާ ހެދޭނެ،" އެންމެ ޒުވާން އުމުރުގައި ވެސް ކުންޏާ ދެކޮޅަށް މަސައްކަތް ކުރައްވައިގެން އާމްދަނީ ހޯއްދެވި މޭޔަރު ވިދާޅުވި އެވެ. "ކުންޏަށް ކޫޕަން ދޫކުރުމުގެ އިތުރަށް މެނީލާގެ އަވަށްތަކުގެ ތެރެއިން އެންމެ ސާފު އަވަށް ވެސް މީގެ ފަހުން ހޮވައި ހާއްސަ އިނާމެއް ދެވޭނެ."
މެނީލާގެ މޭޔަރު އިޒްކޯ މޮރޭނޯ.
މޭޔަރުގެ ބެއްލެވުމުގެ ދަށުން އަލަށް އަމަލުކުރަން ފެށި އުސޫލަށް މެޓްރޯ މެނީލާ ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެމްޑީއޭ) އިން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.
އެތަނުގެ ޗެއާމަން ޑެނީލޯ ލިމް ވިދާޅުވި ގޮތުގައި ކުންޏަށް ކާ އެއްޗެހި ލިބޭ އުސޫލު ކާމިޔާބު ޕްރޮގްރާމް ހެދުމަކަށްޓަކައި އެއްބާރުލުން ދީ، އެކަމުގައި އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ. އަދި އެ ނިންމުމަކީ މި ވަގުތަށް ހަމަ ވަރަށް ރަނގަޅު ނިންމުމެއް ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިކަހަލަ ކަންކަން ވެސް ކޮށްގެން މިހާރު ކުނީގެ މައްސަލަ އެބަ ޖެހޭ ހައްލު ކުރަން،" ލިމް ވިދާޅުވި އެވެ. "އަހަރެމެން މި ތިބީ މޭޔަރުގެ މި ޕްރޮގްރާމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދޭން ތައްޔާރަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy