ބައި ގަރުނުވާން ކައިރިވެފައިވާ ބޫޓެއް ރެކޯޑް އަގަކަށް ވިކިއްޖެ

އެމެރިކާގައި 1972 ގައި ބޭއްވި އޮލިމްޕިކް ޓްރައިލްސް އަށް ތައްޔާރުކުރި "މޫން ޝޫ" ކަލެކްޝަނުގައި ހިމެނޭ ބޫޓެއް ރެކޯޑް އަގަކަށް ނީލަމެއްގައި ވިއްކާލައިފި އެވެ.


ނިއު ޔޯކްގެ އޮކްޝަން ހައުސް ސަދަބީޒުން "ސްޓޭޑިއަމް ގުޑްސް: ދި އަލްޓިމޭޓް ސްނީކާޒް ކަލެކްޝަން" ގެ ނަމުގައި ބޭއްވި އޮންލައިން ނީލަމުގައި، އަންގާރަ ދުވަހު ބޫޓް ވިއްކާލީ 437،500 ޑޮލަރު (6,759,375ރ) އަށެވެ. ބިޑް ކާމިޔާބު ކުރީ ކެނެޑާގެ މަޝްހޫރު ވިޔަފާވެރިޔާ މިލެސް އެސް ނަޑާލް، 61، އެވެ.

މިލެސް ބުނި ގޮތުގައި ރެކޯޑް އަގަކަށް ގަތް "މޫން ޝޫ" ބަހައްޓާނީ ޓޮރޮންޓޯގައި ހުންނަ އޭނާގެ ޕްރައިވެޓް މިއުޒިއަމް "ޑެއާ ޓް ޑްރީމް އޮޓޮމޮބައިލް މިއުޒިއަމް" ގަ އެވެ.

ވެފްލް ރޭސިން ފްލެޓް "މޫން ޝޫ" އަކީ މަޝްހޫރު ކުންފުނި ނައިކްގެ އެއް ބާނީ ބިލް ބޮވަމަން ފަރުމާކޮށްފައިވާ އެއްޗެކެވެ. އޮލިމްޕިކް ޓްރައިލްސް އަށް 1972 ގައި އެ ކަލެކްޝަނުގެ 12 ބޫޓް ތައްޔާރުކުރި ނަމަވެސް އޭގެ ތެރެއިން ގިނަ ބޫޓްތައް މިހާރު ފެންނާކަށް ނެތެވެ. ނީލަމުގައި ވިއްކާލި ބޫޓަކީ މި ވަގުތު އެ ކަލެޝަނުން ފެންނަން އޮތް އަދި ބޭނުން ކުރެވޭ ހާލަތެއްގައި ވެސް އޮތް އެއްޗެއް ނޫނެވެ.

މީގެ ކުރިން އެންމެ ބޮޑު އަގުގައި ނީލަމެއްގައި ވިއްކައިލި ބޫޓަކީ 1984 ގެ އޮލިމްޕިކް ބާސްކެޓް ބޯޅަ ފައިނަލްގައި މައިކަލް ޖޯޑަން ބޭނުން ކުރި "ކޮންވާޒް" ބްރޭންޑްގެ އަދި އޭނާ ސޮއި ވެސްކޮށްފައި އިން ބޫޓެވެ. އެ ބޫޓް 2017 ގައި ނީލަމެއްގައި ވިއްކައިލީ 190,373 ޑޮލަރަށެވެ.

ނީލަމުގައި "މޫން ޝޫ" ވިއްކައިލަން ހުޅުވައިލީ 80،000 ޑޮލަރަށެވެ. އެ ނީލަމުގައި އެ ބޫޓް ރެކޯޑް އަގަކަށް މިލެސް ގަތް އިރު، މިދިޔަ ހަފުތާގައި އޭނާ ވަނީ 850،000 ޑޮލަރަށް އެކި ކުޅިވަރުތަކުގައި ބޭނުންކޮށްފައިވާ ތާރީހީ ބޫޓްތަކެއް ވެސް ގަނެފަ އެވެ.