އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ކުނިން ތައްޔާރުކުރި މެޑަލްތައް ދައްކާލައިފި

އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށް ހާއްސަކޮށްގެން ކުނިން ތައްޔާރުކުރި ތިމާވެއްޓާ ރައްޓެހި މެޑަލްތައް ބުދަ ދުވަހު ދައްކާލައިފި އެވެ.


"ބީ ބެޓާ، ޓްގެދާ-ފޮ ދަ ޕްލެނެޓް އެންޑް ޕީޕަލް" ޝިއާރުގެ ދަށުން ތައްޔާރުކުރި މެޑެލްތައް ދައްކައިލަން ވެރިރަށް ޓޯކިއޯގައި ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި އިންޓަނެޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބަޙް ބައިވެރިވަޑައިގަތެވެ.

މޮބައިލް ފޯނާއި އެ ނޫން ވެސް ގިނަ އަދަދެއްގެ އިލެކްޓްރިކް ކުނިބުނި ރިސައިލްކޮށްގެން ތައްތާރުކުރި މެޑަލްތަކަކީ އޮލިމްޕިކްގެ ކުޅިވަރުތަކުން މެޑަލް ހޯދާ ކުޅުންތެރިންނަށް ދެވޭ ރަނާއި ރިހި އަދި ރަވަންލޯ މެޑެލެވެ.

މި މެޑަލްތައް ތައްޔާރު ކުރަން 6.2 މިލިއަން ބާ ފޯން ބޭނުންކޮށްގެން 32 ކިލޯގެ ރަން ނެރެފައިވެ އެވެ. އަދި މެޑަލްތައް ތައްޔާރު ކުރަން ރިސައިކަލް ކުރި 3.5 ޓަނުގެ ރިއްސާއި 2.2 ޓަނުގެ ރަންވަންލޯ އުފައްދާފައިވެ އެވެ. އެގޮތުން ތިމާވެއްޓާ ރައްޓެހި 5،000 މެޑަލް އޮލިމްޕިކާއި ޕެރައޮލިމްޕިކަށް ތައްޔާރުކޮށްފައިވެ އެވެ.

ބަލައިލަން ވެސް އެހާމެ ރީތިކޮށް މެޑަލްތައް ފަރުމާކުރީ ޖަޕާން ސައިން ޑިޒައިން އެސޯސިއޭޝަނާއި އޮސާކާ ޑިޒައިން ސޮސައިޓީގެ ޑިރެކްޓަރު ޖުނީޝީ ކަވަނިޝީ އެވެ.

މެޑަލްތަކާ ގުޅޭ ވީޑިއޯއެއް.

ދެހާސް ސޯޅަ ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި އޮލިމްޕިކްގައި ވެސް ކުނި ރިސައިކަލްކޮށްގެން ތައްޔާރު ކުރި މެޑަލް ބޭނުން ކުރި އެވެ. އެކަމަކު ޖަޕާނުން ތައްޔާރު ކުރި މެޑަލްތަކަކީ އޮލިމްޕިކްސްގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ކުނި ރިސައިލްކޮށްގެން މެޑަލް ތައްޔާރު ކުރި ފަހަރެވެ.

އަންނަ އަހަރުގެ އޮލިމްޕިކް ގޭމްސް ކުރިއަށް ދާނީ ޖުލައި 24، 2020 އިން އޮގަސްޓް 9، 2020 އާ ހަމައަށެވެ.

ޓޯކިއޯގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށް ޖަޕާނުން ވަމުން އަންނަ ތައްޔާރީތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް އައިއޯސީން ބުންޏެވެ.