ތާޒާ ޖޫހުން ކުޑަކުދިންގެ ކެއުން ރަނގަޅުކޮށްދޭ

ކުޑަކުދިންނަށް ތާޒާ ޖޫސް ގިނައިން ދިނުމުން ކުދިން ރަނގަޅަށް ކެއުމާއި ރަނގަޅު ކާނާ ކެއުމަށް މަގު ފަހިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


އެމެރިކަން ކޮލެޖް ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނިގޮތުގައި ސަތޭކަ ޕަސެންޓް ތާޒާ މޭވާގެ ޖޫހުން ކުދިންގެ ޑައެޓް ކޮލިޓީ އަށް ވަރަށް ހެޔޮ ބަދަލުތައް ގެނުވަ އެވެ. އެހެންވެ ކުދިންނަށް ކާންދޭ އިރު، ޖޫހުގެ ކޮންމެވެސް ބާވަތެއް ހިމެނުން މުހިއްމު ކަމަށް ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކުދިންނަށް ތާޒާ ޖޫސް ނުދޭ ނަމަ އެކަމުގެ ސަބަބުން ސިއްހަތަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ އެވެ. ތާޒާ ޖޫހުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތަކާ ދުރުވެ، ހަށިގަނޑަަށް ބޭނުންވާ މުހިއްމު މާއްދާތާތައް ލިއްބައިދޭން އެހީވެ އެވެ.

އެގޮތުން ޖޫހުގެ ސަބަބުން ވިޓަމިން ސީ އާއި މެގްނީޒިއަމާއި ޕޮޓޭސިއަމްގެ އިތުރުން ފައިބާ ފަދަ މާއްދާތައް ލިއްބައިދެ އެވެ.

ދިރާސާއާ ބެހޭ ގޮތުން އެމެރިކާގެ އެމެރިކަން އެކެޑެމީ އޮފް ޕެޑިއަޓްރިކްސްގެ އޮހައިއޯ ޗެޕްޓާގެ ރައީސް ޑރ. މުރޭ ވިދާޅުވި ގޮތުގައި ބައެއް މީހުން ކާބޯތަކެތި އިހުތިޔާކުރާ އިރު އެންމެ ބޮޑަށް ބަލާ ކަމަކީ އެއް އެއްޗަކުން ލިއްބައިދޭ ހަކުރާއި ފެޓްގެ މިންވަރަށެވެ.

"އެކަމަކު އެއަށް ވުރެ ފުޅާކޮށް މިކަމާ ދޭތެރޭ ވިސްނަން ޖެހޭ. ހަމައެކަނި ހަކުރާއި ފެޓްގެ ނިސްބަތަށް ބަލައިފައި ކާބޯތަކެތިން ލިއްބައިދޭ ފައިދާތަކެއް ވަޒަނެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މުޅި ޑައިޓެއް ފުރިހަމަ ވާނީ ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ވެސް އެކުލެވޭ އެއްޗެހިއްސަށް ބަރޯސާވެގެން. އެގޮތުން ޖޫހަކީ ތާޒާ ޖޫހަކީ ދޫކޮށްލެވޭނެ އެއްޗެއް ނޫން."

ދިރާސާ ޓީމުން ބުނި ގޮތުގައިު މިފަހަކަށް އައިސް ތާޒާ މޭވާހެ ޖޫސް ބޭނުންކުރާ މިންވަރު މަދުކަން ފާހަގަކުރެވެ އެވެ. އޭގެ ބަދަލުގައި ޖޫހަކީ ޑައިޓްގެ މުހިއްމު ބަޔަކަށް ހަދަން ޖެހޭ ކަމަށް ބުންޏެވެ.

"ހަމަމިއާ އެކު ތާޒާ މޭވާ ކުދިންނަށް ކާންދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެއް." މުރޭ ވިދާޅުވި އެވެ.