ޖޯންސަން އެންޑް ޖޯންސަނަށް ވަނީ ބަދަލުގައި ބޮޑު އަދަދެއް ދައްކަންޖެހިފައި
28 އޯގަސްޓް 2019 - 07:55
ތަދު ކަނޑުވާ ބައެއް ބޭހުގައި ބޭނުންކޮށްފައި ހުންނަ ދެވި ހިފާ މާއްދާއެއް ކަމަށްވާ އޮޕިއޮއިޑަށް އެމެރިކާގެ އޮކްލަހޯމާގައި އެތައް ލައްކަ ބަޔަކު އެޑިކްޓުވެ އޭގެ ތެރެއިން ގިނަ ބަޔަކު މަރުވި މައްސަލާގައި، އޭގެ ބޭސް އުފައްދާ ޖޯންސަން އެންޑް ޖޯންސަންގެ ވެސް އިހުމާލު އޮތް ކަމަށް ކަނޑައަޅައި އެ ކުންފުނިން 572 މިލިއަން ޑޮލަރު ދައްކަން އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
މި ހުކުމް ކުރުމާ އެކު ޖޯންސަން އެންޑް ޖޯންސަން އިން ވަނީ ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ބުނެފަ އެވެ.
މިއީ އޮޕިއޮއިޑް އުފައްދާ އަދި ވިއްކާ ކުންފުނިތަކާ ދެކޮޅަށް ކޮށްފައިވާ އެތައް ހާސް ދައުވާއެއްގެ ތެރެއިން ކޯޓުން ބޭރުގައި ހައްލު ނުވެ ހުކުމަކާ ހަމަޔަށް ދާން ޖެހުނު ފުރަތަމަ މައްސަލަ އެވެ. މީގެ ކުރިން އޮކްލަހޯމާ ސްޓޭޓުން ވަނީ، އޮޕިއޮއިޑެއް ކަމަށްވާ އޮކްސިކޮންޓިން އުފައްދާ ޕްރޫޑް ފާމާއާ އެކު އެއްބަސްވުމަކަށް އައިސް ބަދަލުގައި 270 މިލިއަން ޑޮލަރު ދައްކައިގެ މައްސަލަ ނިންމައިފަ އެވެ. އަދި ޓެވާ ފާމަޝޫޓިކަލްއާ އެކު 85 މިލިއަން ޑޮލަރުގެ ބަދަލަކަށް އެއްބަސްވެ މައްސަލަ ނިންމައިފަ އެވެ. އެކަމަކު ޖޯންސަން އެންޑް ޖޯންސަންއާ އެކު އެއްބަސްވުމަކަށް ނާދެވި ކޯޓަށް ދިޔައީ އެވެ.
އެެމެރިކާގައި 1999 އިން 2017 އާ ދެމެދު ރިޕޯޓްކޮށްފައިވާ އޯވަޑޯޒް ކޭސްތަކުގެ ތެރެއިން 400،000 ކޭހެއްގައި އޮޕިއޮއިޑް ހިމެނޭ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ ބުނެފަ އެވެ. އަދި 2000 ވަނަ އަހަރުގެ ފަހުން އޮކްލަހޯމާ އިން ވަނީ އޮޕިއޮއިޑްގެ ސަބަބުން 6،000 މީހަކު މަރުވެފަ އެވެ.
ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް އޮކްލަހޯމާ ސްޓޭޓުން ދައުވާކުރީ ތަދުކަނޑުވާ ބޭސް އިސްތިހާރު ކުރުމުގައި އެ ކުންފުނިން އޮޅުވާލައި، އެކަމުގެ ސަބަބުން އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ދީފައިވާ ކަަމަށް ބުނެ އެވެ. ތަދުކަނޑުވާ ބޭހުގައި އެކުލެވިގެންވާ ދެވިހިފާ މާއްދާއެއް ކަަމަށްވާ އޮޕިއޮއިޑްގެ ނުރައްކަލުގެ މައުލޫމާތު ކަސްޓަމަރުން ނުދިނުމުން ސިއްހީ ބޮޑު ވަބާއެއް އެކަމުގެ ސަބަބުން އުފެދުނު ކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ޖޯންސަންއާ ދެކޮޅަށް ދައުވާކުރި މައިގަނޑު ސަބަބަކީ އެ ކުންފުނިން އުފައްދާ ބޭހުގެ ބާވަތެއް ކަމަށްވާ "ފެންޓަނީލް ޕެޗް" އެވެ. ވަރުގަދަ ތަދުތައް ތަހައްމަލުކުރާ މީހުންނަށް ދޭ އެ ބޭހުގައި ހިމެނޭ ފެންޓަނީލް ނަމަކަށް ކިޔާ މާއްދާ އަކީ ހަށިގަނޑުން ތަދު ތަހައްމަލުކުރާ ގޮތް ބަދަލުކޮށްލާ މާއްދާ އެކެވެ. އެއީ ހެރޮއިންއާއި ކޮކެއިން ފަދަ ބާވަތްތަކާ އެއްކޮށްގެން މަސްތުވުމަށް ވެސް މީހުން ބޭނުންކުރާ ބާވަތެކެވެ. އޮކްލަހޯމާ ސްޓޭޓުން ޖޯންސަން އެންޑް ޖޯންސަނާ ދެކޮޅަށް އުފުލި ދައުވާގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން އެ ސްޓޭޓްގެ އާއްމުންނަށް ދިން ގެއްލުމަށް ބަދަލު ދޭ ނަމަ ކުރިއަށް އޮތް 20 ނުވަތަ 30 އަަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 12.7 ބިލިއަން ޑޮލަރާއި 17.5 ބިލއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދު ކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭއެޗް
29 August 2019
ވެކްސިންއާއި ބެހޭގޮތުންވެސް މިފަދަ އިޚްލާސްތެރި ރިސާރޗެއް ހަދާބަލަ..!!