ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބެލެނިވެރިން ސްކޫލެއް އަޅައިދީފި

ޔޫއޭއީގައި ދިރިއުޅޭ އިންޑިއާގެ ބެލެނިވެރިންތަކެއް އިސްނަގައިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ސްކޫލެއް ޝާރްޖާގައި ބިނާކޮށް އެ ތަނުގެ ހިދުމަތް ދޭން ފަށައިފި އެވެ.


އަލް އިބްތިސާމާގެ ނަން ދީފައިވާ ސްކޫލުން ނުކުޅެދުންތެރިކަމުގެ އެކި މައްސަލަ ހުންނަ ކުދިންނަށް ކިޔަވައިދޭނެ އެވެ. ޔޫއޭއީގެ ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ޖަމިއްޔާ އިންޑިއަން އެސޯސިއޭޝަނާއި ބެލެނިވެރިން ގުޅިގެން ހޯމަ ދުވަހު ހުޅުވި މި ސްކޫލުން، މާލީ ހާލަތު ދަށްކަމުން ނުކިޔެވިފައި ތިބި ހުރިހާ ކުދިންނަށް ވެސް މަރުހަބާ ކިޔާނެ އެވެ.

މި ސްކޫލްގެ އެންމެ ބޮޑު މަގުސަދަކީ ވެސް އެއީ އެވެ. ޔޫއޭއީގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްކޫލްތަކުގެ ފީ ބޮޑުވުމުގެ ސަބަބުން، އާދައިގެ އާއިލާތަކުގެ މީހުންނަށް އެ ތަންތަނުން އެ މީހުންގެ ދަރިންނަށް ކިޔަވައި ދިނުމުގެ ފުރުސަތު ހޯދައިދޭން ދައްޗެވެ.

އެހެންވެ އަލް އިބްތިސާމާގެ މައިގަނޑު މަގުސަދަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ އަތްފޯރާ އަގެއްގައި ތައުލީމު އުނގެނުމުގެ ފުރުސަތު ދިނުމެވެ. އެގޮތުން އެ ސްކޫލުން ދަރިވަރެއްގެ އަތުން ފީއަކަށް ނަގާނީ އަހަރަކަށް 2،500 ދިރުހަމް (680.59 ޑޮލަރު) އެވެ.

އަލް އިބްތިސާމާ ސްކޫލްގައި ޓީޗަރުންނާއި ދަރިވަރުންތަކެއް.

"މިއީ ދުބާއީގައި ހިންގާ ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންގެ އެހެން ސްކޫލްތަކަށް ނަގާ އަގާ އަޅާބަލާއިރު ދެގުނަ ކުޑަ ފީއެއް،" އިންޑިއަން އެސޯސިއޭޝަންގެ ރައީސް އީޕީ ޖޯންސަން ގަލްފް ނިއުސް ވިދާޅުވި އެވެ. "މިއީ ހަގީތުގައި ހާއްސަ އަށް ބޭނުންވާ ކުދިން ތިބި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު ލުއެއް."

އޭނާ ވިދާޅުވި ގޮތުގައި ހާއްސަ އެހީގެ ކުދިންގެ ސްކޫލްތަކުން ނަގާ ފީ ބޮޑުވުމުގެ ސަބަބުން ގިނަ އާއިލާތަކުގައި ތިބި ނުކުޅެދުންތެރިންކަން ހުންނަ ކުދިން ތިބެނީ ކިޔެވުމުން މަހުރޫރުވެ، ގޭތެރޭގައި ބަންދުވެފަ އެވެ.

"އެހެންވެ މިއީ އެކަމަށް ވެސް ނިމުމެއް އަންނާނެ ކަމެއް،" ޖޯންސަން ވިދާޅުވި އެވެ.