27 ސެޕްޓެމްބަރ 2019 - 07:05
އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް މިހާރު ދެކުނު އެފްރިކާ އަށް ދަރިކަލުން އާޗީއާ އެކު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އާޗީ ކުރިން ބޭނުންކުރެއްވި ހެދުންތަކެއް ކޭޕް ޓައުންގެ ޖަމިއްޔާއަކަށް ހަދިޔާކޮށްފި އެވެ،
މި ވާހަކަ ހެރީ އާއި މޭގަންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. މިހާރު ފަސް މަހުގެ އާޗީ އާއި މޭގަންގެ ގާތް ރައްޓެހިންތަކެއްގެ ދަރިން ތުއްތު އިރު ބޭނުންކުރި ހެދުންތަކެއް ހަދިޔާކުރީ އެޗްއައިވީ ޖެހިފައިވާ މައިންނަށް ހާއްސަކޮށްގެން ހިންގާ ޖަމިއްޔާ މަދާސްޓްމަދާސް އަށެވެ.
އެގޮތުން ބޮޑު ދެ ކޮތަޅުގައި ހުރި ތުއްތު ކުދިންގެ ހެދުންތައް ހަދިޔާކުރެއްވި އެވެ. އޭގެ ތެރޭގައި ފިރިކަލުން ހެރީ ކުރިއަށް ގެންދަވާ ކުޅިވަރު މުބާރާތް "އިންވިކްސްޓަސް ގޭމްސް" ގެ އެންމެ ފަހުގެ މުބާރާތުގެ ތެރޭގައި އާޗީ އަށް "ދަ ފިއުޗާ" ޖަހާފައި ތައްޔާރުކުރި ހުދު ކުލައިގެ އޮނެސީ ވެސް ހިމެނެ އެވެ.
"މި ތަކެތި ހަދިޔާކުރުމަކީ އަހަންނާއި އަހަރެންގެ ރައްޓެހިންގެ ވަރަށް ބޮޑު އުފަލެއް،" މޭގަން ވިދާޅުވި އެވެ. "އަދި މި ކަމަކީ ޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ވެވޭ ވަރަށް ވެސް ރަނގަޅު އެހީއެއްގެ ގޮތުގައި އަހަރެން ދެކެނީ."
މޭގަން ވަނީ މަދާސްޓްމަދާސް އިން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ކުރިއަށް އޮތް ތަނުގައި ވެސް ޖަމިއްޔާ އަށް އެކި ގޮތްގޮތުން އެހީވެދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ. އަދި އެތަނުގައި ތިބި ކުދިންނާއި މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައިވެ އެވެ.
މަދާސްޓްމަދާސްއަކީ 2001 ގައި އުފެއްދި ޖަމިއްޔާއެކެވެ. އެތަނުން މިހާތަނަށް 10،000 މީހުންނަށް ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ އިރު، އެޗްއައިވީގެ ޝިކާރައަކަށްވެފައިވާ 11 މިލިއަން އަންހެނުންނާއި އެ މީހުންގެ ދެ އަހަރުން ދަށުގެ ތުއްތު ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.
މަދާސްޓްމަދާސްގެ ތަރުޖަމާން ލިންފޯ ނެޓެކޯ ބުނީ އެ ޖަމިއްޔާގެ ފެސިލިޓީއަކަށް މޭގަން ވަޑައިގެން އެތަނުގައި ތިބި ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަމަނާ ދެއްވި ހިތުގެ އަޑިން އެހީ ބަލައިގަންނަ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯވަޓް
27 September 2019
މިއީ ދިވެހިންގެ އެތައް ބަޔަކުވެސް ކުރާ ކަމެއް. މީގައި މާ ޚާއްސަކަމެއް އެބައޮތްތަ؟