ބައެއް ސައިފަތް ޕެކެޓްގައި ވެސް ޕްލާސްޓިކް

ޕްލާސްޓިކާ ދެކޮޅު ހަނގުރާމަ ވަރުގަދަ ވެފައި ވާއިރު، އެއްވެސް އެއްޗަކުން ޕްލާސްޓިކް ފެނޭތޯ ބެލުން ވެސް އާންމުވެއްޖެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން، ބޯ ފެނުގައި ވެސް ޕްލާސްޓިކްގެ ކުދިކުދި އެތިކޮޅުތައް ހުންނަކަން ހާމަވި އެވެ. ނަސީބަކުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނީ ފެނުގައި ހުންނަ މައިކްރޮޕްލާސްޓިކުން އިންސާނުންގެ ސިއްހަތަށް ނުރައްކާ ނުވާ ކަމަށެވެ.


އެކަމަކު މިހާރު ބުނަނީ ސައިފަތް ބަންދުކޮށްފައި ހުންނަ ޕެކެޓްގައި ވެސް ޕްލާސްޓިކް ހުންނަ ކަމަށެވެ. އެކަމަކު މި ދައްކަނީ ކަރުދާހުގައި ބަންދުކޮށްފައި ހުންނަ ސައިފަތް ޕެކެޓްގެ ވާހަކައެއް ނޫނެވެ.

އެންވަޔަރަމެންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ސައިފަތް އުފައްދާ ބައެއް ކުންފުނިތަކުން ސައިފަތް ޕެކެޓް ބަންދުކުރަނީ ޕްލާސްޓިކް އެކުލެވޭ މާއްދާއެއްގަ އެވެ. އެހެންވެ އޭގެ ސަބަބުން ޖޯޑު ތެރެއަށް ވައްޓައިލާ ސައިފަތް ޕެކެޓާ އެކު ތަށީގެ ތެރެއަށް ޕްލާސްޓިކް ފޭދެ އެވެ.

ސައިފަތް ޕެކެޓްތަކެއް.

ބައެއް ކުންފުނިތަކުން ސައިފަތް ޕެކެޓް ބަންދުކުރަނީ ކަރުދާހުގައި ކަމަށް ވިޔަސް، މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ސައިފަތް ބަންދުކުރަނީ ޕްލާސްޓިކުގަ އެވެ. އެގޮތަށް ހަދާ މައިގަނޑު ސަބަބަކީ ސައިޕަތް ޕެކެޓްގެ ބައްޓަން ޕިރަމިޑެއް ގޮތަށް އޮތުމަށް މަގުފަހިކުރުމެވެ. އަދި އެ ބައްޓަމަށް ސައިފަތް ޕެކެޓް އޮތުމުން ފެނުގެ ތެރެއަށް ސައިފަތުގެ ރަހަ ނުކުންނަން މަގުފަހިކޮށްދޭ ކަމަށްވެ އެވެ.

މި ދިރާސާ ހެދި ޓީމުން ވަނީ ސައިފަތް ޕެކެޓްގައި ޕްލާސްޓިކް އެކުލެވޭ މިންވަރު ދެނެގަތުމަށް ޕެކެޓް ހުސްކޮށްފައި އެ އެެއްޗެހި ފެން ތަށީގައި 95 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްފަ އެވެ. ނަތީޖާ އަކީ ކޮންމެ ޕެކެޓެއްގައި 11.6 ބިލިއަން މައިކްރޮޕްލާސްޓިކާއި 3.1 ބިލިއަން ކުދި ނެނޯޕްލާސްޓިކް އެތިކޮޅުތައް ހުންނަކަން ފާހަގަވުމެވެ.

ކަރުދާހުގައި ބަންދުކޮށްފައިވާ ސައިފަތް ޕެކެޓެއް: ޕްލާސްޓިކް ހުންނަނީ ޕްލާސްޓިކް ޕެކެޓްގައި ހުންނަ ސައިފަތުގައި

މި ތަކެއްޗަކީ ހަމަ ލޮލަށް ނުފެންނަ އެއްޗަކަށްވާތީ ޕްލާސްޓިކް ސައިފަތް ޕެކެޓްގެ ހާލަތު ނޭނގެނީ އެެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މީގެ ނުރައްކާ ހީކުރާހާ ވަރަށް ބޮޑެވެ. އެގޮތުން ޕްލާސްޓިކް އެއްޗެހީގައި ބަންދުކޮށްފައި ހުންނަ ތަކެތީގައި ޕްލާސްޓިކް އެކުލެވޭ މިންވަރަށް ވުރެ ވުރެ، ޕްލާސްޓިކް ސައިފަތް ޕެކެޓް ނުރައްކާ ބޮޑު ކަމަށް ބުންޏެވެ.

"ސައިފަތް ޕެކެޓްގައި ޕްލާސްޓިކް އެކުލެވޭ މިންވަރު ބަންދުކޮށްފައި ކުރި ފެންފުޅީގައި ހުންނަ މިންވަރަށް ވުރެ ވެސް މަތިވުމަކީ ވަރަށް ބޮޑު ހައިރާންކަމެއް،" ދިރާސާ ހެދި ކެނެޑާގެ މެކްގިލް ޔުނިވަސިޓީގެ ޕްރޮފެސަރު ލައުރާ ހެނަންޑޭޒް ވިދާޅުވި އެވެ.

ދިރާސާ ހެދި ޓީމުން ވަނީ ޕްލާސްޓިކްގައި ސައިފަތް ބަންދުކުރާ ބައެއް ކުންފުނިތައް ވެސް ފާހަގަކޮށްފަ އެވެ. އެކަމަކު އެ ނަންތައް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެފަދަ ކުންފުނިތަކަށް ދިރާސާގައި ވަނީ ސައިފަތް ބަންދުކުރަން ޕްލާސްޓިކް މާއްދާތައް ބޭނުންނުކުރަން އިލްތިމާސްކޮށްފަ އެވެ.

"އަދި އިލްތިމާސަކީ ސައިފަތް ގަންނަ އިރު ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސައިފަތް އާންމުން ނުގަތުން. އަދި އެކަމަށް ސަމާލުވުން،" ލައުރާ ވިދާޅުވި އެވެ.