އިސްކޮޅުގައި ދެ ފޫޓު ހުންނަ މީހާ ކައިވެނިކޮށްފި

ބޯބޯގެ ނަމުން މަޝްހޫރު އަދި ނޯވޭގެ ވެރިރަށް އޮސްލޯގައި ދިރިއުޅޭ، އިސްކޮޅުގައި ދެ ފޫޓް ހުންނަ ޕާކިސްތާނުގެ ބުރުހާން ކްރިސްތީ ކައިވެނިކޮށްފި އެވެ.


އޭނާ އާއި އިސްކޮޅުގައި ހަ ފޫޓް ހުންނަ ލޯބިވެރިޔާ ފައުޒިއްޔާގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވާފައިވާ އިރު، އެކި ގައުމުތަކަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު އެ ހަފުލާގައި ބައިވެރިވި ކަމަށް ކައިވެނީގެ ހަފުލާ ކަވަރުކުރި ޕާކިސްތާނުގެ ޖިއޯ ނިއުސް އިން ބުންޏެވެ.

ބޯބޯއަކީ ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު މީހެކެވެ. އެގޮތުން ވަރަށް ގިނަ ސެލެބްރިޓީންނާ އެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ޓްވިޓާގައި އޭނާ ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ތަރިން ވެސް ހިމެނެ އެވެ.

ޕޯލިއޯގެ ސަބަބުން ހިނގުމުން މަހުރޫމުވެ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ އެކަމަކު ވަރަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ ބޯބޯއާ ބެހޭ ގޮތުން ފައުޒިއްޔާ ބުނީ އެއީ އޭނާ އެންމެ ލޯބިވާ މީހާ ކަމަށެވެ. އެކަން ސާބިތުކޮށް ދިނުމުގެ ގޮތުން ބޯބޯގެ ނަމުގެ ޓެޓޫއެއް ވެސް ފައުޒިއްޔާގެ އަތުގައި ޖަހާފައިވެ އެވެ.

ބޯބޯއަކީ ތަފާތު އެކި ކަހަލަ ވިޔަފާރިތައް ވެސް ކުރަމުން އަންނަ މީހެކެވެ. އޭގެ ތެރޭގައި ބޯބޯ ސްޓައިލް އިވެންޓްސް ހިމެނެ އެވެ. އަދި ބޯބޯއަކީ 2017 ގައި ބެސްޓް މޭލް އިންސްޕިރޭޝަނަލް ޕާސަންގެ އެވޯޑް ވެސް ލިބިފައިވާ މީހެކެވެ.