ޕްލާސްޓިކް ކަފަބުރު ސްކޮޓްލެންޑްގައި މަނާކޮށްފި

ޕްލާސްޓިކާ ދެކޮޅަށް އިނގިރޭސިވިލާތުގައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސްކޮޓްލެންޑްގައި ޕްލާސްޓިކް ކަފަބުރު މަނާކޮށްފި އެވެ.


ސްކޮޓްލެންޑް ވެފައި ވަނީ އިނގިރޭސި ވިލާތުގެ އިހުތިސާސް ހިނގާ ސަރަހައްދުގެ ތެރެއިން ޕްލާސްޓިކް ކަފަބުރު މަނާކުރި ފުރަތަމަ ތަނަށެވެ. ޕްލާސްޓިކް ކަފަބުރު މަނާކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ޕްލާސްޓިކާ ބެހޭ ގާނޫނުގެ ދަށުން ހޮނިހިރު ދުވަހުން ފެށިގެންނެވެ.

އެ ގާނޫނުގެ ދަށުން ސްކޮޓްލެންޑްގައި ޕްލާސްޓިކް ކަފަބުރު އުފެއްދުމާއި ވިއްކުމާއި ބޭނުންކުރުން މަނާވާނެ އެވެ.

މިކަމާ ބެހޭ ގޮތުން ސްކޮޓްލެންޑްގެ އެންވަޔަރަމަންޓް ސެކްޓަރީ ރޯޒިއާނާ ކަނިންޙަމް ވިދާޅުވީ އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ޕްލާސްޓިކް ކަފަބުރު މަނާކުރި ތަނަކަށް ސްކޮޓްލެންޑް ވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

"ޕްލާސްޓިކް ކަފަބުރު މި ހިމެނެނީ އެެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ތެރޭގައި. އެހެންވީމާ އެ އެއްޗެހި ބޭނުންކުރުމަކީ ވަރަށް ވެސް ހަރުދަނާ އަދި ބޭނުންތެރި ފިޔަވަޅެއް،" ރޯޒިއާނާ ވިދާޅުވި އެވެ. "އަދި މިއީ އަހަރެމެންގެ ވެށި ޕްލާސްޓިކުން ސަލާމަތްކުރަން އެޅުނު ވަރަށް ވެސް މުހިއްމު ފިޔަވަޅެއް. މިކަހަލަ ކިތަންމެ ކަމެއް އަދި ކުރަން އެބަހުރި."

ސްކޮޓްލެންޑްގެ މި ނިންމުމާ ގުޅިގެން ތިމާވެއްޓަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި މެރައިން ކޮންޒަވޭޓިވޭޝަން ސޮސައިޓީ އާއި ޑަބްލިއުޑަލްބިއުއެފް ސްކޮޓްލެންޑް ހިމެނެ އެވެ.

މެރައިން ކޮންޒަވޭޝަން ސޮސައިޓީން ބުނިގޮތުގައި މޫދަށް އުކައިލާ ޕްލާސްޓިކްގެ ތެރޭގައި ގިނަ އަދަދަކަށް ޕްލާސްޓިކް ކަފަބުރު ހިމެނެ އެވެ. އެގޮތުން ފާއިތުވި 50 އަހަރުގެ ތެރޭގައި ސްކޮޓްލެންޑްގެ މޫދުން 150،000 ޕްލާސްޓިކް ކަފަބުރު ހޮވާފައިވާ ކަމަށް ބުންޏެވެ.