ލޭގެ ޕްރެޝަރު ދަށްކުރަން ޓޮމާޓޯ ޖޫސް

ލޭގެ ޕްރެޝަރު މައްޗަަށް ދިއުން ނުވަތަ ހައިޕަޓެންޝަނަކީ ސިއްހީ ގޮތުން ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ މައްސަލަތަކާއި ނާރުގެ މައްސަލަތަކާއި ސިކުނޑި އާއި ކިޑްނީގެ ޓިޝޫތައް ހަލާކުވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހިމެނެ އެވެ.


އެހެންވެ ލޭގެ ޕްރެޝަރު އަބަދުވެސް ކޮންޓްރޯލްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ އާދައިގެ ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އެގޮތުން ރަނގަޅު ޑައިޓެއް ގެންގުޅުމާއި ކަސްރަތުކުރުމަކީ ޕްރެޝަރު ކޮންޓްރޯލްކޮށް ދޭން ބާރު އަޅާ ކަންކަމެވެ.

ކޮންމެ ދުވަހަކު ޓޮމާޓޯ ޖޫސް ބޯށެވެ. ޓޮމާޓޯއަކީ ސިއްހީ ފައިދާތައް ގިނަ މޭވާއެކެވެ. މިއީ އެންޓިއޮކްސިޓަންޓްތަކާއި ޕޮޓޭސިއަމުން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ލޭގެ ޕްރެޝަރު ދަށްކޮށްދޭން ބަރާބަރު މޭވާއެކެވެ.

އެމެރިކާގެ ކެލިފޯނިއާގެ ޕްރޮވިޑެންސް ސެއިންޓް ޖޯންސް ހެލްތު ސެންޓަރުގެ ކާޑިއޮލޮޖިސްޓް ޑރ. ނިކޯލް ވެއިންބާގް ވިދާޅުވި ގޮތުގައި ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ތާޒާ ޓޮމާޓޯ ޖޫސް ވަރެއް ނޯންނާނެ އެވެ. އޭނާ ވިދާޅުވީ މިއީ ވިޓަމިންސާއި މިނެރަލުން ވެސް ވަރަށް މުއްސަނދި މޭވާއެއް ކަމަށެވެ. ވަކިން ހާއްސަކޮށް ވިޓަމިން ސީ އާއި ބީއަކީ ޓޮމާޓޯ އިން ލިއްބައިދޭނެ ފައިދާތައް ކަމަށް ބުންޏެވެ.

ޓޮމާޓޯ.

"މީގެ އިތުރުން ޓޮމާޓޯ އަކީ ޕޮޓޭސިއަމް ވެސް ވަރަށް މަތީ މިންވަރަކަށް އެކުލެވޭ އެއްޗެއް. މިއީ ލޭގެ ޕްރެޝަރު ދަށްކޮށްދޭން އެހީވާ މުހިއްމި މާއްދާއެއް،" ނިކޯލް ވިދާޅުވި އެވެ. "އެހެންވެ ޓޮމާޓޯ ޖޫހަކީ ކޮންމެ ދުވަހުގެ ސުފުރާގެ ހާއްސަ އެއްޗަކަށް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެއް."

ދިރާސާތަކުން ދައްކާ ގޮތުގައި ޓޮމާޓޯ ބޭނުންކުރުމުން ހަށިގަނޑުގައި އުފެދޭ ބޭޑް ކޮލެސްޓްރޯލް ލޯ ޑެންސިޓީ-ލިޕޯޕްރޮޓީން (އެލްޑީއެލް) ދަށްކޮށްލަދީ، ގުޑް ކޮލެސްޓްރޯލް ހައި-ޑެންސިޓީ ލިޕޯޕްރޮޓީން (އެޗްޑީއެލް) ހަމައަކަށް އަޅުވައިދެ އެވެ.