ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ

އާންމުކޮށް ކެނަބިސްގެ އިސްތިއުމާލުކުރާ ފިރިހެނުންނަށް ޓެސްޓިކިއުލާ ކެންސަރު ނުވަތަ އުރަވަޅީގެ ކެންސަރުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުން ކުރި މި ދިރާސާ ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ މި މަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.

މި ދިރާސާގައި ބުނެފައި ވަނީ މަސްތުވާ މި ބާވަތުގެ ބޭނުންކުރުމުން އުރަވަޅީގައި ޖަރާސީމު ސެލްތައް އުފެދޭ ކަމަށެވެ. އެހެން މެރުއާނާ ބޭނުންކުރާ މީހުންނަށް އުރަވަޅީގެ ކެންސަރުގެ ނުރައްކާ ދިގު މުއްދަތަކަށް ބަލާއިރު ބޮޑުވާނެ ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާ އިން އެނގުނު ގޮތުގައި ކެނަބިސް ބޭނުންކުރާތާ ގިނަ ދުވަސްވެފައިވާ މީހުންގެ ކިބައިން މި ނުރައްކާ ކެންސަރު ފެނުމުގެ ފުރުސަތު 36 ޕަސެންޓް އިތުރެވެ. މިއީ ކެނަބިސް ބޭނުން ނުކުރާ ފިރިހެނުންނާ އަޅާބަލާއިރު އެވެ.

އެހެންވެ ދިރާސާގައި ބުނީ ކެނަބިހަކީ ކެންސަރުން ދުރުކޮށްދޭ އެއްޗެއް ކަމަށް ބުނެ، އެ ހުއްދަ ކުރުމަށް ބަޔަކު ކެމްޕޭނު ކުރި ކަމުގައި ވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އިނގިރޭސި ވިލާތަށް ބަލާއިރު އަހަރަކު 2،400 މީހަކަށް އުރަވަޅީގެ ކެންސަރު ޖެހެ އެވެ. މި ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި، އުރަވަޅީގެ އެއް ފަރާތުގައި، ތަދު ނުވާ ގަނޑެއް ނުވަތަ ހަރު ތަންކޮޅެއް އުފެދުން އަދި ބައްޓަމާއި ޓެކްސްޗާ އަށް ބަދަލު އައުން ހިމެނެ އެވެ.