އެއާ ނިއުޒިލެންޑުގައި ކޮފީ ތަށި މިހާރު ކާލެވޭނެ

އެއާ ނިއު ޒިލެންޑަކީ މިހާރު ވެސް އެ އެއާލައިންގެ ފްލައިޓްތަކާއި ލައުންޖްތަކުގައި ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ބޭނުންކުރާ އެއާލައިނެކެވެ. ބޭނުމަކީ ޕްލާސްޓިކް ފަދަ، ތިމާވެއްޓާ ރައްޓެހި ނޫން ކުނިބުނި މަދުކުރުމެވެ.


މި ބަދަލުގެ ތެރެއިން އެއާ ނިއު ޒިލެންޑުން މިހާރު ވަނީ އާ ކަމެއް ވެސް ތައާރަފުކޮށްފަ އެވެ. އެއީ ދަތުރުމަތީގައި ފަސިންޖަރުންނަށް ދޭ ކޮފީ އާއި އެ ނޫން ވެސް ދިޔާ އެއްޗެހި އަޅާ ތަށި ކާލެވޭ ތައްޓެއްގައި ދިނުމެވެ. އެހެންވެ ކުރިއާހިލާފަށް ކޮފީ ބޮއެފައި ނިންމައިލާ އިރު ކުނީގެ ގޮތުގައި އުކައިލާނެ އެއްޗެއް ނޯންނާނެ އެވެ.

މި ތަށި ތައްޔާރުކޮށްފައި ވަނީ ނިއު ޒިލެންޑްގެ ކުންފުންޏެއް ކަމަށްވާ ޓްވައިސްއިންނެވެ. ވެނީލާ ރަހަދޭ ތައްޓަކީ ހޫނު ކޮފީ ގިނަ އިރުތަކެއް ވަންދެން އަޅާފައި ހުއްޓަސް ވިރިގެން ނުދާ ގޮތަށް ތައްޔާރުކޮށްފައިވާ ތައްޓެކެވެ. ބަލާބެލުމަށް ތަށީގެ ބޭރު ވައްތަރީ ބިސްކޯދެއް ކަހަލަ އެއްޗަކާ އެވެ.

އެއާ ނިއު ޒިލެންޑްގެ ކަސްޓަމާ އެކްސްޕީރިއެންސް މެނޭޖަރު ނިކީ ޝޭވް ވިދާޅުވީ އެ އެއާލައިނުން އަހަރެއްގެ ތެރޭގައި އަށް މިލިއަން ކޮފީ ޕެސެންޖަރުންނަށް ސާވްކުރާ އިރު، އާ ތައްޓަށް ފަސިންޖަރުންގެ ފަރާތުން ލިބުނު ފީޑްބެކް ވަަރަށް ރަނގަޅު ކަމަށެވެ.

ޓްވައިސްގެ އެއް ބާނީ ޖެމީ ކެޝްމޯ ވިދާޅުވީ އެއާ ނިއު ޒިލެންޑާ ގުޅިގެން ކާލެވޭ ކޮފީތަށި ކަހަލަ އިތުރު އެއްޗެހި ދަތުރުމަތީގައި ބޭނުންކުރަން ތައްޔާރުކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭވިއޭޝަން ކުންފުނިތަކުން މިފަދަ ބަދަލުތަކަށް މަރުހަބާ ކިޔުމަކީ ތިމާވެށީގެ ހިމާޔަތުގައި ކުރެވޭ ވަރަށް މުހިއްމު މަސައްކަތަކަށް ވާނެ އެވެ.