އޭޝިއާގެ ބަތަލާއެއް ތާރީހުގެ ތެރެ އަށް

މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްއާ އެކު އޭޝިއާގެ ދަރިކޮޅުގެ ބަތަލާއަކަށް މުޅިން އާ ރެކޯޑަކާ އެކު ތާރީހުން ހާއްސަ ޖާގައެއް ލިބިއްޖެ އެވެ.


ޗައިނާ ދަރިކޮޅުގެ އެމެރިކާގެ ބަތަލާ އޯކްވަފީނާ ވެފައިވަނީ ގޯލްޑެން ގްލޯބްސްގެ ތާރީހުގައި މިހާތަނަނަށް ފިލްމެއްގެ ލީޑް ބަތަލާގެ ރޯލް ކުޅެގެން އެންމެ މޮޅު ބަތަލާގެ ގޯލްޑެން ގްލޯބް އެވޯޑް އުފުލައިލުމުގެ ޝަރަފު ލިބުނު ފުރަތަމަ ބަތަލާއަށެވެ. އުމުރުން 31 އަހަރުގެ ބަތަލާ އާދީއްތަ ދުވަހު އުފުލައިލީ 77 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ މޯޝަން ޕިކްޗާ މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު ބަތަލާގެ އެވޯޑެވެ. އެއީ "ދަ ފެއާވެލް" އިންނެވެ.

އެ އެވޯޑް އޭނާ ގެންދިޔައީ ކޭޓް ބްލެންޝެޓާއި އެމާ ތޮމްޕްސަންގެ އިތުރުން ބީނީ ފެލްޑްސްޓީން ފަދަ ތަރިންނާ ވާދަކޮށްގެންނެވެ.

އެވޯޑާ ހަވާލުވުމަށް ފަހު، ސްޓޭޖްމަތީގައި އޯކްވަފީނާ ބުނީ މިއީ ހަޔާތުގައި މީހަކަށް ވަރަށް މަދުން ނޫނީ ނުލިބޭނެ ޝަރަފެއް ކަމަށެވެ. އަދި މިއީ ބޮޑު ފިލާވަޅެއް ކަމަށް ބުންޏެވެ.

އެވޯޑް ލިބުމުން އެކަމާ އުފަލުން، އޭނާ އެވޯޑް ތަހުސީސްކުރީ ބައްޕަ އަށެވެ.

"މިހާރު ބައްޕަ ކައިރީ ބުނެލަން ބޭނުން ވަނީ މިކަން މިއޮތީވެފައޭ،" ރެޕާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އޯކްވަފިނާ ބުންޏެވެ.

ގޯލްޑެން ގްލޯބް އެވޯޑްސްގެ ތާރީހުން އޭނާ ހާއްސަ ޖާގައެއް ހޯދި އިރު، އޯކްވަފީނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 2018 ގައި އޭޝިއާގެ ފަންނާނުންތަކެއްގެ ގަދަފަދަން ދައްކާލައި، ހޮލީވުޑަށް ވެސް ސިހުން ގެނުވައި ދިން ކާމިޔާބު ފިލްމު "ކްރޭޒީ ރިޗް އޭޝިއަންސް" އާއި "އޯޝަންސް 8" އަދި "ދަ ޕެރަޑައިޒް ހިލް" ހިމެނެ އެވެ.

އޯކްވަފީނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޑިސެމްބަރު މަހު ރިލީޒްކުރި "ޖުމާންޖީ: ދަ ނެކްސްޓް ލެވެލް" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ރިންގްސް" އާއި ބްރޭކިން ނިއުސް އިން ޔޫބާ ކައުންޓީ" ގެ އިތުރުން "ދަ ޕްރޮމް" ހިމެނެ އެވެ.

އޯކްވަފީނާ ވަނީ ގިނަ ޓީވީ ސި؛ްސިލާތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ.

ގޯލްޑެން ގްލޯބް އެވޯޑްސްގައި މޮޅު ބަތަލާގެ އެވޯޑް އޭނާ އުފުލައިލި އިރު، އެ ކެޓަގަރީ އަށް ކުރިން ވެސް އޭޝިއާ ދަރިކޮޅުގެ ބަތަލާއިންތަކެއް ނޮމިނޭޓްވެފައިވެ އެވެ.

އޭގެ ތެރޭގައި 1956 ގެ "ދަ ޓީ ހައުސް އޮފް ދި އޮގަސްޓް މޫން" އިން މަޝިކޯ ކިޔޯ އާއި 1963 ގެ "ފްލާވާ ޑްރަމް ސޯންގް" އިން މިޔޯޝީ އުމޭކީ އާއި 1973 ގެ "ޖިސަސް ކްރިސްޓް ސުޕަސްޓާ" އިން ވިއޯމް އެލިމަން އާއި 2016 ގެ "އެޗް އޮފް ސެވެންޓީން" އިން ހެލީ ސްޓީންފެލްޑްގެ އިތުރުން "ކްރޭޒީ ރިޗް އޭޝިއަންސް" އިން ކޮންސްޓަންސް ވޫ ހިމެނެ އެވެ.