ޖަޕާނުގެ މަހުޖަނަކާ އެކު ހަނދަށް ދާނެ އަންހެނަކު ހޯދަނީ

މީހުންގެ ސަމާލުކަން ލިބޭ ކަންކަން ކުރާ ޖަޕާނުގެ މަޝްހޫރު މަހުޖަނު ޔުސާކޫ މައެޒާވާއާ އެކު ހަނދަށް ދާނެ އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.


އޭނާ ކުރި ޓްވީޓެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަކީ ހަނދަށް ދިއުމުގެ ޝަރަފު ފުރަތަމަ ލިބޭ އަންހެނާ އަށް ވުމުގެ ފުރުސަތު ކަމަށާއި މިކަމަށް ކުރިމަތި ނުލާންވީ ކީއްވެތޯ ސުވާލުކޮށްފައިވެ އެވެ.

މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 20 އަހަރުން މަތީގެ ހުސްހަށިބައި މީހަކަށްވުމާއި ޖައްވީ ދަތުރުތަކަށް ހާއްސަ ޝައުގުވެރިކަމަކާއި ލޯތްބެއް އޮންނަ މީހަކަށްވުމެވެ.

އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން 2023 ގައި ޓޫރިސްޓުންގެ ގޮތުގައި ހަނދަށް މީހުން ގެންދިއުމުގެ ދަތުރުތައް ފަށަން އަމާޒު ހިފާފައިވާ އިރު، އެކަމަށް އެންމެ ފުރަތަމަ އަގު ދެއްކި މީހުންގެ ތެރޭގައި ޔުސާކޫ، 44، ހިމެނެ އެވެ.

އެކުގައި ހަނދަށް ދާނެ ބައިވެރިއަކު ހޯދަން އޭނާ ހޯމަ ދުވަހު އިއުލާން ކުރިއިރު ޔުސާކޫ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 27 އަހަރުގެ ބަތަލާ އަޔާމޭ ގޮރީކީއާ ދާދި ފަހުން ވަނީ ވަކިވެފަ އެވެ. އަދި ޔުސާކޫ ބުނެފައި ވަނީ އޭނާއާ ހަނދަށްދާ ބައިވެރިޔާވެގެން ދާނީ ހަޔާތުގެ ބައިވެރިޔާ އަށް ކަމަށާއި ބޭނުން ވަނީ ލޯބި ދިރިއުޅުމެއް އުޅެން ކަމަށެވެ.

ހަނދަށް ދާން ކުރިމަތިލާ މީހުންގެ ތެރެއިން ހޮވޭ މީހަކު އިއުލާންކުރަން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ. އަދި މިކަމަކީ ވަރަށް ގިނަ ދުވަހުގެ ތަމްރީނު ވެސް ހަދަން ޖެހޭ ކަމެކެވެ.