ކައިވެނި.
25 ޖެނުއަރީ 2020 - 08:20
ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާއާ ކައިވެނިކުރަން ބޭނުން ނުވުމުން ކޮލަމްބިއާގެ ފިރިހެނަކު އޭނާގެ ކައިވެނީގެ ހަފުލާ އޮތް ދުވަހު، ކިޑްނެޕްކޮށްފި ކަމަށް ބުނެ ފުލުހުންނަށް ބޮޑު ބުރައެއް ޖައްސައިފި އެވެ.
މީޑިއާތަކުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ކޮލަމްބިއާގެ އަވަށެއް ކަމަށްވާ ޕިޓަލީޓޯގައި މިދިޔަ ހަފުތާ ބަންދުގައި ކަމަށެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ފަރާތުގެ އާއިލާގެ ގިނަ އަދަދެއްގެ މީހުންގެ ހާޒިރުގައި ފައްޅިއެއްގައި ވަރަށް ކުލަގަދަކޮށް ބާއްވަން އުޅުނު ކައިވެނީގެ ރަސްމިއްޔާތުގެ އެންމެ ފަހު ވަގުތުގައި 55 އަހަރުގެ ފިރިހެން މީހާ ވަނީ އެކުވެރިން މެދުވެރިކޮށް، ދެ ފަރާތުގެ އާއިލާގެ މީހުންނާއި ފުލުހުންނަށް، ގްރޫޕެއްގެ ބަޔަކު އޭނާ ކިޑްނެޕްކޮށްފައިވާކަން އަންގައިފި އެވެ.
މިކަން އެކުވެރިން ފުލުހުންނަށް ރިޕޯޓްކުރީ މޫނު ނިވާކޮށްގެން ތިބި ގްރޫޕެއްގެ ބަޔަކު ސައިކަލްތަކެއްގައި ގޮސް ފިރިހެން މީހާ ކިޑްނެޕްކުރި ކަމަށް ބުނެ އެވެ. އެއާ އެކު ފުލުހުން ވަނީ އަވަަށު ތެރޭގެ ސެކިއުރިޓީ ވަރުގަދަކޮށް، ޕިޓަލީޓޯ އިން ނުކުމެވޭ މަގުތައް ވެސް ބަންދުކޮށް ފިރިހެން މީހާ ހޯދަން ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.
ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެކުވެރިން ވަނީ ކިޑްނެޕްކުރި ކަމަށް ބުނި ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެ، އެކަމަށް މާފަށް އެދިފަ އެވެ. އަދި މިކަން އެނގުމުން އަންހެން މީހާގެ އާއިލާގެ މީހުން ވަރަށް ބޮޑަށް ރުޅިގަދަވެފައިވެ އެވެ.
އެންގޭޖް ވެސް ވެފައިވާ ލޯބިވެރިޔާއާ، ފިރިހެން މީހާ ކައިވެނިކުރަން ބޭނުންނުވި ސަބަބެއް ނުބުނެ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން ޕިޓަލީޓޯގެ ފުލުހުންގެ ކޮމާންޑަރު ނެސްޓޯ ވަރުގަސް މީޑިއާތަކަށް ވިދާޅުވީ ފިރިހެން މީހާގެ މި ރޭވުމަކީ ފުލުހުންނަށް ޖެއްސި ބޮޑު ބުރައެއް ކަމަށާއި އެތައް ވަސީލަތެއްގެ ބޭނުން ބޭކާރުވި ކަމަށެވެ. މި މައްސަލާގައި އޭނާ އާއި އެކުވެރިންނަށް ދައުވާކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ފިރިހެން މީހާގެ ވަނަވަރެއް ފުލުހުން ހާމައެއްނުކުރެ އެވެ.
އޭނާ މިހާރު ހުރީ އާއިލާގެ ބައެއްގެ ކައިރީގައި އެހެން އަވަށެއްގަ އެވެ.
ފުލުހުންނަށް ދޮގު މައުލޫމާތުތަކެއްދީ، މަސައްކަތްތަކަށް ހުރަސް އެޅި މައްސަލާގައި ފިރިހެން މީހާ އާއި އެކުވެރިންގެ މައްޗަށް ދައުވާކޮށް ކުށް ސާބިތިުވެއްޖެ ނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy