މަސް ކާ ހިތްވާ މީހުންނަށް "މީޓް" ޕެޗެއް

މަސް ނުކައި، ހަމައެކަނި ތަރުކާރީ އާއި މޭވާ ކައިގެން އުޅޭ މީހުންގެ ތެރެއިން މަހުގެ ބާވަތްތައް ކާހިތްވާ މީހުންނަށް ބޭކަންގެ ވަހުން ބަނޑުފުރައިލަދޭ ޕެޗެއް އީޖާދުކޮށް، ޓެސްޓްކުރަން ފަށައިފި އެވެ.


"މީޓް ޕެޗް" ގެ ނަން ދީފައިވާ މި ޕެޗް ތައްޔާރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ އެކްސްޕެރިމަންޓް ސައިކޮލޮޖީ ޕްރޮފެސަރު ޗާލްސް ސްޕެންސާއި ޕްލާންޓް-ބޭސްޑް ކާނާ ކުންފުނި ސްޓްރޯންގް ރޫޓްސް ގުޅިގެންނެވެ.

ކައްކާފައިވާ ބޭކަންގެ ވަސް އިންފިއުޒްކޮށްގެން އުފައްދާފައިވާ ޕެޗާ ބެހޭ ގޮތުން ޗާލްސް ވިދާޅުވީ ޕެޗް ގައިގައި ތަތްކޮށްފައި އޭގެ މަތި ކަހައިލުމުން، ކައްކާފައިވާ ބޭކަންގެ ވަސް ގެނެސްދޭނެ ކަމަށާއި އެއާ އެކު މަހުގެ ބާވަތެއް ކެވުނު ކަމުގެ އިހްސާސްވާނެ ކަމަށެވެ. މިއީ މިފަދަ ޕެޗެއް އީޖާދުކުރި ފުރަތަމަ ފަހަރެވެ.

ޕްރޮފެސަރު ޗާލްސް.

އޭނާ ވިދާޅުވި ގޮތުގައި އިންސާނާގެ ސިކުނޑިއާ ހަމަ އަށް ފޯރުވައިދޭ ވަހާއި ރަހައިގެ އަސަރަކީ އަބަދު ވެސް ބަނޑުފުރައިލަން ދޭން އެހީވާ ކަމެކެވެ. އަދި އެކި ކަހަލަ ވަސްތަކުން ހިތްފުރެނީ ވެސް އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ކާ އެއްޗެހީގެ ވަސް ތަންކޮޅެއް ގަދަ އަށް ޖެހުމަކީ ވެސް މީހާގެ ބަނޑުފުރޭ ކަމެއްކަން ދިރާސާތަކުން ދައްކާ،" "ގެސްޓްރޯފިޒިކްސް: ދަ ނިއު ސައިންސް އޮފް އީޓީން" ގެ ނަމުގައި ފޮތެއް ވެސް ލިޔުއްވާފައިވ ޗާލްސް ވިދާޅުވި އެވެ. "މިސާލަކަށް ކާ އެއްޗެއްގެ ވަސް ތަންކޮޅެއް ބޮޑަށް ކުރީމަ އިހުސާސްކުރެވޭނެ ތިމާ އެ އެއްޗެއް ކަނީ ކަމަށް. މީޓް ޕެޗުން ކޮށްދޭނެ ކަމަކީ އެއީ."

އޭނާ ވިދާޅުވީ މި ޕެޗް ވާނީ ކުރިއަށް އޮތް ތަނުގައި ވެޖެޓޭރިއަނުން ވަރަށް ގަޔާވާނެ އެއްޗަކަށެވެ.

ސްޓްރޯންގް ރޫޓްސް އިން ބުނީ އެ މީހުންގެ އަމާޒަކީ ޕްރޮފެސަރާ ގުޅިގެން އިޖާދުކުރި "މީޓް ޕެޗް" ކުރިއަށް އޮތް ތަނުގައި ބާޒާރަށް ނެރެ، އާންމުކޮށް ގަންނަން ލިބޭނެ އެއްޗަކަށް ހެދުމެވެ.

"އަދި މިއީ ކުރިއަށް އޮތް ތަނުގައި ވެޖެޓޭރިއަނިޒަމަށް ހިޖުރަކުރާ މީހުންނަށް ވެސް ވަރަށް ހާއްސަ އުފެއްދުމަކަށް ވާނެ." ސްޓްރޯންގް ރޫޓްސްގެ ބާނީ ސެމުއެލް ޑެނިގެން ވިދާޅުވި އެވެ.

މި ޕެޗް ޕްރޮމޯޓްކޮށް ދިނުމުގެ ޒިންމާއާ މި ވަގުތު ހަވާލުވެފައި ވަނީ ރިއަލިޓީ ޝޯ "ލަވް އައިލެންޑް" ގައި ވާދަކުރި ބޮކްސިން ތެޅުންތެރިޔާ ޓޮމީ ފިއުރީ، 20، އެވެ. މީގެ ވާހަކަ އޭނާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.