ބެލްޖިއަމް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓުމުން ސަޕޯޓަރަކު ރޮނީ. -- ފޮޓޯ: ރޮއިޓާސް
27 ޖެނުއަރީ 2020 - 07:24
ފުޓްބޯޅަ އަށް ފޯރި ހުންނަ މީހުން އެ މީހުން ސަޕޯޓްކުރާ ޓީމުތައް ކުޅޭތަން ބަލަން ތިބޭއިރު ސްޓްރެސް ލެވަލް ވަރަށް ބޮޑަށް މައްޗަށްދާ ކަމަށާއި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ބޮޑުވާ ވަރަށް ބައެއް މީހުން ސްޓްރެސްވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އޮކްސްފޯޑްގެ މި ދިރާސާ އަށް، ސައިންސްވެރިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1 އިން ބްރެޒިލް ބަލިވި މެޗް ބަލަން ތިބި ބްރެޒިލް ސަޕޯޓަރުންގެ ކުޅު ޓެސްޓްކޮށްފަ އެވެ.
މި ދިރާސާ އިން އެނގުނު ގޮތުގައި ބްރެޒިލް ސަޕޯޓަރުންގެ ސްޓްރެސް ހޯމޯން އާދަޔާ ހިލާފަށް ބޮޑަށް މައްޗަށް ދިޔަ އެވެ. މި ގޮތް ދެ ޖިންސުގެ ސަޕޯޓަރުންނަށް ވެސް އެއްވަރަކަށް ދިމާވާ ކަމަށާއި އެކަމަކު އަންހެނުންނަށް ވުރެ ބޮޑަށް ވަކި ބަޔަކަށް ފުޓްބޯޅާގައި ތާއީދުކުރާ ފިރިހެނުން ގިނަކަން ފާހަގަކޮށްފައިވެ އެވެ.
"ވަކި ޓީމަކަށް ސަޕޯޓްކޮށް އެ ޓީމަކަށް ހާއްސަވެގެން ތިބޭ މީހުންނަށް ނަފްސާނީ ގޮތުން ސްޓްރެސް ކުރިމަތިވާ މިންވަރު މާ ބޮޑު،" ދިރާސާގައި ބުނެފައިވެ އެވެ.
އާދައިގެ ގޮތެއްގައި ކްލަބްތަކަށް ތާއީދުކުރާ މީހުންނަށް ވެސް މެޗުގެ ސަބަބުން ސްޓްރެސް ކުރިމަތިވާ ކަމަށާއި އެކަމަކު ކްލަބްތަކަށް މަރުދޭ ބޮޑެތި ސަޕޯޓަރުންނާ އެއްވަރަށް ސްޓްރެސް ނުވާ ކަމަށް ދިރާސާ އިން ދެއްކި އެވެ.
މިކަމުން ނުރައްކާވަނީ، އާންމު ގޮތެއްގައި ސްޓްރެސްވާ ނަމަ ލޭ ނާރުތައް ހިމަވުމާއި ލޭމައްޗަށް ދިއުމާއި ގެއްލުން ވެފައިވާ ހިތް އިތުރަށް ބަލިކަށިވާތީ އެވެ.
ސްޓްރެސްވާ ހޯމޯން ކަމަށްވާ ކޯސިޓޯލްގެ ނަފްސާނޫ ގޮތުން އުނދަގޫތައް ކުރިމަތިވެ އެވެ. އެގޮތުން، މި ހޯމޯންގެ ސަބަބުން ހާސްވެ ބިރުވެރިކަމަކާ ކުރިމަތިވެފައި ހުންނަ ކަމުގެ އިހްސާސް ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy