ދަރިފުޅު ސިމޯންއާ އެކު ރޮކް.
14 ފެބުރުއަރީ 2020 - 08:24
ރެސްލިންގެ ދުނިޔޭގައި ވިދައިލުމަށް ފަހު، މިހާރު އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޑްވޭން (ރޮކް) ޖޯންސަންގެ ދޮށީ އަންހެން ދަރިފުޅު ސިމޯން ޖޯންސަން ވެސް އެ ކުޅިވަރުން ކުރިއަށްދާން ނިންމައި ޓްރޭނިންތައް ފަށައިފި އެވެ.
އުމުރުން މިހާރު 18 އަހަރުގެ ސިމޯން ތަމްރީނު ހަދަނީ ފްލޮރިޑާގެ ޑަބްލިއުޑަބްލިއުއީ ޕާފޮމަންސް ސެންޓަރުގަ އެވެ. މިކަން އޭނާ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. ސިމޯން ބުނިގޮތުގައި އަބަދު ވެސް ބޭނުންވީ ރެސްލިިން ތެޅުންތެރިއަކަށްވާށެވެ. އަދި ރެސްލިން އަކީ އަބަދުވެސް ވަރަށް ގަޔާވާ ކުޅިވަރެއް ކަމަށް ބުންޏެވެ.
ސިމޯނަކީ ރޮކްގެ ފުރަތަމަ ކައިވެންޏެއް ލިބުނު ދަރިފުޅެވެ. އޭނާގެ މަންމަ އަކީ ޑެނީ ގާޝިއާ އެވެ. ސިމޯންގެ އިރުތުން ރޮކްގެ ދެން ވެސް ތިބެނީ ދެ އަންހެން ކުދިންނެވެ. އެއީ މިހާރުގެ އަންހެނުނަށް ލޯރެން ހޭޝިއަނަށް ލިބިފަިއވާ ޖޭޒްމިން ޖޯންސަން، 4، އާއި އެއް އަހަރުގެ ޓިއާނާ ޖިއާ ޖޯންސަނެވެ.
ދޮށީ ދަރިފުޅު ރެސްލިން އަށް ނުކުންނަން ނިންމުމާ ގުޅިގެން ރޮކް ބުނީ ދަރިފުޅު އާއިލީ ކުޅިވަރު ދަމަހައްޓައި، އެ ދާއިރާ އިން ކުރިއަށްދާން ނިންމުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އެގޮތުން މިދިޔަ މަހު މަރުވި ބައްޕަ ރޮކީ ޖޯންސަނާއި ކާފަ ޕީޓީ މެއިވިއާގެ ލެގަސީ ދިރުވަން އަމިއްލަ އަށް ކުރި މަސައްކަތަށް ފަހު، ދަރިފުޅު ސިމޯން ރެސްލިންގެ ދުނިޔެ އަށް ނުކުތުމަކީ އާއިލާ އަށް ލިބޭ ޝަރަފެއް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy