ކަރުގައި އަޅާ ފަށެއް "ބޭނީ" ދޮއްޓަކުން

އޮސްޓްރޭލިއާގެ މެލްބަންގެ ބުޓިކް ފިހާރެއްގައި އިޝްތިހާރުކުރަން މެނެކްއިންއެއްގައި އަޅުވާފައި އޮތް އަގުބޮޑު ވަސޭޗާ ބްރޭންޑްގެ ފަށެއް، މަސްބާނާ ދޮއްޓެއް ބޭނުންކޮށްގެން ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.


މި ވައްކަންކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށް ފުލުހުން ބުންޏެވެ. ވައްކަން ކުރި މީހާ ހޯދަން ފުހުން އިއުލާންކުރި އިރު، ވިކްޓޯރިއާ ފުލުހުން ވަނީ ވައްކަން ކުރި މީހާގެ އެކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓެޖެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެކަމަކު އޭނާ ހޯދަން އާންމުންގެ އެހީ އަށް އެދުނީ ސީދާ ކާކުކަން ސާފުނުވެގެންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ފަށް ވަގަށް ނެގުމަށް ފަހު ދޮށި ދޫކޮށްލާފައި ދިޔަ މީހާ އަކީ އުމުރުން 40-50 އަހަރާ ދެމެދުގެ، އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓް ނުވަ އިންޗި ހުރި ކަމަށް ބެލެވޭ މީހެކެވެ.

ފުލުހުން ބުނިގޮތުގައި ވަގުކަލޭގެ ވައްކަންކުރި ކަމަށް ބެލެވެނީ ފިހާރައިގެ ތެރޭގައި މެނެކްއިން ބަހައްޓާފައި އިން ދިމާލުގައި އިން ބިއްލޫރިގަނޑުގައި ލޯ ވަޅެއް އަޅައިގެން އޭގެ ތެރެއިން ދޮށި ވައްދައިގެންނެވެ. އަދި އެކަން އޭނާ އަށް ކާމިޔާބުކުރެވުނީ ގާތްގަނޑަކަށް ތިން ގަޑިއެއްހާ އިރު ފަހުންނެވެ.

ވައްކަން ކުރި ދޮށި ވެއްދި ލޯވަޅު ވަގުތީ ގޮތުން ބައްދާފައި.

ފިހާރައިގެ ވެރިޔާ ސްޓީވެން އެޑިގްރާޓީ މީޑިއާތަކަށް ބުނީ މަސްބާނާ ދޮއްޓަކުން ދުވަހަކު ވެސް ފަށެއް ބޭނި ވާހަކަ އަޑެއް ނާހާ ކަމަށާއި އެކަމަށް ވަގުކަލޭގެ ތިން ގަޑިއެއްހާ އިރު އާދަޔާހިލާފު ގޮތަކަށް ވައްކަން ކުރަން އުޅުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށެވެ.

ވަގަށް ނެގި މެޑޫސާ މެޑަލަން ފަށުގެ އަގަކީ 799 ޑޮލަރެވެ.