އާނޯލްޑް މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، ހޮލީވުޑްގެ ތަރި އާނޯލްޑް ޝްވެޒްނެގާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.


އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ގަވަރުނަރުކަން ވެސް ކޮށްފައިވާ 72 އަހަރުގެ އެކްޓަރު މިލިއަން ޑޮލަރު ހަދިޔާކުރީ ފްލެކްސްޕޯޓް ކިޔާ ޖަމާއަތަކުން ގޯފަންޑްމީ ޕޭޖްގައި ފްރޮންޓް ލައިން ރެސްޕޮންޑާޒް ފަންޑްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަށެވެ.

އެ ކެމްޕޭނަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެކިއެކި އެހީތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ އެއްކުރަން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އެގޮތުން ފްރޮންޓް ލައިން ރެސްޕޮންޑާޒް ފަންޑަށް މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ. އަމާޒަކީ މަދުވެގެން 10 މިލިއަން ޑޮލަރު އެއްކުރުމެވެ.

އާނޯލްޑް ކުރި ޓްވީޓެއްގައި ބުނީ މި ދަނޑިވަޅަކީ އެއްވެސް މީހަކު ޝަކުވާކުރަންވީ ވަގުތު ނޫން ކަމަށާއި ކުރަންވީ ކަމަކީ އެ މީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

ވަކިން ހާއްސަކޮށް ނުރައްކާތެރި ވަބާއެއް ފެތުރެމުންދާ މި ވަގުތު އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސް ސަފުގައި މަސައްކަތްކުރާ އެންމެންނަށް ޝުކުރާއި ތައުރީފު ހައްގުވާ ކަމަށް ބުންޏެވެ. އަދި މިފަދަ މަސައްކަތެއްގައި ހިއްސާވެވުމަކީ ފަހުރެއް ކަމަށް ވެސް އާނޯލްޑް ބުންޏެވެ.