27 މާޗް 2020 - 09:13
ކޮރޯނާވައިރަހާ އެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންގެ ދިރިއުޅުމަށް ވެސް ވަނީ ވަރަށް ބޮޑު މާޔޫސްކަމެއް ކުތިމަތިވެފަ އެވެ. އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްހެން މިހާރު އެއްކޮށް ހުއްޓުމަކަށް އައިސް، މީހުންނަށް އުޅެން ޖެހިފައި ވަނީ ގޭތެރޭގައި ބަންދުވެގެންނެވެ. މިކަމާ ގުޅިގެން ކުރިމަތިވާ ހާސްކަމާއި އުދާސްތައް ވެސް ދަނީ އިތުރުވަމުންނެވެ.
އިނގިރޭސިވިލާތުގެ މި އާއިލާ އަށް މިހާރު ޖެހިފައި ވަނީ މި ކަހަލަ ހާލަތެކެވެ. ސްޓަފޯޑްޝަޔާގެ ކޮޑްސަލްގައި ދިރިއުޅޭ މިކް ފިލިޕްސް، 71، އަކީ ކުރިން އާންމުކޮށް ކޮންމެ ހަފުތާ ބަންދެއްގައި ފިރިހެން ދަރިފުޅު ކްރިސް ފިޕިލްސް އާއި ކާފަ ފިރިހެން ދަރިފުޅު ރުބެން ފިލިޕްސްއާ އެކު ފުޓްބޯޅަ ކުޅެމުން ދިޔަ މީހެކެވެ. ޕާކިންސަން ބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ މިކް އަކީ ކޮރޯނާވައިރަހުގެ ރިސްކް ބޮޑު މީހަކަށްވާތީ އޭނާ އަށް މިހާރު އުޅެން ޖެހިފައި ވަނީ އާއިލާއާ އެކަހެރިވެގެން ހުންނާށެވެ.
Grandad and grandson enjoy game of chess in self-isolation pic.twitter.com/jGn0wIpsjJ
— The Independent (@Independent) March 25, 2020
އެހެންވެ މި ނާޒުކު ދަނޑިވަޅުގައި އޭނާގެ އެކަނިވެރިކަން އެންމެ 7 އަހަރުގެ ކާފަ ދަރިފުޅު ފިލުވައި ދެނީ ފޭސްޓައިމް މެދުވެރިކޮށް ކޮންމެ ދުވަހަކު ކުޅޭ ރާޒުވާ ކުޅިގަނޑުތަކާ އެކީގަ އެވެ. ކާފައާ މި ދަނޑިވަޅުގައި ސީދާ ބައްދަލު ކުރެވެން ނެތުމުން އެ ފަޅުކަމާއި ފޫހިކަން ރުބެން އަށް ޓެބްލެޓް އެހީގައި ފޭސްޓައިމް މެދުވެރިކޮށް ފިލުވައި ދިނުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.
"ދަރިފުޅާއި ބައްޕަގެ މެދުގައި އަބަދު ވެސް ވަރަށް ގާތްގުޅުމެއް އޮވޭ. ބައްޕަ އައިސޮލޭޓްވާން ޖެހުނީމަ ރުބެން އެކަމާ ދެރަވެގެން ވަރަށް ރޮއި ވެސް ހެދި. އެކަމަކު މިހާރު ފޭސްޓައިމުން ރާޒުވާ ކުޅެވޭތީ ދެ މީހުން ވެސް ތިބީ ވަރަށް އުފަލުން." ކްރިސް ބުންޏެވެ.
އޭނާ ބުނީ ރާޒުވާ އަކީ ވެސް ރުބެންގެ ހިޔާލެއް ކަމަށެވެ. އަދި ދަރިފުޅަކި އަބަދު ވެސް ރާޒުވާ އަށް ހާއްސަ ޝައުގުވެރިކަމެއްދޭ ކުއްޖެއް ކަމަށް ބުންޏެވެ.
"މިކަހަލަ ދަނޑިވަޅެއްގައި ހުނަރު ތަރައްގީކޮށްލަން ވެސް މި ކަހަލަ ކަމެއްކޮށްލުމަކީ ހަގީގަތުގައި ވަރަށް މުހިއްމު ކަމަކަށްވާނެ،" ކްރިސް ބުންޏެވެ. "އަނެއް ކަމަކީ އައިސޮލޭޝަނުގައި ހުންނަ މީހާ އަށް ވެސް އެކަނިވެރިކަން އިހުސާސް ނުކުރެވުން. އަހަރެން އެދެން މި ދަނޑިވަޅުގައި ގޭގައި ތިބެން ޖެހުނީމަ މިކަހަލަ ގޮތްގޮތަށް ވަގުތުގެ ބޭނުން ހިފަން."
މިއީ ހަމައެކަނި ކްރިސްގެ އާއިލާގެ ވާހަކަ އެވެ. ކޮރޯނާވައިރަހާ އެކު ގައުމުތައް ލޮކްޑައުންކޮށް، ރައްޔިތުން ގޭގައި ބަންދުވެފައި ތިބެން ޖެހުމުން އެކި މީހުން އަންނަމީ އެކި ކަހަލަ ކަންކަން ކުރަމުންނެވެ. މުހިއްމު ކަމަކީ މިފަދަ ކަންކަމުން ހިތްވަރު ހޯދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނާ
27 March 2020
ތީ ރަނގަޅު ހިޔާލެއް! ވެއްޖެ ތިކަހަލަ ކަ މެއް ކޮއްލަން!