ހިކިމޭބިސްކަދުރު.
04 އެޕްރީލް 2020 - 08:11
ޑައިޓެއްގައި އުޅޭ ނަމަ މިކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނައިލާށެވެ. ޕިއްޒާ އާއި ބާގާ އާއި ޕޮޓޭޓޯ ޗިޕްސް ކަހަލަ ޖަންކް ފުޑްގެ ބާވަތްތައް މާ ބޮޑަށް ކާން ހިތްވާ ނަމަ ބަރުދަނަކަށް އެނގުމެއް ނުވާނެ އެވެެ. އެހެންވެ ހިކެން މަސައްކަތްކުރާ ނަމަ އެތަކެއްޗާ ވީހާ ވެސް ބޮޑަށް ދުރުވުން މުހިއްމެވެ.
އެކަމަކު އެއީ ފަސޭހައިން ވެދާނެ ކަމެއް ހެއްޔެވެ؟ ޑައިޓިޝަނުން ދޭ އިރުޝާދަކީ މިއެވެ؛ ކޮންމެ ދުވަހަކު ހިކިމޭބިސްކަދުރު ކާށެވެ. އޭރުން ޖަންކް ފުޑަށް އޮންނަ ދަހިވެތިކަން ކުޑަވެ، ބަނޑުހައިވުން ވެސް ކުޑަކޮށްދޭނެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ފާޑުފާޑުގެ އެއްޗެހި ކާ ހިތްވެ، އަބަދު ބަނޑުހައިވުން އިހުސާސްކުރެވޭ ނަމަ އެކަމަށް އޮތް އެންމެ ލުއި ފަރުވާ އަކީ ސްނެކެއްގެ ގޮތުގައި ކޮންމެ ދުވަހަކު ވެސް ހިކިމޭބިސްކަދުރުކޮޅެއް ކައިލުމެވެ. ގިނަވެގެން 30 ގްރާމް ފުދޭނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ހިކިމޭބިސްކަދުރު ވެސް ކާންވާނީ ކޮންޓްރޯލްކޮށް، ވަރަށް ފަރުވާތެރިކަމާ އެކީގަ އެވެ. އެއް ކަމަކީ ފަހަރަކު އެއްޗެއް ނުވަތަ ދޭތި ވަރު އަނގަޔަށް ލައިގެން މަޑުމަޑުން ހަފައިގެން ކެއުމެވެ. ނުވަތަ ދިރުވައިލަން ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓް ނެގުމެވެ.
މިގޮތަށް ހިކިމޭބިސްކަދުރު ކެއުމުން ލިބޭނެ އެއް ތަރުބިއްޔަތަކީ ކެއުމަށް ރަނގަޅަށް ސަމާލުކަން ދެވުމެވެ. ސިއްހީ މާހިރުން އަބަދު ވެސް ދޭ އިރުޝާދުތަކުގެ ތެރޭގައި ލަސްލަހުން ކެއުމާއި ކާ އެއްޗެހި ރަނގަޅަށް ހަފައިގެން ކެއުން ހިމެނެ އެވެ. މީގެ ސަބަބުން ހަގީގަތުގައި ކެއުން ކޮންޓްރޯލް ކުރެވި، ކާނާތަކުން ލާންވާ އަސްލު ރަހަ ގެނުވައިދޭނެ އެވެ.
މޭބިސްކަދުރަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންތަކާއި ގުދުރަތީ ފޮނިކަން ގެނެސްދޭ އެއްޗަކަށްވުމާ އެކު، މި ކެއުމުން ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސްވާނެ އެވެ. ހަމަމިއާ އެކު މިއީ ހަށިގަނޑަށް މުހިއްމު ނިއުރޯޓްރާންސްމިޓާޒް ނުވަތަ ގަބަ (ގަމާ-އެމިނޯބިއުޓްރިކް އެސިޑް) ލިއްބައިދޭނެ އެއްޗެކެވެ. އަދި ކޮންމެ ދުވަހަކު ހިކިމޭބިސްކަދުރު ކާ ނަމަ ލޭގައި ހަކުރު އެކުލެވޭ މިންވަރު ވެސް ކޮންޓްރޯލްކޮށް ދޭނެ އެވެ.
އެހެންވެ މިއީ ދިގު މުއްދަތަކަށް ނުވަތަ އާންމުކޮށް ބޭނުންކުރާ އެއްޗަކަށް ހެދުން މުހިއްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy