09 އެޕްރީލް 2020 - 08:22
ޝާހީ ޒިންމާތަކުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީކޮށް ސިއްކަ ޖެހުނު ޕްރިންސް ހެރީ އާއި މޭގަން މާކަލް "އާޗިވެލް" ގެ ނަމުގައި އާ ޗެރިޓީއެއް އުފައްދަވައިފި އެވެ.
ނަމަވެސް އެ ޗެރިޓީ ރަސްމީކޮށް ލޯންޗްކުރާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. ބެލެވޭ ގޮތުން އެކަން ކުރާނީ ކޮރޯނާވައިރަހުގެ ވަބާ އަށް ލުއިތަކެއް އައުމުންނެވެ.
ދެކަނބަލުން ކުރިން ވަނީ "ސަސިކްސް ރޯޔަލް" ގެ ނަމުގައި ޚައިރާތަކަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ނަމަަވެސް ޝާހީ އާއިލާއާ ފެއަށް ޖެހިވަޑައިގެން އަމިއްލަފުޅު މަސައްކަތްތަކުން ދިރިއުޅުއްވުން ބިނާކުރައްވަން ނިންމެވުމާ ގުޅިގެން "ސަސެކްސް ރޯޔަލް" ގެ ނަން ބޭނުން ނުކުރައްވަން ވެސް ނިންމަވައި، އެ ނަމުގައި ދެ ބޭފުޅުން ގެންގުޅުއްވި އިންސްޓަގްރާމް އެކައުންޓް ވެސް މިދިޔަ މަހު ވަނީ ދޫކޮށްލައްވައިފަ އެވެ.
"ސަސިކްސް ރޯޔަލް" ދޫކޮށްލައްވަން ނިންމެވި އިރު، ދެ ބޭފުޅުންގެ ވިޔަފާރީގެ ޓްރޭޑްމާކެއްގެ ގޮތުގައި ރަޖިސްޓްރީކުރައްވަން ހުށަހެޅުއްވުމަށް ފަހު އެކަން ވެސް ވަނީ ހުއްޓަވާލައްވައިފަ އެވެ.
ކެނެޑާ އަށް ފަހު މިހާރު އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅުއްވަމުން ގެންދަވާ ދެކަނބަލުން އާ ޗެރިޓީއާ ބެހޭ ގޮތުން ޓެލެގްރާފަށް ވިދާޅުވީ "އާޗިވެލް" އަކީ އެ ބޭފުޅުންގެ ހިތްތަކާ އެންމެ ގާތް ކަންކަމަށް ހާއްސަ އެއްޗެއް ކަމަށެވެ. އެގޮތުން ހިލޭ ސާބަހަށް ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ސަޕޯޓް ގްރޫޕްތަކާއި ދުޅަހެޔޮ ދިރިއުޅުމާ ގުޅުން ހުރި ދާއިރާތަކަށް އަމާޒުކޮށްގެން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވެލްބީން އަށް ހާއްސަ ވެބްސައިޓެއް ވެސް ވަރަށް އަވަހަށް ލޯންޗްކުރަން ތައްޔާރުވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާމްދަނީ ހޯއްދަވަން ހެރީ އާއި މޭގަން ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި މެގެޒިންތަކާއި ފޮތްތަކެއް ނެރުއްވުމާއި ޕޮޑްކާސްޓް ޝޯތަކެއް ހިންގެވުމާއި ކޮމްޕިއުޓަރު ސޮފްޓްވެއާ ފަރުމާކުރެއްވުން ފަދަ ކަންކަން ހިމެނެ އެވެ.
ދާދި ފަހުން މޭގަން ވަނީ މަޝްހޫރު ފިލްމު ކުންފުނި ޑިޒްނީން ގެނެސްދޭން ފެށި ޑޮކިއުމަންޓްރީއެއް ނެރޭޓް ވެސް ކޮށް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy