ވިއްކައިލާ އޮސްކާ ހެދުމުގައި ޕާލްޓްރޯ.
21 އެޕްރީލް 2020 - 08:06
ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވާން، ހޮލީވުޑްގެ މަޝްހޫރު ބަތަލާ ވިނިތު ޕަލްޓްރޯ މީގެ 21 އަހަރު ކުރިން އޮސްކާ އެވޯޑް ހަފުލާގައި ބޭނުންކުރި ހެދުމެއް ނީލަމެއްގައި ވިއްކައިލަން ނިންމައިފި އެވެ.
އެހީ އަށް ފައިސާ ހޯދަން #އޯލްއިންޗެލެންޖްގެ ނަމުގައި ގިނަ ސެލެބްރިޓީން ބައިވެރިވަމުން އަންނަ ހަރަކާތުގެ ދަށުން ވިއްކައިލަން ނިންމާފައި ވަނީ 1998 ގެ ފިލްމު "ޝޭކްސްޕިއާ އިން ލަވް" ކުޅެގެން 1999 ގައި ބޭއްވި 71 ވަނަ އޮސްކާގެ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމު ޕާލްޓްރޯ އަށް ލިބުނު އިރު ލައިގެން އިން ހެދުމެވެ.
ފެންނަ ފެނުމުގައި މާ ހާއްސަ ކަމެއް ނެތް އަދި ދާގަނޑެއްހެން އޮތް މަޑު މުށިކުލައިގެ އެ ގައުން އަކީ ކަލްވީން ކްލީންގެ ފަރުމާއެކެވެ. ހެދުމަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ފަހުން އެއީ "އޮސްކާ މެޓީރިއަލް ނޫން" ކަމަށް ޕާލްޓްރޯ ސިފަކުރި ހެދުން ވިއްކައިލާނީ އެންމެ ބޮޑު އަގެއް ބޮޑު އަގެއް ހުށަހަޅާ މީހަކަށް ކަމަށް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަރެއްގައި ބުންޏެވެ.
އެ ހެދުމާ ބެހޭ ގޮތުން ޕާލްޓްރޯ ބުނީ އެއީ 90 ގެ ފާޑުވެރިކަމުގެ އެއްޗެއް ކަމަށާއި އެއީ މިހާރު އަނެއްކާ ވެސް ފެޝަނެއްގެ ގޮތުގައި ބޭނުންކުރާ ސްޓައިލަކަށް އޮތް ހެދުމަކަށްވާތީ މިއީ އެހީގެ ފައިސާ ހޯދަން ވިއްކައިލަން ރަނގަޅު އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެހީއަކަށް ހާއްސަކޮށްގެން ފައިސާ ހޯދާތީ ޕަލްޓްރޯ، 47، އަށް ބައެއް މީހުން ތައުރީފުކޮށް އިންސްޓަގްރާމްގައި ކޮމެންޓްކުރި އިރު، ބައެއް މީހުން ވަނީ ސީދާގެ އޭނާގެ އަމިއްލަ ފައިސާ އިން އެހީވުން މާ ރަނގަޅު ކަމަށް ބުނެފަ އެވެ.
#އޯލްއިންޗެލެންޖަށް މިހާތަނަށް 10 މިލިއަން ޑޮލަރު ލިބިފައިވާ އިރު، އެއަށް ލިބޭ އެހީ ފޯރުކޮށްދޭނީ ނޯ ކިޑް ހަންގްރީ އާއި މީލްސް އޮން ވީލް ފަދަ ޖަމިއްޔާތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy