ކަންޔޭ ވެސްޓަކީ ވެސް މިހާރު ބިލިއަނަރެއް

އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓަކީ މިހާރު ބިލިއަނަރެއް ކަމަށް ފޯބްސް ބުނެފި އެވެ.


ފޯބްސް އިން އެކުލަވައިލާ މަހުޖަނުންގެ ލިސްޓުން، މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ފިރިމީހާ އަށް ފުރަތަމަ ފަހަރަށް މި އަހަރު ޖާގަ ލިބުނީ އޭނާގެ މިލްކިއްޔާތުގެ މިންވަރާ ދޭތެރޭ ފޯބްސް އިން ކުރިން ސުވާލު އުފައްދައި ޖާގަ ދިނުން ވަރަށް ބޮޑަށް ލަސްކުރުމަށް ފަހު އެވެ. އެގޮތުން އޭނާގެ މިލްކިއްޔާތު ކަށަވަރުކުރެވޭނެ ރަސްމީ ހެކިތަކެއް ނެތް ކަމަށް ފޯބްސް އިން ކުރިން ބުނެފައިވެ އެވެ.

ފޯބްސް އެންމެ ފަހުން އާންމުކުރި ލިސްޓުން ކަންޔޭ އަށް ޖާގަދިނީ އޭނާގެ މިލްކިއްޔާތު 1.3 ބިލިއަނަށް އަރާ ކަމަށް ނިންމުމަށް ފަހު އެވެ. އަދި ލިސްޓުން ރަސްމީކޮށް ޖާގަދިނޫ އެކަން ވަރަށް ބޮޑަށް ބެލުމަށް ފަހު، ޔަގީންކޮށް، ކަށަވަރުކުރުމަށް ފަހު ކަމަށް ބުންޏެވެ.

ކަންޔޭ އަކީ ހިޕް-ހޮޕް މިއުޒިޝަނުންގެ ތެރެއިން ފޯބްސްގެ ލިސްޓުން ޖާގަ ލިބުނު ދެވަނަ ފަންނާނެވެ. ފުރަތަމަ ޖާގަ ހޯދި ފަންނާނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ފިރިމީހާ ޖޭ-ޒީ އެވެ. އޭނާ އަށް އެއް ބިލިއަން ޑޮލަރާ އެކު ޖާގަ ލިބުނީ މިދިޔަ އަހަރު އެވެ.

ކަންޔޭ އަށް ފޯބްސްގެ ބިލިއަނުންގެ ލިސްޓުން ޖާގަ ލިބުނީ މިއުޒިކްގެ އިތުރުން އޭނާގެ ވިޔަފާރި ލޭބަލްތަކުން ލިބެމުން އަންނަ އާމްދަނީ އަށް ބިނާކޮށެވެ. ކަންޔޭގެ ލޭބަލްތަކުގެ ތެރޭގައި ގުޑް، ރޮކް-އަ ފެލާ އަދި ޑެފް ޖެމް ހިމެނެ އެވެ.

ކަންޔޭ، 42، ގެ މިލްކިއްޔާތަކީ 1.3 ބިލިއަން ޑޮލަރު ކަމަށް ނިންމި ނަމަވެސް ކަންޔޭ ވަނީ ޓެކްސްޓް މެސެޖަކުން އޭނާގެ މިލްކިއްޔާތު މިހާރު 3.3 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.

ފޯބްސްގެ ލިސްޓުން ކަންޔޭ އަށް ޖާގައެއް ކަށަވަރުވި އިރު، އޭނާގެ އަންހެނުން ކިމްގެ އެއްބަނޑު ކޮއްކޮ ކައިލީ ޖެނާ އަކީ ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރެވެ. ކައިލީ، 23، ގެ މިލްކިއްޔާތަކީ އެއް ބިލިއަން ޑޮލަރެވެ.