ބިލް ކްލިންޓަނާއި މޮނިކާ ލުވިންސްކީގެ ވާހަކަ "އެމެރިކަން ކްރައިމް ސްޓޯރީ" އަށް

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ދައުރުގައި އޭނާ އާއި ވައިޓްސް ހައުސްގެ އިންޓާންއެއްގެ ގޮތުގައި އުޅުނު މޮނިކާ ލުވިންސްކީގެ ސިއްރު ލޯބީގެ ކުޅިގަނޑަކީ ވަރަށް މަޝްހޫރުވި ވާހަކައެކެވެ. މިއީ މިހާރު ވެސް ކްލިންޓަންއޭ ބުނެފި ނަމަ ގިނަ ބަޔަކު އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނެ އެއް ވާހަކަ އެވެ.


ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "އެމެރިކަން ކްރައިމް ސްޓޯރީ" އަށް މިހާރު ވަނީ ކްލިންޓަނާއި ލުވިންސްކީގެ ވާހަކަ ގެންނަން ނިންމައިފަ އެވެ.

އެކަން ކަށަވަރުކޮށް ދެމުން އެ ޝޯގެ ލިޔުންތެރިޔާ ރަޔަންން މާފީ ކޮލައިޑާ އަށް ދިން އިންޓަވިއުއެއްގައި ބުނީ "އެމެރިކަން ކްރައިމް ސްޓޯރީ: އިންޕީޗްމަންޓް" ގެ ނަމުގައި ގެނެސްދޭ އެޕިސޯޑްތައް ބިނާކުރާނީ މޮނިކާގެ ސައިޑުން ކަމަށެވެ. މީގެ ވާހަކަ ބިނާކުރަނީ ޖެފްރީ ޓޫބިން 1999 ގައި އެކަމާ ބެހޭ ގޮތުން ލިޔުނު ފޮތަށެވެ.

"އަހަރެމެން މީގެ ޝޫޓިން ވެސް ފަށަން ތައްޔާރުވަމުން ދަނިކޮށް ކޮރޯނާވައިރަހާ އެކު ލޮކްޑައުން އިއުލާންކުރުމުން މަސައްކަތް ވަނީ މަޑުޖެހިފައި،" ރަޔަން ބުންޏެވެ. "މި ހާލަތަށް ލުއި ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނަން."

އޭނާ ބުނިގޮތުގައި ކްލިންޓަނާ އެކު ހިންގި ސިއްރު ލޯބީގެ ގުޅުމުގެ ވާހަކަ ލުވިންސްކީ އަށް ބުރަވެ، ގެނެސްދިނުމަކީ މި ހާދިސާގެ ހަފަރާތަށް ނަޒަރު ހިންގައިލަން ލިބޭނެ ފުރުސަތަކެވެ. އަދި އެ ހައްގު ވެސް ލުވިންސްކީ އަށް އަބަދު ވެސް އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ބީނީ އަދި ކްލައިވް.

"އެމެރިކަން ކްރައިމް ސްޓޯރީ: އިންޕީޗްމަންޓް" ގައި ލުވިންސްކީގެ ރޯލް ކުޅޭނީ ބީނީ ފެލްޑްސްޓީނެވެ. ކްލިންޓަންގެ ރޯލުން ފެންނާނީ ކްލައިވް އޮވެން އެވެ. އަދި މީގެ ކާސްޓުން ސާރާ ޕޯލްސަން ފެނިގެންދާނީ ލުވިންސްކީގެ ސިއްރު ހިއްސާކުރި ލިންޑާ ޓްރިޕްގެ ރޯލެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ރައީސް ބަރަކް އޮބާމާގެ ދައުރުގައި އަދާކުރެއްވި އަދި 2016 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ ފިރިކަލުން ބިލް ކްލިންޓަނާއި ލުވިންސްކީގެ ލޯބީގެ ސިއްރު ގުޅުމަކީ ވައިޓް ހައުސް ތެރޭގައި 1995-1996 އަށް ކުރިއަށް ދިޔަ ކުޅިގަނޑެކެވެ. އަދި މިކަން ފަޅާއެރުމާ އެކު، ކްލިންޓަން މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ވެސް ފެށުނެވެ.

"އެމެރިކަން ކްރައިން ސްޓޯރީ: އިންޕީޗްމަންޓް" ގައި މިކަންކަމަށް އަލިއަޅުވާނެ އެވެ. މި އެޕިސޯޑްތައް ބެލުންތެރިންނަށް ގެނެސްދޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.،