މައިކް ޓައިޒަން އަލުން ބޮކްސިން ރިންގަށް އަރަނީ

ބޮކްސިން އިން ރިޓަޔާކޮށްފައިވާ އެމެރިކާގެ މަޝްހޫރު ބޮކްސިން ލެޖެންޑް މައިކް ޓައިޒަން އަލުން ބޮކްސިން ރިންގަށް އަރަން ތައްޔާރުވާން ފަށައިފި އެވެ.


މިހާރު އުމުރުން 53 އަހަރުގެ ކުރީގެ ހެވީވެއިޓް ޗެމްޕިއަން ބުނިގޮތުގައި އަލުން އަނެއްކާ ވެސް ޕްރޮފެޝަނަލްކޮށް، ބޮކްސިން އަށް ނުކުންނަނީކީ ނޫނެވެ. އެކަމަކު ރިޓަޔާކުރިތާ އަހަރުތަކެއް ފަހުން ބޮކްސިން އަށް އަލަށް ނުކުންނަނީ ޗެރިޓީއަކަށް ކަމަށް ބުންޏެވެ. ބޮކްސިން އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޓައިޒަން އެ ކުޅިވަރުން ރިޓަޔާކުރީ 2005 ގަ އެވެ.

އޭނާ ވަނީ 1985-2005 ވަނަ އަހަރާ ހަމައަށް ވަރަށް ކާމިޔާބު ބޮކްސިން ކެރިއަރެއް ބިނާކޮށްފަ އެވެ. ޓައިޒަން ފާހަގަކުރެވެނީ ހެވީވެއިޓް ޗެމްޕިއަންކަން މިހާތަނަށް އެންމެ ޒުވާން އުމުރުގައި އުފުލައިލި ހުނަރުވެރިޔާގެ ގޮތުގަ އެވެ. އޭނާ އެންމެ ފުރަތަމަ ޓައިޓްލް އުފުލައިލީ އުމުރުން 20 އަހަރުގަ އެވެ.

ޓައިޒަން ބުނީ އަލުން ބޮކްސިން ރިންގަށް ނުކުންނަން ތައްޔާރީތައްވަމުން އަންނަ އިރު، ކޮންމެ ދުވަހަކު ވެސް ވަރަށް ގަދައަށް ޓްރޭނިންތައް ހަދަމުން އަންނަ ކަމަށެވެ.

"އަހަރެން ޓްރޭނިން ހަދާތާ ވެސް މިހާރު ހަފުތާއެއްހާ ދުވަސްވެދާނެ. ގޭގައި މިކަން މިނކުރަނީ. އަހަރެން ގަބޫލުކުރާ ގޮތުގައި މި ދަނޑިވަޅުގައި ޗެރީޓީއަކަށް ބޮކްސިން ރިންގަށް ނުކުންނަން އަހަރެން ހަމަ ވަރަށް ފިޓް،" ރެޕާ ޓީއައިއާ އެކު ކުރިއަށް ގެންދިޔަ އިންސްޓަގްރާމް އިންޓަވިއުއެއްގައި ޓައިޒަން ބުންޏެވެ. "އަހަރެން މި ހުރީ ހަމަ ރަނގަޅު ފޯމެއްގައި، ރަނގަޅު ޝޭޕެއްގައި ކަމަށް ވެސް ގަބޫލުކުރަން. މަސްތުވާތަކެއްޗާ ދެކޮޅަަށް ހިންގާ ހަރަކާތަކަށް ބޭނުންވާ ފައިސާކޮޅެއް އެއްކުރުން އަލުން ބޮކްސިން އަށް ނުކުންނަން ގަސްތުކުރީ."

އޭނާ ބުނިގޮތުގައި ކާޑިއޯ ހެދުމާއި ބައިސްކަލް ދުއްވުމާއި ޓްރެޑްމިލްގައި ދުވުމާއި ލައިޓް ވެއިޓްސް އުފުލަން ކަހަލަ ކަންކަމަކީ ޓްރޭނިން ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ މުހިއްމު ކަންކަމެވެ.

"އެކަމަކު ނުބުނާނަން މިހާރު މިއީ ފަސޭހަ ކަމެކޭ. ވިހީގެ އަހަރުތަކުގައި އުޅުނު ގޮތަކަށް ހަމަ ގައިމު ވެސް މިހާރަކު ނޫޅެވޭނެ،" ތިން ކައިވެންޏެއްކޮށް، އަށް ދަރިން ތިބި ޓައިޒަން ބުންޏެވެ. "އެ ތަފާތު ފާހަގަ ވެސް ކުރެވޭ."

ޓައިޒަން އަަލުން ބޮންސިން ރިންގަށް އަރަން ނިންމާފައިވާތީ އޭނާއާ އެކީ އެ ކުޅިވަރުގައި ކުރިން އުޅުނު ލެޖެންޑް ޖޯޖް ފޯމަން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ވޯލްޑް ބޮކްސިން ނިއުސް އަށް އޭނާ ބުނީ ރިޓަޔާކޮށްފައި ޓައިޒަން އަލުން ބޮކްސިން އަށް ނުކުތުމަކީ އެހާ ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ.

"އެއީ އަސްލުކުރަން ރަނގަޅު ކަމެއް ނޫން. އޭގެ މާނައެއް ނެތް ކަމަށް އަހަރެން ދެކެނީ. އޭނަ އަކީ ހޯލް އޮފް ފޭމް ވެސް ލިބިފައިވާ މީހެއް." ޖޯޖް ބުންޏެވެ.