އެކަނިވެރި މައިންގެ ދަރިން އަހުލާގު ރަނގަޅުވުމުގެ ފުރުސަތު ބޮޑު

ދަރިއަކު ނުވަތަ ދަރިންތަކެއް އެކަނިމާއެކަނި ބެލުމަކީ ވަރަށް އުނދަގޫ ދަތުރެކެވެ. މި ދަތުރުގައި އުންމީދު ގެއްލޭ ފަހަރު ވެސް އާދެ އެވެ. ނަމަވެސް ހިތްވަރާ އެކު މަސައްކަތްކުރެ އެވެ. ކޮންމެވެސް އިރަކުން ހިކިފަސް ތަނަކަށް ދެވޭނެކަމުގެ ޔަގީންކަމާއެކުގަ އެވެ. އަދި މުސްތަގްބަލް ވަރަށް އުފާވެރިކަމުގެ ހުވެފެނުގަ އެވެ.


ބައްޕައަކާ ނުލާ ދަރިއަކު ބެލުމަކީ މަންމައަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހީތެރިވެދޭނެ އެއްވެސް މީހަކު ނެތި އެކަނިމާއެކަނި ދަރިންގެ ކަންތައް ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް އެކަނި ދަރިން ބަލާ މީހުންގެ ތެރެއިން ގިނަ މީހުންނަށް ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކޮށް ބަލަހައްޓާނެ ގޮތް އެނގެ އެވެ. އަދި އެކަނި ބަލަން ޖެހުނީތީ އެމީހުންގެ ހިތްވަރެއް ދުލެއް ނުކުރެ އެވެ. އަދި ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ދަރިންނަށް އުފާވެރި މުސްތަގުބަލެއް ބިނާކޮށްދޭން ގިނަ މައިން ދަނެ އެވެ.

އެމީހުން ދަރިން ބަލަނީ މަންމަ އާއި ބައްޕަގެ ލޯބި ދީގެންނެވެ. އަދި ދަރިންނަށް އުފާވެރި އެހާމެ މަންފާހުރި މާހައުލެއް ހޯދައިދެވޭތޯ މިފަދަ ގިނަ މައިން ގަދައަޅާ މަސައްކަތް ކުރެ އެވެ.

މިގޮތަށް އެކަނި ބަލާ ކުދިން އާއްމުގޮތެއްގައި އަޚުލާގު ރަނގަޅުވެފައި ބަސް އަހަ އެވެ. އަދި ކިޔެވުމަށް މޮޅުވެފައި ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންތައްތައް އެކުދިންނަށް މާކުރިއްސުރެ އެނގެ އެވެ. އަދި ބޮޑެތިވަމުން އަންނަނީ ވަރަށް ރަނގަޅު ތަރުބިއްޔަތެއްގެ މަތީގަ އެވެ.

މަންމަ އާއި ދަރިއެއްގެ ލޯބީގެ މަންޒަރެއް

ވަކި އިންތިޒާމެއްގެ ދަށުން ގެންގުޅުން

ދަރިންނަކީ ބުނާބަސްއަހާ އަޚްލާގު ރަނގަޅު ބަޔަކަށް ހެދުމަކީ އެކަނި ދަރިން ބަލާ މަޔަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން ކުދިން ކަންތައްތައް ކުރޭތޯ މިފަދަ މައިން ވަރަށް ރަނގަޅަށް ބަލަ އެވެ. އަދި ކޮންމެ ދުވަހެއްގައި ކުރަން ހުންނަ ހުރިހާ ކަމެއް ވަކި ގަވާއިދަކަށް ފައްތައިގެން ކުދިން ލައްވާ ކުރުވަ އެވެ. ނިދާ ގަޑި އާއި ހޭލާ ގަޑި އަދި ފިލާވަޅު ދަސްކުރާ ގަޑި އާއި ކާ ގަޑިތައް ކަނޑައަޅާ އެ ގަޑިގަޑިއަށް އެ ކަންތައްތައް ކުރުމަށް ބާރުއަޅަ އެވެ. މިގޮތަށް ވަކި ގަޑިތަކެއް ކަނޑައަޅައި ކޮންމެ ދުވަހަކު ވެސް ގަވާއިދުން ގަޑިން ގަޑިއަށް ކަންތައްތައް ކުރާ ނަމަ ކުދިންނަށް ހިމާޔަތް ލިބިފައިވާ ކަމުގެ އިހްސާސް ކުރެވޭނެ އެވެ. އަދި ރޭވުންތެރި ކުއްޖަކަށް ވާނެ ފުރުސަތު ލިބޭނެ އެވެ. އެކަނި ދަރިން ގެންގުޅޭ މީހުންނަށް ކުދިންނަށް ނިދި ބޭނުންވާނެ މިންވަރު އެނގޭނެ އެވެ. އެހެންކަމުން ގިނައިރު ހޭލާ ތިއްބަ ނުދީ ނިންދަވާނެ އެވެ.

ކުދިންނަށް ހުސް ވަގުތު ހޯދައިދިނުން

ދިރިއުޅުމުގައި ކިތަންމެ ދަތި އުނދަގޫތައް ހުއްޓަސް އަދި ކިތަންމެ ސްޓްރެސް ވިޔަސް ދަރިން ހިތްހަމަޖައްސައިދިނުމަށް މައިން މަސައްކަތް ކުރެ އެވެ. އަދި މިފަދަ މައިން ގަވާއިދުން ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއް ދަރިންނާ އެކު ހޭދަކުރުމަށް ހުސްކުރެ އެވެ. އަދި މި މީހުން ކިތަންމެ ވަރުބަލި ވިޔަސް ދަރިންނަށް ވަގުތު ދެ އެވެ. އަދި ކުދިން ބޭނުންވާ ކޮންމެ ގަޑިއެއްގައި އެކުދިންނަށް އެހީތެރިވުމަށް ތައްޔާރަށް ތިބެ އެވެ.

ކިތަންމެ ބުރަކޮށް އުޅުނަސް ބަންދު ދުވަސްތަކުގައި ކުދިން ގޮވައިގެން ޕާކުތަކަށާއި އެކި ތަންތަނަށް ދިއުން ފަދަ ކުދިން ހިތްހަމަޖެހޭ ކަންތައްތައް ރާވައިގެން ކުރަން އެކަނި އުޅޭ މަންމައިން އަބަދުވެސް ވަގުތު ހޯދަ އެވެ.

ލޯބިން ދަރިން ހަލާކު ނުކުރުން

އެކަނި ދަރިން ބަލަން ޖެހުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އަތްމަތި ދަތިވުމެވެ. ލިބޭ ފައިސާއިން ދެކޮޅު ޖައްސަން އުނދަގޫވުމެވެ. މިފަދަ އޮފީހަކަށް ނުވަތަ މަސައްކަތެއް ކުރަން ބޭރަށް ދިއުން ނޫން ނުވަތަ އާމްދަނީ ހޯދަން ކޮންމެވެސް މަސައްކަތެއް މިފަދަ މައިން ކުރާނެ އެވެ. އެކަމަކުވެސް އެމީހުންގެ ދަރިން ހަލާކުވެދާނެ ފަދަ ނޭދެވޭ ކަންތައްތައް ކުރުމާ މިފަދަ މައިން ދުރުވާނެ އެވެ. މިސާލަކަށް، ބޭނުމެއް ނެތް އަގުބޮޑު އެއްޗެހި ގަނެދިނުން ފަދަ އަދި ކުދިން ބޭނުންވާ ކޮންމެ ކަމެއް ބޭނުންވާ ގޮތަކަށް ކޮށްދިނުން ފަދަ ކަންތައްތައް މިފަދަ މައިން ނުކުރާނެ އެވެ.

އެކަނި ދަރިން ބަލާ މައިން އެންމެ ރަނގަޅު ބެލެނިވެރިންނަށް ވަނީ އެމީހުންނަކީ ފިރިމީހާ ވަކިވުމުގެ ސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވާން މަޖުބޫރުވެފައިވާ އަންހެނަކަށް ވެފައި މި ހައިޖާނުގެ ތެރޭގައި ކުދިންނަށް ދެރަގޮތްގޮތްވެ އެކުދިން މާޔޫސްވެ ހިތްދަތިވާން މައިމީހާ ބޭނުން ނުވާތީ ކުދިންނަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން ކުރާ އިތުރު މަސައްކަތްތަކުގެ ސަބަބުންނެވެ.

މަންމައަކާއި ކުޑަކުއްޖެއް ފޮތް ކިޔަނީ

މިފަދަ މީހުން ތިބޭނީ ވަރަށް ޕޮޒިޓިވް ވިސްނުމެއްގަ އެވެ. ކިތަންމެ ޒިންމާ ބޮޑަސް އަދި ކިތަންމެ ދަތި އުނދަގޫތައް ދިމާވިޔަސް މި މީހުން ދަރިންނަކަށް އެކަމެއް ނުދައްކާނެ އެވެ.

ފިރިމީހާ ވަރިކުރުން ނުވަތަ މަރުވުން ފަދަ ކަމަކުން އެފަދަ އަންހެނުންގެ ހިތަށް ކުރާ އަސަރާއި ތަޖުރިބާކުރާ ވޭންތައް ދަރިންނަށް ދެއްކުމުގެ ބަދަލުގައި މިފަދަ މައިން އެކަންތައްތައް ހިތުގައި އޮއްބާލައިގެން ދަރިންގެ މުސްތަގްބަލަށްޓަކައި އަރުވާ ޖަހައިގެން މަސައްކަތް ކުރެ އެވެ. ސަބަބަކީ މައިމީހާ ގޯސް މޫޑެއްގައި ހުންނަ ނަމަ ނުވަތަ ދެރަވެގެން އުޅޭތަން ފެންނަ ނަމަ ކުދިން ދެރަވެ މާޔޫސްވެ ނަފްސާނީ ގޮތުން އެކުދިންނަށް މައްސަލައެއް ދިމާވެދާނެތީ އެކަމުން ކުދިން ރައްކާތެރި ކުރުމެވެ.

ކުދިންގެ ބައްޕައާ ރަނގަޅު ގުޅުމެއް ބޭއްވުން

އެކަނިވެރި މަންމައަކަށް ވިޔަސް ރަނގަޅަށް ދަރިން ތަރުބިއްޔަތުކުރާ މައިން އެ ކުދިންގެ ބައްޕައާ ރަނގަޅަށް މުއާމަލާތް ކުރާނެ އެވެ. ދެ މީހުން ތިބީ ވަރިވެފައި ނަމަވެސް ކުދިންނަކަށް އެ ދެ މީހުންގެ ދޭތެރޭގައި ޖެހުނު މައްސަލަތަކުގެ އަސަރު ކުރިޔަކަ ނުދޭނެ އެވެ. ދަރިން ބައްޕަ ދެކެ ލޯބިވާނެ ކަމާއި ބައްޕައަށް ބޭނުންވާނެ ކަން މިފަދަ މައިން ގަބޫލު ކުރާނެ އެވެ. އެހެންކަމުން އެކުދިންނާ ބައްޕައާ އޮންނަ ގުޅުން ކުޑަކުރާކަށް މިފަދަ މައިން މަސައްކަތެއް ނުކުރާނެ އެވެ.

މިއީ އެކަނިވެރި މައިންގެ ހުރި ރަނގަޅު ބައެއް ސިފަތަކެވެ. އެފަދަ މައިންގެ ދަރިންނަކީ އަޚުލާގު ރަނގަޅު ބަސްއަހާ އަދި ކިޔެވުމަށް މޮޅު ކުދިންނަށް ވަނީ މި މައިންގެ ކިބައިގައި މި ސިފަތައް ހުންނާތީ އެވެ.

މި ސިފަތައް ނެތް މީހުން ވެސް ތިބޭނެ އެވެ. ނަމަވެސް ޖުމްލަކޮށް ބަލާއިރު އެކަނިވެރި ގިނަ މައިންނަކީ ވަރަށް ރަނގަޅަށް ދަރިން ތަރުބިއްޔަތުކުރާ ބައެކެވެ.