ޗައިނާގެ އުފެއްދުންތަކާ ދެކޮޅު ކެމްޕޭނެއް އިންޑިއާގައި ފަށައިފި އެވެ.
#ބޯއިކޮޓްޗައިނީޒްޕްރޮޑަކްޓްސްގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ މި ކެމްޕޭންގެ ފަހަތުގައި ހުރީ އެޑިއުކޭޓާ އަދި އިންވެންޓާއެއްގެ ގޮތުގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ސޯނަމް ވަންގްޗަކެވެ.
ދެހާސް ނުވައެއްގައި ރިލީޒްކުރި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމު "3 އިޑިއަޓްސް" ގައި އާމިރު ޚާން ކުޅުނު ކެރެކްޓާ ޕުންސުކް ވަންގްޅޫ އަކީ ވަންގްޗަކް އިންސްޕަޔާކޮށްގެން ފައްކާކުރި ކެރެކްޓާ އެވެ. އޭނާ ޗައިނާއާ ދެކޮޅު ކެމްޕޭނެއް ފަށާފައި ވަނީ އިންޑިއާ އާއި ޗައިނާ ބޯޑަރު ހިއްސާކުރާ ލަޑާކްގައި އެ ގައުމުގެ އަސްކަރީ ބޭސްއެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާތީ އެކަމާ ގުޅިގެން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ދިމާކޮށެވެ.
ވަންގްޗަކް ބުނިގޮތުގައި މި ވަގުތަކީ އިންޑިއާގައި ބޭނުންކުރާ ޗައިނާގެ ހުރިހާ އުފެއްދުމެއް ހުއްޓާލައި، ވަޒަނުން ހަމަލާ ދިނުމުގައި ބަދަލުގައި ރައްޔިތުންގެ ވޮލެޓުން ޗައިނާ އަށް ޖަވާބުދޭންވީ ވަގުތެވެ.
ވަންގްޗަކް ވަނީ ކެމްޕޭނާ ދިމާކޮށް ޗައިނާގެ މަޝްހޫރު ސޯޝަލް އެޕް ޓިކްޓޮކް ވެސް ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އެއާ އެކު ބޮލީވުޑްގެ އެކްޓަރު މިލިންދު ސޯމަން ވަނީ އޭނާ ވެސް ޓިކްޓޮކް ބޭނުންކުރުން ހުއްޓާލިކަމަށް ބުނެފަ އެވެ. އިންޑިއާ އަކީ ޓިކްޓޮކްގެ ނުފޫޒު ވަރަށް ގަދަ ގައުމެކެވެ. އިންޑިއާގެ އެންމެ މަޝްހޫރު ގިނަ ފިލްމީ ތަރިން މިހާރު ޓިކްޓޮކް ބޭނުންކުރެ އެވެ.
ވަންގްޗަކް ވަނީ މިލިންދުގެ ޓްވީޓާ އެކު، އިންޑިއާގެ އެހެން ސެލެބްރިޓީން ވެސް ޓިކްޓޮކް ހުއްޓައިލާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.
ވަންގްޗަކް ބުނިގޮތުގައި ޗައިނާ އަށް ރަނގަޅު ފިލާވަޅެއް ލިބޭނީ އެ ގައުމުގެ ހުރިހާ އުފެއްދުމެއް ބޭނުންކުރުން އިންޑިއާ ރައްޔިތުން ހުއްޓައިލުންނެވެ.
"ހަމައެކަނި ޓިކްޓޮކެއް ނޫން. ސްމާޓްފޯނާއި ކޮމްޕިއުޓަރާއި ސޮފްޓްވެއާ ފަދަ ޗައިނާގެ އުފެއްދުންތައް ވެސް ބޭނުން ކުރުން ހުއްޓައިލަންވީ. އިންޑިއާ އިން އެ މީހުންގެ އުފެއްދުންތައް ހުއްޓައިލުމުން ހަމަ ޔަގީނުން ވެސް ޗައިނާގެ އިގުތިސާދަށް އެނގުންވާނެ،" ވަންގްޗަކް ބުންޏެވެ. "އަދި މިކަން އަހަރެމެން ކޮށްފި ނަމަ އިންޑިއާގެ އުފެއްދުންތަކުގެ މާކެޓް އިތުރުވެ، އަހަރެމެންގެ އުފެއްދުންތައް ކުރިއަރަން މަގުފަހިވާނެ."
ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި އަވަށްޓެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާ އަކީ އަބަދުވެސް ސިޔާސީ ކޯޅުންތަކެއް އޮންނަ ދެ ގައުމެވެ.
މިހާރު މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ވެސް އިންޑިއާގެ ފާޑުކިޔުންތަކެއް ޗައިނާ އަށް އަމާޒުވެފައިވެ އެވެ.