ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ވެސް ދުނިޔޭގެ ކުޅިތަކުގެ ފަސްބައިކުޅަ އެއްބައި ވަނީ ހަލާކުވެގެން ގޮސްފައި.
އައްޑޫ މީދޫގެ ކުޅިއެއް.
05 ޖޫން 2020 - 17:38
މޫސުމަށް ކުރާ ނޭދެވޭ ބަދަލުތަކާ ހެދި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ދުނިޔޭގެ ތިމާވެށީގެ މުހިއްމު ބައެއް ކަމަށްވާ ކުޅިތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ސައިންސް ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކާއި އިންސާނުންގެ އެކިއެކި އަމަލުތަކާ ހެދި މޫސުމަށް ކުރިމަތިވާ ކަންކަމާ އެކު ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ވަރަށް ބާރު މިނެއްގައި އުފެލެމުންދާ ކަމަށެވެ. އެހެންވެ، މީގެ ނުރައްކާ އެންމެ ބޮޑީ ކުޅިތަކާއި އެ ތަންތަނުގެ ދިރޭ މާހައުލުތަކަށް ކަމަށް ބުންޏެވެ.
މި ދިރާސާ ހަދާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި 78 އަށް ވުރެ ގިނަ ކުޅި އާއި އެ ތަންތަނަށް ފާއިތުވި 10،000 އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލުތައް ބެލުމަށް ފަހު އެވެ.
ކުޅިތަކަކީ ރަށްތައް ހިމާޔަތްކުރުމާ އެކު، ގުދުރަތީ ގޮތުން ވެސް ހާއްސަ ސިފަތަކެއް ލިބިފައިވާ ތަނެކެވެ. އެގޮތުން، ބިންތިރި ގައުމުތަކުގެ އައްސޭރިފަށް ހިމާޔަތްކޮށް ދިނުމުގައި ކުޅި އަދާކުރާ ރޯލު ބޮޑެވެ. އެ ތަންތަނުގައި ހުންނަ ގަސްގަހާގެއްސަކީ ރަށްތައް ހިމާޔަތްކޮށް ދިނުމުގައި ވަރަށް މުހިއްމު ބައެކެވެ. އޭގެ ތެރޭގައި ރަށްތަކުގައި ފެންބޮޑުވުމާއި ރަށްގިރުން ފަދަ މައްސަލަތަކުން ރައްކާތެރިކޮށްދެ އެވެ.
ހަމަ މިއާ އެކު ކުޅި އަކީ ކާނާގެ އިތުރުން އިގުތިސާދީ ގޮތުން ވެސް އެތައް މަންފާއެއް ލިބޭ ވަސީލަތެކެވެ. އޭގެ ތެރޭގައި އިކޯ-ޓޫރިޒަމް ފަދަ ކަންކަން ހިމެނެ އެވެ.
ދިރާސާގައި ބުނިގޮތުގައި، މިހާރު ވެސް ދުނިޔެ ހޫނުވެ ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާ އެކު ކަނޑުގެ ލޮނުގަނޑު އަހަރަކު ތިން މިލިމީޓަރަށް އުފުލެ އެވެ. މި ރޭޓުން މިކަންދާ ނަމަ 2050 އާ ހަމައަށް އަންނަ އިރު، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އަހަރަކު ހަ މިލިމީޓަރަށް އިތުރުވެދާނެ ކަމަށް ދިރާސާގައި ވެ އެވެ. އޭގެ ނަތީޖާ އަކީ ކުރިއަށް އޮތް 30 އަހަރު ކުރިން ވެސް ކުޅިތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުން ކަމަށް ބުންޏެވެ.
މި ދިރާސާ ހެދި އެމެރިކާގެ ރަޓްގާޒް ޔުނިވަސިޓީގެ ޕޯސްޓް-ޑޮކްޓޯރަލް ސައިންޓިސްޓް އެރިކާ އޭޝް ވިދާޅުވީ، މިއީ މިކަމަށް އަޅާލައި، ފިޔަވަޅުތައް ވެސް އަޅަންވީ ވަގުތު ކަމަށެވެ. ފަރުވާ ކުޑަކޮށްލައިގެން ތިއްބައި ހީވެސް ނުކުވާ ވަރުގެ ބޮޑެތި ގެއްލުންތަކެއް އިންސާނުންގެ ވެއްޓަށް ކޮށް، އިންސާނީ ޖީލަށް ފޫނުބެއްދޭ ވަރުގެ ކާރިސާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށި ކުޅީގެ މަންޒަރެއް.
"ކަނޑު ލޮނުގަނޑު އުފެލުންދާކަމީ މިހާރު ދެބަވަސްވެވެން ނެތް ހަގީގަތެއް. އެހެންވީމާ މިކަމަށް މަގުފަހިވާ ގޮތަށް ކުރެވޭ ކަންކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނައި ދުރާލައި އެބަޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން،" އެރިކާ ވިދާޅުވި އެވެ.
"އެންމެ މުހިއްމު ކަމަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުން، ކޮންޓްރޯލްކުރުން."
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ވެސް ދުނިޔޭގެ ކުޅިތަކުގެ ފަސްބައިކުޅަ އެއްބައި ވަނީ ހަލާކުވެފަ އެވެ. އެކަން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ 1980-2010 އާ ދޭތެރޭ ކަމަށް ބުންޏެވެ.
ރާއްޖެ އަކީ ވެސް ނިސްބަތުން ކުޅި ގިނަ ގައުމެކެވެ. ނަމަވެސް ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދަން ކުޅިފަދަ ތަންތަން މި ފަހަކަށް އައިސް ނައްތައިލެވެމުންދާކަން ފާހަގަކުރެވެ އެވެ. ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އަދި މިހާރު ވެސް ކުރަމުންދާ އެއް ބިންތިރި މި ރާއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައްރެއް
05 June 2020
ދުނިޔެއަށް ބޮޑެތި ބަދަލުތައް އެބައާދެއެވެ.
ސާއިދުސް
05 June 2020
ހުޅުމީދޫ ކިޅީގައި ބަޔަކު އަބަދު އަލިފާން ރޯކުރަނީ. މިކަންވެސް ހުއްޓުވޭ ކަމަކަށް ނުވޭ. މިއަހަރުގެ މިހާތަނަށް 6 ފަހަރު ރޯކޮށްފި.
އައްދު
05 June 2020
ހުޅުމީދޫ ކުޅި އަކީ ބޮޑު ތަނެއް . އެތަނުގެ އިގުތިސޯދީ މަންފާ ލިބިގަންނަން ޖެހޭ. އިކޯޓުއަރިޒަމް ތާއާރަފް. ކުރުން ނޫނީ ދަނޑުވެެރިކަން ކުރަން ވީ. ނޫނީ ދޫނި ޕާރކެއް ތަރައްގީ ކުރެވިދާނެ.
ހެޔޮ ބަސް
05 June 2020
އިންސާނުން ތަށް ވެސް ނެތިގެން މިތިބަ ދަނީ އެވެ. ދުނިޔެވެސް ނެތިގެން ދާނެއެވެ. ނެތިގެން ނުދާނެ އެއްޗަކީ ދުނިޔެ މަތީގައި ﷲ އަށް ޓަކައި ކޮށްފައިވާ ހެޔޮ އަމެލެކެވެ. އަވަސް ވެ ގަންނަންވީ އާޚުރަތް ހޯދުމަ ށެވެ.