ކަޅު ނަސްލުގެ މީހުންގެ ވިޔަފާރިތަކަށް ފޭސްބުކުން 200 މިލިއަން ޑޮލަރު

އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ވިޔަފާރިިތައް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ފޭސްބުކުން 200 މިލިއަން ޑޮލަރު ބަޖެޓެއް ހަމަޖައްސައިފި އެވެ.


ފޭސްބުކްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝެރީލް ސެންޑްބާގް ވިދާޅުވީ މިކަމަކީ ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އެ މީހުންނާ ދެކޮޅަށް އެމެރިކާގައި އޮންނަ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރާ މަސައްކަތްތަށް އެހީވުމުގެ ބައެކެވެ. ކަޅު ނަސްލުގެ މީހުންގެ ވިޔަފާރިތަކަށް އެހީވާން ކަނޑައެޅި ބަޖެޓުން އެ މީހުންގެ ކުދި ވިޔަފާރިތަކާއި ކަޅު މީހުންގެ ޖަމިއްޔާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ޝެރީލް ވިދާޅުވި ގޮތުގައި ކަޅު ނަސްލުގެ މީހުންގެ ވިޔަފާރިތަކަށް މި ފަހަރު ކަނޑައެޅި 200 މިލިއަން ޑޮލަރަކީ، އެ މީހުންނަށް އެކި ގޮތްގޮތުން އެހިވާން ފޭސްބުކުން ހޭދަކުރަން ނިންމާފައިވާ 1.1 ބިލިއަން ޑޮލަރު ސްކީމްގެ ބައެކެވެ.

މިފަދަ ނިންމުމެއް ފޭސްބުކުން ނިންމާފައި ވަނީ ކަޅު ނަސްލު މީހުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އިންސާފު ހޯދައިދޭން ކުރިއަށް ގެންދާ މަސައްކަތްތަކަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ދޭން ކުންފުނީގެ ވެރިޔާ މާކް ޒަކްބާގް ނިންމާފައިވާކަން މިދިޔަ މަހުގެ 31 ވަނަ ދުވަހު އިއުލާންކޮށްފައި ވަނިކޮށެވެ.

ކަޅު ނަސްލުގެ މީހުންގެ ވިޔަފާރިތަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖެއްސުމުގެ އިތުރަށް، ކަޅު މީހުންގެ ވާހަކަތަކަށް ހާއްސަ ސެކްޝަނެއް ފޭސްބުކްގައި ހަދަން ވެސް ނިންމައިފަ އެވެ.

މިދިޔަ މަހު ޖޯޖް ފްލޯއިޑް ކިޔާ ކަޅު ނަސްލުގެ މީހަކު ފުލުހުންގެ އަނިޔާގައި މަރުވުމާ ގުޅިގެން އެމެރިކާގައި މިހާރު ވަނީ މީގެ ކުރިން ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހިމާޔަތްކުރަން ގޮވައިނުލާ މިންވަރަށް އެކަމުގެ އަޑުގަދަވެދަ އެވެ.

ފްލޯއިޑްގެ ފަހުން ވެސް ފުލުހުންގެ އަނިޔާގައި ކަޅު ނަސްލުގެ އިތުރު ދެ މީހަކު މަރުވި މައްސަލަތަކެއް ވެސް ފެންމަތިވެ، މަސްރަހު ހޫނުވެފައިވެ އެވެ.