ކެމްޕޭނުގައި ބޭންޑްގެ ލަވަތައް ބޭނުންކުރާތީ ރޯލިން ސްޓޯންސް އިން ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ވާދަކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނުތަކުގައި އިނގިރޭސިވިލާތުގެ މަޝްހޫރު މިއުޒިކް ބޭންޑް ދަ ރޯލިން ސްޓޯންސްގެ ލަވަތައް ބޭނުންކުރާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ބޭންޑުން ދީފި އެވެ.


ބޭންޑުން ނެރުނު ބަޔާނެއްގައި ބުނީ ޓްރަމްޕްގެ ސިޔާސީ ހަރަކާތްތަކުގައި ބޭންޑްގެ ލަވަތައް ބޭނުން ކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށާއި އެއީ ފިކުރީ މުދަލަކަށް ނުހައްގުން އަރައިގަތުން ކަމަށެވެ. އެހެންވެ މި މައްސަލާގައި ޕަފޯމިން ރައިޓްސް އޮގަނައިޒޭޝަން ބްރޯޑްކާސްޓް މިއުޒިން އިންކް (ބީއެމްއައި) މެދުވެރިކޮށް ގާނޫނީ ފިޔަވަޅު އެޅުމާ ގުޅޭ މަސައްކަތައް މިހާރު ކުރަމުން އަންނަ ކަމަށް ބޭންޑްގެ ގާނޫނީ ޓީމުން ބުންޏެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ އޮކްލަހަމާ ސްޓޭޓްގެ ޓަލްސާގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ޓްރަމްޕް ވަނީ ބޭންޑްގެ ލަވަ "ޔޫ ކާންޓް އޯލްވޭޒް ގެޓް ވަޓް ޔޫ ވޯންޓް" ބޭނުންކޮށްފަ އެވެ. މި ލަވަ 2016 ގައި ޓްރަމްޕް އަލަށް ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި ކެމްޕޭނުގައި ވެސް ބޭނުންކޮށްފައިވެ އެވެ.

އޭރު އެކަމާ ހިތްހަމުޖެހިގެން ރޯލިން ސްޓޯސް އިން ވަނީ ޓްރަމްޕަކީ އެ މީހުންނަށް ކަމުދާ އަދި ގަޔާވާ މީހެއް ވެސް ނޫން ކަމަށް ބުނެފަ އެވެ.

ރޯލިން ސްޓޯންސް އަކީ ރޮކް މިއުޒިކްގެ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ އެއް ބޭންޑެވެ. މިހާރު ހަތަރު މެމްބަރަކު ލީޑްކުރާ އެ ބޭންޑް އުފެދުނީ 1962 ގަ އެވެ. މިހާތަނަށް މަގުބޫލު އެތައް ލަވައެއް ގެނެސްދީގެން އެތައް އެވޯޑެއް ވެސް ހޯދާފައިވާ ރޯލިން ސްޓޯންސްގެ މެމްބަރުންނަކީ މިކް ޖެގާ އާއި ކީތު ރިޗަޑްސް އާއި ޗާލީ ވޮޓްސްގެ އިތުރުން ރޮނީ ވުޑެވެ.