އާއިލާ އިން ދެއްކި މީހާ އާއި ލޯބިވެރިޔާއާ އެއްފަހަރާ ކައިވެނިކޮށްފި

އިންޑިއާގެ ފިރިހެނަކު، އޭނާ ކައިވެނިކުރަން އާއިލާ އިން ދެއްކި މީހާ އާއި އަސްލު ލޯބިވެރިޔާއާ އެއްފަހަރާ އެއްފަހަރާ ކައިވެނިކޮށްފި އެވެ.


މީޑިއާތަކުން ބުނި ގޮތުގައި މިއީ އިންޑިއާގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރަށް ވެދާނެ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކައިވެނީގެ ހަފުލާތައް ފޮޓޯތައް ވެސް ބައެއް މީޑިއާތަކުގައި ދައުރުވެފައިވާ އިރު ކައިވެނި ހަފުލާގައި ފިރިހެން މީހާއާ އެކު އެއް ތަނެއްގައި ދެ އަންހެނުން އިށީނދެގެން ތިބޭ ތަން ފެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މަދިޔަ ޕްރަދޭޝްގެ ބެތޫލް އަށް ނިސްބަތްވާ ސަންދީޕް އުއިކޭ އެއްފަހަރާ ދެ މީހުންނާ ކައިވެނިކުރި އިރު އޭގެ ތެރެއިން އެކަކީ ބޯޕާލްގައި ކިޔަވަން އުޅުނު އިރު އެތަނުން ހިތާވެގެން އުޅުނު މީހެކެވެ. އަނެއް މީހާ އަކީ އާއިލާ އިން ސަންދީޕް ކައިވެނިކުރަން ދެއްކި އަންހެނެކެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެއްފަހަރާ ދެ މީހުންނާ ކައިވެނިކުރަން ދިމާވީ ލޯބިވެރިޔާއާ ކައިވެނިކުރަން ބޭއްވި ހަފުލާގެ ތެރޭގައި، އާއިލާ އިން އޭނާ ދެވަން ބޭނުންވި މީހާ ގެނެސް ކައިވެނީގެ ހަފުލާގައި ޝާމިލްކުރުމުންނެވެ. އެގޮތުން މާ ބޮޑު ކަންތައްގަނޑަކަށް ނަހަދައި ކައިވެނީގެ ހަފުލާ ނިންމައިލި އިރު ތިން މީހުންގެ އާއިލާގެ މީހުންނާއި ބައެއް އަވަށްޓެރިން ވެސް ހަފުލާގައި ބައިވެރިވެފައިވެ އެވެ.

ނަމަވެސް އެއްފަހަރާ ދެ މީހުންނާ ކައިވެނިކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ތަހުގީގު ކުރަމުންނެވެ. އެއް ސަބަބަކީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ބަޔަކު އެއްވެގެން ކައިވެނީގެ ހަފުލާ ބޭއްވުމެވެ.