ލައިފްސްޓައިލް / އިސްލާމް

އިސްރާފު ކުރުމުގެ ނުބައި އާދަ ދޫކޮށްލަން ނަފްސު ހޭނުވުން

ޑރ. ސަޢުދުﷲ ޢަލީ

07 އޯގަސްޓް 2020 - 10:02

1 comments

ދިރިއުޅުމުގެ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި މަސައްކަތްކުރުމަކީ ބިމުގެ ޚަލީފާކަން އަދާކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިގޮތުން ﷲ އަށް އަޅުވެތިވުމަށްޓަކައި ނަމާދުކޮށް އެކަމުން އަވަދިވުމާ އެކު ބިމުގެ އެކި ހިސާބުތަކަށް ފެތުރިގޮސް ﷲ ގެ ފަޟްލަވަންތަކަމުން ރިޒުގުހޯދަން އިސްލާމް ދީން އަމުރު ކުރެ އެވެ. އަދި މިގޮތަށް މަސައްކަތްކޮށްގެން ހޯދާ ހަލާލު ތަކެތި ކައިބޮއެ ހެދުމަށް އެކަލާނގެ އަންގަވަ އެވެ. (އަލްއަޢުރާފް 31) ނަމަވެސް ހަމަ މި އެންގެވުމާ ވިދިގެން އިސްރާފު ނުކުރުމަށް އަންގަވަ އެވެ.

އިސްރާފު ނުކުރުމަށް ﷲ އަންގަވާ ފަދައިން އެކަމުގައި ހުރި ގެއްލުންތައް ވެސް ބަޔާން ކުރައްވަ އެވެ. މިގޮތުން އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެން ނުވާ ކަން އަންގަވާފައިވެ އެވެ. (އަލްއަންޢާމް 141). އަދި މުސްލިމުން އެކަންކަމުން ދުރުހެލިވާންވީ ވަރަށް މުހިންމު ކަންތައްތަކެއް ބަޔާންކުރައްވާއިރު އޭގެ ތެރޭގައި އިސްރާފު ނުކުރުމަށް ވެސް އަންގަވާފައިވެ އެވެ. މި އެންގެވުމާ ވިދިގެން ބަޔާންކުރައްވާފައިވަނީ އިސްރާފު ކުރާ މީހުންނަކީ ޝައިޠާނުންގެ އަޚުން ކަމަށެވެ. (އަލްއިސްރާއު 27) އެހެންކަމަށްވާނަމަ އިސްރާފުކުރާމީހުންނަކީ ޝައިޠާނާގެ ޕާޓީގެ މީހުންނެވެ. ޝައިޠާނާގެ ޕާޓީ އަކީ ގެއްލެނިވެގެންވާ ޕާޓީ އެކެވެ. (އަލްމުޖާދަލާ 19).

އިސްލާމީ ނަޒަރުން ބަލާއިރު އިސްރާފު ކުރުމުގެ މާނައަކީ ކެއިން ބުއިމާއި ހެދުންއެޅުމާއި އެނޫންވެސް ދިރިއުޅުމުގެ އެކިއެކި ބޭނުންތައް ފުއްދުމުގައި މެދުމިން ފަހަނަޅައި ގޮސް އިތުރަށް ބޭނުން ކުރުމެވެ. ކައިބޮއެ އުޅުމާއި ޞަދަޤާތް ކުރުމާއި ހެދުންލައި އުޅުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވެސް ބާރުއަޅުއްވާފައިވެ އެވެ. އެކަމަކު އެކަންކަމުގައި އިސްރާފުކުރުމާއި ކަންދެއްކުން އޮވެގެން ނުވާނެ ކަމަށް އެކަލޭގެފާނު އަންގަވާފައިވެ އެވެ. ޤިޔާމަތްދުވަހު އިންސާނާ ހުރިތަނުން ގުޑާވެސް ނުލެވެނީސް ކުރެވޭ ސުވާލުތަކުގެ ތެރޭގައިވެސް ނިޢުމަތްތަކާ މެދު ކުރެވޭ ސުވާލު ހިމެނެ އެވެ. އެހެންކަމަށްވާ ނަމަ ﷲ ގެ ކުރިމަތީ މަސްއޫލުވާން ޖެހެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު އިސްރާފު ކުރުމުގެ މާނައަކީ ކެއިން ބުއިމާއި ހެދުންއެޅުމާއި އެނޫންވެސް ދިރިއުޅުމުގެ އެކިއެކި ބޭނުންތައް ފުއްދުމުގައި މެދުމިން ފަހަނަޅައި ގޮސް އިތުރަށް ބޭނުން ކުރުމެވެ. ކައިބޮއެ އުޅުމާއި ޞަދަޤާތް ކުރުމާއި ހެދުންލައި އުޅުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވެސް ބާރުއަޅުއްވާފައިވެ އެވެ. އެކަމަކު އެކަންކަމުގައި އިސްރާފުކުރުމާއި ކަންދެއްކުން އޮވެގެން ނުވާނެ ކަމަށް އެކަލޭގެފާނު އަންގަވާފައިވެ އެވެ. ޤިޔާމަތްދުވަހު އިންސާނާ ހުރިތަނުން ގުޑާވެސް ނުލެވެނީސް ކުރެވޭ ސުވާލުތަކުގެ ތެރޭގައިވެސް ނިޢުމަތްތަކާ މެދު ކުރެވޭ ސުވާލު ހިމެނެ އެވެ.

އިސްރާފު ކުރުމަކީ ދީނީގޮތުން ބަލާއިރު މިދެންނެވި ފަދަ ނުރައްކާތެރި ކަމެއް ކަމަށްވާއިރު ދުނިޔަވީ ހައިސިއްޔަތުން ވެސް މިކަމުގައި ވަރަށް ގިނަ ގެއްލުންތަކެއްވެ އެވެ. މިގޮތުން ބަލާއިރު ކެއިން ބުއިމުގައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ބޭނުން ކުރުމަކީ ތަފާތު ބަލި ތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ހިތް ހަރުކަށިވެ ވިސްނުން ކޮށިވާ ކަމެކެވެ. ނުބައި ކަންކަމާއި ފާފަތައް ކުރުމަށް ވެސް މީހާއަށް ވަރަށްބޮޑު ހިތްވަރެއް ލިބޭ ކަމެކެވެ. އިސްރާފު ކުރާ މީހުންނަކީ ގިނަފަހަރު ވަރަށް އުފަލާއި އަރާމުގައި އުޅޭ ބައެކެވެ. އެހެންކަމުން އެމީހުން ބޭނުންގޮތަށް ހޭދަކުރަން ނުލިބޭ ދަނޑިވަޅުތަކުގައި ނަފްސު ކޮންޓްރޯލު ކުރަން ދަތިވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ޙަރާމް ގޮތުގައި މުދާ ހޯދަން އެފަދަ މީހުން ޖެހިލުން ނުވާނެ އެވެ. އިސްރާފު ކުރާ މީހުންނަކީ އެހެން މީހުންނަށް މާބޮޑު އަހަންމިއްޔަތު ކަމެއް ދޭ ބައެއް ނޫނެވެ. އެހެން މީހުންނަށް އަޅާލައި ރިޢާޔަތް ކުރާނެ ބައެއް ނޫނެވެ.

މިފަދަ އެތައް ގެއްލުމެއް ލިބޭ ކަމަކަށް ވާއިރު މިނުބައި އާދައިން ސަލާމަތްވާން މަސައްކަތް ކުރަން އެބަޖެހެ އެވެ. މިގޮތުން އިސްރާފު ކުރުމުން ލިބޭ ގެއްލުންތަކާމެދު ވިސްނައި ހޭވެރިވެ، ހަވާ ނަފްސުގެ އެދުންތައް ކޮންޓްރޯލު ކުރަން ދަސްކުރަން ޖެހެ އެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގައި މިނުބައި އާދައާ ބެހޭގޮތުން ވާރިދުވެފައިވާ ނައްޞު ތަކާމެދު ފުންކޮށް ވިސްނައި، އިސްރާފު ކުރާ މީހުންނާ އެކުވެރިކަން ނުބާއްވަން ނުވަތަ އެފަދަ މީހުން އިޞްލާޙު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. ދުނިޔަވީ ޙަޔާތުގެ ކަންކަން ހިނގަމުންދާ ގޮތާމެދު ފިކުރުކޮށް އިސްރާފު ކުރާ މީހުންނަށް އާޚިރަތުގައި ހުރި ޢުޤޫބާތްތަކާ މެދު ހޭލުންތެރިވާން ޖެހެ އެވެ.

އިސްރާފުކުރުމުގެ ނުބައި އާދައިން ދުރުހެލިވުމަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބޭނެ ދެވަނަ ކަމަކީ އިސްރާފު ކުރުމުގެ އާދަ އަހަރެމެންގެ ކިބައިގައި އަށަގަންނަ ސަބަބުތައް ދެނެގަތުމެވެ. މި ދެންނެވި ސަބަބުތަކަށް ބަލާއިރު އެއްކަމަކީ އިންސާނާ ހެދިބޮޑުވަމުން އަންނަ މާހައުލުގައި އިސްރާފުކުރުމާއި ބޭކާރު ޚަރަދުތައް ކުރުމެވެ. ހެޔޮލަފާ ޢާއިލާއެއް ބިނާ ކުރުމުގައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އިސްރާފު ކުރުމާއި ބޭކާރު ޚަރަދު ކުރުން ފަދަ ނުބައި އާދަތަކުން ދުރުހެލިވާން ވެސް ޖެހެ އެވެ. އެކަމަކު މިކަން ނުކުރެވޭ ކަމަށްވާނަމަ މިފަދަ ޢާއިލާއެއްގެ ތެރޭ ހެދިބޮޑުވާ ކުދިންނަށް އިސްރާފުކުރަން ދަސްވާނެ އެވެ.

ދުނިޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އެއް ހާލެއްގައި އޮންނަ އެއްޗެއް ނޫންކަން އެނގި ކުރިއަށް އަންނަ ދުވަސްތަކާ މެދު ފަރުވާވެ ހޭލައި ހުރުމަކީ މުހިންމު ކަމެކެވެ. އިޤުތިޞާދުކޮށް ފަހަށް ރައްކާ ކުރުމަށް އިސްލާމް ދީން ބާރު އަޅަނީ އެހެންވެ އެވެ. މިގޮތުން ތަފާތު އެކިއެކި މުޞީބާތްތަކާއި ކާރިސާތަކާއި ބަލިމަޑުކަމާއި ތަދުމަޑުކަމުގެ ހާލަތްތަކުގައާ އަދި އެފަދަ ހާލަތްތަކަށް ތައްޔާރު ވުމަށްޓަކައި ވެސް އިސްރާފުން ދުރުހެލިވާން ޖެހެ އެވެ.

ދެވަނަ ކަމަކީ ހިސާބަށް ވުރެ ތަނަވަސްކަން ލިބޭ ހިނދު އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ދަސްވެފައި ނުވުމެވެ. ވަކިން ޚާއްޞަކޮށް ދަތި ހާލުގައި އުޅެފައި ކުއްލިއަކަށް ތަނަވަސްކަމެއް ލިބުމުން މުޅިން އިދިކޮޅަށް ބަދަލުވެ އިސްރާފު ކުރުމުގެ އާދަ ހަރުލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ތިންވަނަ ކަމަކީ އިސްރާފުކޮށް ބޭކާރު ޚަރަދު ކުރާ މީހުން އެކުވެރިންގެ ގޮތުގައި ބެލުމެވެ. އެކުވެރިން އިޚްތިޔާރު ކުރުމުގައި ގެންގުޅެންޖެހޭ ވަކި އުސޫލުތަކެއް ކީރިތިރަސޫލާ ހާމަކުރައްވާފައިވަނީ މިފަދަ ކަންކަމުން ވެސް އިންސާނާ ސަލާމަތް ވުމަށެވެ.

ހަތަރުވަނަ ކަމަކީ، ޢާއިލާގެ ބޭރުން ނަމޫނާތައް ކޮޕީކޮށްގެން ބައެއް ދަރިންނާއި އަނބިން އިސްރާފުކޮށް ބޭކާރު ޚަރަދުތައް ކުރަން އާދަކުރުމުން ދެން ތިބި މީހުންނަށް ވެސް މިކަން އާދަވުމެވެ. ބޭކާރު ޚަރަދުތަކަށް އެދޭ އަނބިންނާއި ދަރިން ތިބުމަކީ އިންސާނާ އަށް ކުރެވޭ އިމްތިޙާނެކެވެ. އެމީހުންގެ އެ ބޭނުންތައް ހިފެހެއްޓުމެއްނެތި ފުއްދައިދޭން ފަށައިފި ނަމަ އިސްރާފު ކުރާ މީހުންގެ ތެރޭ ތިމާވެސް ހިމެނުން އެއީ އެންމެ ގާތް ގޮތެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އަނބިންނަށް އެމީހުންގެ ދައުރާއި ވާޖިބުތައް އަދި ހައްގުތައް ސާފުކޮށް އަންގައި އެކަންކަމަށް ހޭނުވުމަށް އިސްލާމް ދީން ބާރު އަޅާފައިވަނީ އިސްރާފު ކުރުމާއި އެނޫން ވެސް ނުބައި ހުރިހާ އާދަތަކުން ސަލާމަތްވެފައިވާ އާއިލާއަކަށް މުސްލިމް ކޮންމެ އާއިލާއެއް ހެދުމަށެވެ.

ފަސްވަނަ ކަމަކީ، ދުނިޔަވީ ޙަޔާތުގެ ޠަބީޢަތާމެދު ޣާފިލު ވުމެވެ. ދުނިޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އެއް ހާލެއްގައި އޮންނަ އެއްޗެއް ނޫންކަން އެނގި ކުރިއަށް އަންނަ ދުވަސްތަކާ މެދު ފަރުވާވެ ހޭލައި ހުރުމަކީ މުހިންމު ކަމެކެވެ. އިޤުތިޞާދުކޮށް ފަހަށް ރައްކާ ކުރުމަށް އިސްލާމް ދީން ބާރު އަޅަނީ އެހެންވެ އެވެ. މިގޮތުން ތަފާތު އެކިއެކި މުޞީބާތްތަކާއި ކާރިސާތަކާއި ބަލިމަޑުކަމާއި ތަދުމަޑުކަމުގެ ހާލަތްތަކުގައާ އަދި އެފަދަ ހާލަތްތަކަށް ތައްޔާރު ވުމަށްޓަކައި ވެސް އިސްރާފުން ދުރުހެލިވާން ޖެހެ އެވެ.

ހަވަނަ ކަމަކީ، އިންސާނާގެ ހަވާ ނަފްސުގެ އެދުންތަކަށް އެއްވެސް ކޮންޓްރޯލެއް ނެތި ތަބާވުމެވެ. މިއީ އިސްރާފު ކުރުމަށް އޮތް ވަރަށް ފަސޭހަ މަގެކެވެ. އިސްލާމްދީން އެދެނީ އެފަދަ އެދުންތައް ކޮންޓްރޯލު ކުރުމަށެވެ. އެއީ ހަމައެކަނި އާޚިރަތުގައި ލިބޭނެ ޢަޛާބުން ސަލާމަތްވާން އެކަންޏެއް ނޫނެވެ. އިސްރާފު ކުރުން ފަދަ އާފާތްތަކުން ވެސް އިންސާނާ ސަލާމަތް ކުރުމަށް ވެސް މެ އެވެ.

ކީރިތި ރަސޫލާގެ ޙަދީޘެއްގައި ވެ އެވެ. "ތިމަން ކަލޭގެފާނަށް (އާޚިރަތުގެ ޙަޔާތާމެދު) އެނގޭ ކަންކަން ތިޔަބައި މީހުންނަށް އެނގޭ ނަމަ ތިޔަބައިމީހުން އުފާކޮށް ހީނ އުޅޭނީ ވަރަށް މަދުންނެވެ. އެކަމަކު ވަރަށް ގިނައިން ތިޔަބައިމީހުން ހިތާމަކޮށް ރޮއެ ހަދާނެ އެވެ." (އަލްބުޚާރީ).

ހަތްވަނަ ކަމަކީ އީމާންތެރިކަން ދަށްވުމެވެ. އީމާންތެރިކަން ދަށްވުމަކީ އެންމެހާ ނުބައި ކަންކަމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން އިސްރާފު ކޮށް ބޭކާރު ޚަރަދު ކުރުމުގެ ނުބައި ވަބާ އިންސާނާއާ ކުރިމަތިވުމުގައި ވެސް އީމާންތެރިކަން މުހިންމު ދައުރެއް އަދާކުރާނެ އެވެ. ވަކިން ޚާއްޞަކޮށް އާޚިރަތާ މެދު އޮންނަ ޢަޤީދާ ބަލިކަށި ނަމަ އެވެ. ކީރިތި ރަސޫލާގެ ޙަދީޘެއްގައި ވެ އެވެ. "ތިމަން ކަލޭގެފާނަށް (އާޚިރަތުގެ ޙަޔާތާމެދު) އެނގޭ ކަންކަން ތިޔަބައި މީހުންނަށް އެނގޭ ނަމަ ތިޔަބައިމީހުން އުފާކޮށް ހީނ އުޅޭނީ ވަރަށް މަދުންނެވެ. އެކަމަކު ވަރަށް ގިނައިން ތިޔަބައިމީހުން ހިތާމަކޮށް ރޮއެ ހަދާނެ އެވެ." (އަލްބުޚާރީ).

އިސްރާފު ކުރަން އާދަވާން މެދުވެރިވާ މި ސަބަބުތަކާއި އަދި މިނޫންވެސް ސަބަބުތައް ހުންނަ އިރު މި ނުބައި އާދައިން ސަލާމަތްވުމަށްޓަކައި މިފަދަ ސަބަބުތައް ނައްތާލުމަށް ތިމާއަށް ކުޅަދާނަވީ މިންވަރަކުން މަސައްކަތް ކުރަން ޖެހެ އެވެ. އަދި ކުރިން ބަޔާންކުރެވުނު ގެއްލުންތަކާ މެދުވެސް ފުންކޮށް ވިސްނަން ޖެހެ އެވެ. އިސްރާފުކުރުމާ މެދު ހިތުގައި ނަފްރަތު އުފެދެން ޖެހެ އެވެ. އަދި މި ވިސްނުމާއި ޖަޒުބާތުތަކާ އެކު ނަފްސުން މި ނުބައި އާދަ ދުރުކޮށްލަން ފަރިތަކުރަން ޖެހެ އެވެ. އޭރުން ﷲ ގެ ވާގިފުޅާ އެކު މިނުބައި އާފާތުން އަޅުގަނޑުމެންނަށް ސަލާމަތް ވެވިދާނެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔެސް

07 August 2020

އިސްރާފަކަށް ވަނީ ހަމައެކަނި އުކާލުމެއްނޫން. ތިމާއަށް ބޭނުންވާ ވަރަށްވުރެ އިތުރުކުރުމަކީވެސް އިސްރާފެއް. މިސާލަކަށް ކެއުމުގައި މާގިނައިން ކެއުމަކީވެސް އިސްރާފެއް .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454