އީލޮން މަސްކްގެ "ސްޓާލިންކް" ގެ އިންޓަނެޓަށް ތައުރީފު

ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ފަށާފައިވާ "ސްޓާލިންކް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އިންޓަނެޓްގެ ހިދުމަތް ލިބެން ފެށި ސަރަހައްދުގެ އާންމުން އެ ހިދުމަތަށް ތައުރީފުކުރަން ފަށައިފި އެވެ.


އިންޓަނެޓްގެ ހިދުމަތަށް ހާއްސަކޮށްގެން އީލޮންގެ ސްޕޭސް އެކްސް އިން ފުރަތަމަ ލޯންޗްކޮށްފައިވާ 715 ސެޓެލައިޓްގެ "ފައުޖު"ން އިންޓަނެޓް ލިބޭ ވާހަކަ މިދިޔަ މަހުގެ ފަހުކޮޅު ހިއްސާކުރަމުން ވޮޝިންޓަން އިމަޖެންސީ މެނޭޖްމަންޓް ޑިވިޝަނުން ބުނީ ކެލިފޯނިއާ މާލްޑެން އަވަށަށް "ސްޓާލިންކް" ގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބޭތީ ހިލޭ އާންމުންނަށް ވައިފައި ލިބޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު އެތަނުގެ އާބާދީ އަށް ހަލުވި ސްޕީޑްގެ ވައިފައި ލިބެމުން އަންނަ އިރު، ގިނަ ބަޔަކު ބުނަމުން އަންނަނީ މިކަމަށް ތައުރީފު ހައްގު ކަމަށެވެ. ހޯ ޓްރައިބުން ފާހަގަކޮށްފައިވާ ގޮތުގައި "ސްޓާލިންކް" ވިއުގަ އިން އިންޓަނެޓްގެ ސްޕީޑް މިހާރު ސިކުންތަކު 0.3-0.7 މެގަބިޓްސް އަށް ލިބެ އެވެ.

އެގޮތުން ކޮވިޑް-19 ގެ ދަތި އުނދަގޫ ދަނޑިވަޅުގައި ކިޔަވާ ކުދިން އޮންލައިންކޮށް ކިޔަން ޖެހުމާއި އާންމު ރައްޔިތުން ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަން ވެސް އޮންލައިންކޮށް ކުރަން ޖެހޭތީ "ސްޓާލިންކް" ގެ ވިއުގަވެފައި ވަނީ ގެނެސްދިން ވަރަށް ވެސް ފުރިހަމަ ހިދުމަތަކަށް ކަމަށް އެ ހިދުމަތް ލިބޭ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

މިކަމާ ބެހޭ ގޮތުން ވޮޝިންޓަންގެ ހޯލީ ޓްރައިބްގެ ވައިސް ޗެއާމަން މެލްވިންޖޯން އަޝޫ ވިދާޅުވީ އެ މީހުން ދިޔައީ ފާއިތުވި އަށް އަހަރު އިންޓަނެޓް ހިދުމަތް ހޯދުމުގައި ބޮޑު ތަކުލީފެއް އުފުލަމުން ކަމަށެވެ. އަދި އެކަން ހަނގުރާމައެއްގެ ގޮތުގައި ސިފަކޮށް އޭނާ ވިދާޅުވީ "ސްޓާލިންކް" ގެ ވިއުގައާ އެކު މިހާރު މި ތިބީ 21 ވަނަ ގަރުނުގެ ތެރޭގައިކަން ޔަގީންވެއްޖެ ކަމަށެވެ.

"އެ ސަބަބަށްޓަކައި ސްޕޭސް އެކްސް އާއި މި މަޝްރޫއާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" މެލްވިންޖޯން ވިދާޅުވި އެވެ.

އޭނާގެ މި ވާހަކަތައް ޓްވިޓާގައި ހިއްސާކުރެއްވުމުން އީލޮން ވެސް މަރުހަބާ ކިޔާފައިވެ އެވެ.

"ސްޓާލިންކް" ގެ މަޝްރޫއުގެ ފުރަތަމަ މަރުހަލާ ކާމިޔާބުވެ އިންޓަނެޓްގެ ހިދުމަތް ލިބެން ފެށުމުން ފަލަކީ އިލްމު ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން މިހާރު ދަނީ އެ މަޝްރޫއަށް ފާޑު ވެސް ކިޔަމުންނެވެ. އެގޮތުން "ސްޓާލިންކް" ގެ ސެޓެލައިޓްތައް ރޭގަނޑު ދައުރުކުރާތީ ޖައްވީ މިޝަންތަކަށް ބުރޫއަރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ސްޕޭސް އެކްސް އަމާޒަކީ 2021-2022 އާ ދޭތެރޭ "ސްޓާލިންކް" ޕްރޮޖެކްގް ތެރެއިން ޖުމްލަ 1،440 ސެޓެލައިޓް ދުނިޔޭގެ އޯބިޓަށް ދޫކޮށްލުމެވެ. އަދި މި ޕްރޮޖެކްޓް އެކީއަކަށް ކާމިޔާބުވެއްޖެ ނަމަ އިންޓަނެޓްގެ ހިދުމަތަށް ބޮޑު ބަދަލެއް ގެނުވާނެ އެވެ.